ސަދަގާތު ފައުންޑޭޝަނުންގެ ފަރާތުން ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި “މަންމަ” ދަރުސްގެ ނަމުގައި ދަރުހެއް ބާއްވައިފިއެވެ.

ރޭ ބޭއްވީ ދަރުސް ދެއްވާފައި ވަނީ ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ ރާއްޖޭގެ މަޝްހޫރު ދީނޫ އިލްމްވެރިޔާ ޝައިހު އާދަމް ޝަމީމް އެވެ.

“މަންމަ” ދަރުސްގައި ބައިވެރިވެ އަޑުއަހަން ދިޔަ މީހުންނާއި ޓީވީ އާއި ރޭޑިއޯ އަދި ފޭސްބުކު ލައިވް މެދުވެރިކޮށް އެތަކެއް ސަތޭކަ ބަޔަކު ވަނީ މި ދަރުސް އަޑު އަހާފަ ރޮވެފައެވެ.

ގިނަ އަދެއްގެ މީހުން ބައިވެރި ދަރުސްގައި މަންމައަކީ ކިހާ މުހިންމު ފަރާތެއް ކަމަށާއި މަންމައަށްޓަކައި އަދާ ކުރަން ޖެހޭ ހުރިހާ ހައްގުތަކުގެ މައްޗަށް ވަރަށް ފުރިހަމައަށް އެހާ އަސަރު ގަދަކޮށް ކީރިތި ގުރުއާނުންނާއި ރަސޫލާ ހަދީސްތަކާއި ސުންނަތުންނާއި އިލްމުވެރިންގެ ފަތުވާއިން ދަލީލު ދައްކުވައި ދެއްވި އެވެ.

މަންމަ އަދި މައިންބައިންނާ މެދު މިހާރު އަމަލުތަކާއި ކަންތައްތައް ކުރެވޭ ގޮތާއި ހަގީގަތުގައި މަންމައާ ކަންކަން ކުރަން އިސްލާމްދީނުގައި އަންގަވައިވާ ގޮތްތައް ވަރަށް ސާފުކޮށް އެހާ އަސަރު ގަދަ ގޮތެއްގައި ރޭ ޝައިހު ވަނީ ބަންޑުންކޮށްލައި ދެއްވާފަ އެވެ.

ދަރުސްގައި މަންމައަށް އަދި މައިންބަފައިންނަށް ކަމޭ ހިތުމާއި ލޯބި ކުރުމުގައި ބަދަލު ކުރަންވީ ވަރަށް ގިނަ ނުކުތާތަކުގެ މައްޗަށް އަލި އަޅުވާލެއްވި އެވެ. އަދި އެކަން ކަމަށް ބާރު އަޅުވައި އަޅުގަނޑުމެންގެ ހަޔާތް ބަދަލު ކުރުމަށް ގޮވައިލެއްވި އެވެ. އަދި ހުރިހާ އެންމެން މާޒީއަށްޓަކައި ދެރަވެ މަންމަގެ ކިބައިން މާފަށް އެދި ލޯބިކޮށް ދުއާ ކުރުމަށްވެސް އެދި ވަޑައިގެންނެވި އެވެ.

ރޭގެ ދަރުސްގެ ތެރޭގައި ސަދަގާތު ފައުންޑޭޝަންގެ ފާރާތުން ތައްޔާރު ކުރި “މަންމަ” މަދަހަށް ވެސް ރިލީޒް ކުރި އެވެ. މި މަދަހަށް ކިޔައި ދެވީ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމެވެ. ރޭ 9:00 ޖެހިއިރު ފެށި ދަރުސް ނިންމާލީ 10:25 ގަ އެވެ. ދަރުސް ނިންމާލީ ޝައިހު އިސްވެ ކުރެއްވި ދުއާ އަކުންނެވެ.

ޝެއަރކުރައްވާ