މާތްﷲ ކީރިތި ޤުރުއާންގެ އެތައް އާޔަތެއްގައި ކަދުރުގެ ވާހަކަ ގެންނަވާފައިވެއެވެ. ތަފާތު މިސާލުތައް ޖައްސަވާފައިވެއެވެ. މީސްތަކުންނަށް ފައިދާކުރަނިވި މޭވާތައް ބަޔާންކޮށްދެއްވަމުންނެވެ. ހަމައެބީދައިން މާތްﷲ ގެ ނަބިއްޔާ صلى الله عليه وسلم ގެ ހަދީޘް ބަސްފުޅުތަކުގައިވެސް ކަދުރުގެ ވާހަކަ ތަފާތު ގޮތްގޮތަށް ގެންނަވާފައިވެއެވެ. ކަދުރުން ލިބޭ ފައިދާތަކާއި މަންފާތައް ބަޔާންކުރައްވަމުންނެވެ. ބަލިތަކަށްވާ ޝިފާއެއްކަން ހާމަކުރައްވަމުންނެވެ.

މަރްޔަމްގެފާނުން އިސާގެފާނައިގެން ރައްކައުވުމުގެ ވަގުތުގައި ކަންހިގާދިއަގޮތް سورة مريم ގައި އެވަނީ ބަޔާންކުރައްވާފައެވެ. އެވާހަކަތަކަށް ބަލާއިރު ވިހެއުމުގެ ވޭނާއި އެކަމުގެ ވަރުބަލިކަމާއި ހަށިގަނޑަށް ލިބޭ ބަލިކަން ފިލުވުމަށް މާތްﷲ ވަނީ އެކަމަނާއަށް ތާޒާ ކަދުރު ދެއްވައި އެފަރިއްކުޅުވުމަށް އަންގަވާފައެވެ. سورة مريم ގެ 25 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. وَهُزِّي إِلَيْكِ بِجِذْعِ النَّخْلَةِ تُسَاقِطْ عَلَيْكِ رُطَبًا جَنِيًّا ﴿٢٥﴾ فَكُلِي وَاشْرَبِي وَقَرِّي عَيْنًا ۖ فَإِمَّا تَرَيِنَّ مِنَ الْبَشَرِ أَحَدًا فَقُولِي إِنِّي نَذَرْتُ لِلرَّحْمَـٰنِ صَوْمًا فَلَنْ أُكَلِّمَ الْيَوْمَ إِنسِيًّا މާނައީ “އަދި ކަމަނާއާ ދިމާޔަށް ކަދުރުރުކުގެ ގަސްގަނޑު ހަލުވައިލައްވާށެވެ! އޭރުން ދޮންވެ ފައްކާވެފައިވާ ކަދުރުތައް، ކަމަނާގެ އަރިހަށް ފައިބާނެތެވެ. ފަހެ، ކަމަނާ ފަރީއްކުޅުއްވައި، ފެންފޮދު ހިއްޕަވައި، އަދި ހިތްޕުޅު ހަމަޖައްސަވާށެވެ! ފަހެ، އިންސާނުންކުރެ އެއްވެސްމީހަކު ކަމަނާއަށް ފެނިވަޑައިގެންފިނަމަ، ވިދާޅުވާށެވެ! ހަމަކަށަވަރުން، رحمن ވަންތަ ރަސްކަލާނގެއަށްޓަކައި، ރޯދައަށް ހުރުމަށް (އެބަހީ: ހަނުހުރުމަށް) އަހުރެން ނަދުރުގެންފީމެވެ. ފަހެ، މިއަދު އަހުރެން އެއްވެސް އިންސާނަކާ ވާހަކައެއް ނުދައްކާހުށީމެވެ.” މިއިން ހާމަވަނީ ކަދުރުގައި މާތްﷲ ލައްވާފައިވާ މާތްކަމާއި މަތިވެރިކަމާއި ޝިފާއެވެ. އިންސާނާގެ ހަށިގަނޑަށް ކަރުދުން ލިބޭ ސިއްހީ ފައިދާތަކެވެ.

ކަދުރާ ބެހޭގޮތުން ސައިންސުވެރިން ދިރާސާކޮށް ހޯދާފައިވާ ހޯދުންތަކަށް ބަލާއިރު، ކަދުރަކީ މާބަނޑު މީހުންނަށް ފައިދާކުރަނިވި ރަނގަޅު މޭވާއެކެވެ. އެއީ ކަދުރަކީ ވިހެއުމުގައި ދިމާވާ ދަތިތަކުން ސަލާމަތްކޮށްދީ ލޭ ހިނގުމާއި އަދި ބަނޑުގައި އޮންނަ ކުޑަ ދަރިފުޅުގެ ހެދި ބޮޑުވުމަށް ބޭނުންވާ ގިނަ މާއްދާތަކެއް އޭގައި އެކުލެވިގެންވާ މޭވާއެކެވެ. ހަމައެއާއެކު ރަހިމުގެ މަސްތަކުގެ ބާރުގަދަކޮށްދޭ މޭވާއެއްވެސްމެވެ. މާތްﷲ އެވަނީ سورة مريم ގައި އެކަން މާކުރިން ބަޔާންކޮށްދީ އަންގަވާދެއްވާފައެވެ.

އެހެންކަމުން ކަދުރަކީ އޭގައި އިންސާނުންގެ ޞިއްޙަތައް ނުހަނު ގިނަގުނަ ފައިދާތައް ލައްވާފައިވާ ޙާއްޞަ މޭވާއެކެވެ. ވަކިން ޚާއްޞަކޮށް ރަމަޟާން މަހާއެކު ކަދުރަކީ މުސްލިމުންނަށް ވަރަށް މުހިންމު މޭވާއަކަށްވެދެއެވެ. ސަބަބަކީ ކަދުރުން ރޯދަވީއްލުމަށް މި އުންމަތުގެ ނަބިއްޔާ ބާރުއަޅާފައިވުމެވެ. ނަބިއްޔާ صلى الله عليه وسلم ހަދީޘްކުރައްވާފައިވެއެވެ. “ތިޔަބައިމީހުންގެ ތެރެއިން އެއްވެސް މީހަކު ރޯދައަށް ހުރިނަމަ، އެމީހަކު ކަދުރުން ރޯދަ ވީއްލާށެވެ. އެމީހަކު އަތުގައި ކަދުރު ނެތްނަމަ ދެން ފެނުންނެވެ.” ހަމައެއާއެކު ނަބިއްޔާ صلى الله عليه وسلم ގެ އެހެންބަސްފުޅެއްގައި ވެއެވެ. مَنْ تَصَبَّحَ كُلَّ يَوْمٍ سَبْعَ تَمَرَاتٍ عَجْوَةً لَمْ يَضُرُّهُ فِي ذَلِكَ الْيَوْمِ سُمٌّ وَلا سِحْرٌ (رواه البخاري ومسلم) މާނައީ ” ކޮންމެދުވަހަކު ޢަޖުވާ ކަދުރުގެ ހަތް ކަދުރުން ހެނދުނުކޮށްފިމިހާއަށް (އެބަހީ ހެނދުނު ހައިބަނޑާ ހުރެ ޢަޖުވާގެ ހަތްއޮށް ކަދުރު ކައިފިމީހާއަށް) އެދުވަހު ވިހައަކުން އަދި ސިހުރަކުންވެސް ގެއްލުމެއްނުވާ ހުއްޓެވެ.”

ކަދުރުގައި ލައްވާފައިވާ މާތްކަމާއި މަތިވެރިކަން އިތުރަށް ހާމަވަނީ ކަދުރާބެހޭގޮތުން ކޮށްފައިވާ ދިރާސާތަކާއި ހޯދުންތަކުންނެވެ. ޑޮކްޓަރުންނާއި ބޭސްވެރިކަމުގެ މާހިރުން ކަދުރާބެހޭގޮތުން ބުނެފައިވާ ވާހަކަތަކުންނެވެ. ކަދުރަކީ ޞިއްޙަތަށް ވަރަށް ފައިދާ ހުރި މޭވާއެކެވެ. އޭގައި ޕްރޮޓީންސްއާއި ވިޓަމިންސް ގިނައަދަދަކަށް އެކުލެވިގެންވެއެވެ. ގިނަ އަދަދަކަށް ފައިބަރު ހިމެނޭ މޭވާއަކަށްވުމުން “ބަނޑު ސާފުކޮށްދޭ” އެވެ. ހަމައެއާއެކު ކަދުރުގައި ހިމެނޭ ނިކޮޓިނިކް ޕްރޮޕަޓީސްގެ ސަބަބުން ގޮހޮރުގެ އެކިއެކި މައްސަލަތަކަށް ލުއިކަންގެނެސް ދެއެވެ. ބަރާބަރަށް ކަދުރު ބޭނުންކުރާނަމަ، ގޮހޮރުގެ މައްސަލަތައް މެދުވެރިވުން ކުޑަވާނެކަމަށް ޑޮކްޓަރުން އެއްބަސްވެލައްވައެވެ.

ބޭސްވެރިކަމުގެ ތަޙުލީލުތަކުން ދައްކާ ގޮތުން ކަދުރަކީ ކެންސަރުން ދުރުކޮށްދީ ރައްކާތެރި ކޮށްދޭ މޭވާއެއްވެސް މެއެވެ. އެމެރިކާގެ ޔުނިވަރސީއެއްކަމަށްވާ ޔުނިވަރސިޓީ އޮފް ސްކްރެންޓަންގެ ސައިންޓިސްޓުންގެ ހޯދުންތައް ބުނާގޮތުން ހިތުގެ ބަލިތަކާއި ކެންސަރު ބަލިން މީހާ ރައްކާތެރިކޮށްދޭ މާއްދާތަކެއްކަމަށްވާ “ޕޮލިފެނޯލްސް” އެންމެ ގިނައިން އެކުލެވިގެންވާ މޭވާއަކީ ކަދުރެވެ. އެހެންކަމުން ކަދުރަކީ އޭގައި އިންސާނާއަށް ޞިއްޙީގޮތުން މުހިންމު ފައިދާތަކެއް އެކުލެވިގެންވާ އެއްޗެއްކަން އެނގެއެވެ. ކަދުރުގައި ޑައެޓަރީ ފައިބަރާއި ހަކުރާ ލައިގެން ހިމެނޭ ކާބޯހައިޑްރޭޓްސްގެ މިންވަރު 75 ގްރާމް ކަމުގައި ވުމުގެ ނަތީޖާއެއްގެ ގޮތުން ކަދުރު ވެފައިމިވަނީ އިންސާނާގެ ހަށިގަނޑަށް ބޭނުންވާ ހަކަތަ އަވަސްކަމާއެކު ލިއްބައިދެނިވި އެންމެ ރަނގަޅު ކާނާގެ ބާވަތްކަމުގައެވެ. އެހެންކަމުން ކަދުރުން ރޯދަވީއްލުމުން ހަޖަމުކުރުމަށް ފަސޭހަވެގެންދެއެވެ. ދުވާލު ހަތަރުދަމު ނުކައި ހުރުމުން ހަށިގަނޑަށް ލިބިފައިވާ ވަރުބަލިކަމާއި ބަލިކަން ފިލުވާލަދެއެވެ. ހަށިގަނޑުގައި ވަރުޖައްސައިދީ ހަރަކާތްތެރިވުން އަވަސްކުރުވައެވެ.

މަސްދަރު: ޒަހީން.އިންފޯ