މ.މަޑުއްވރީގައި އިމާރާކުރި އެރަށު ކައުންސިލް އިދާރާގެ އާއިމާރާތް ހުޅުވައިފިއެވެ. މ. މަޑުއްވަރީ ކައުންސިލް އިދާރާގެ އާއިމާރާތް ހުޅުވާފައިވަނީ ޑިސެމްބަރު މަހުގެ 10 ވީ އާދީއްތަ ދުވަހުއެވެ.

މ.މަޑުއްވަރީ ކައުންސިލް އިދާރާގެ އާއިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ކައުންސިލް އިދާރާގެ އާއިމާރާތުގައި ދިދަ ނަންގަވައިދެއްވީ ކައުންސިލް އިދާރާގެ ޑެޕިއުޓީ ޑިރެކްޓާރ އަދި ކުރީގެ ރަށު ކަތީބް މުހައްމަދު ޝާކިރެވެ.

މ.މަޑުއްވަރީ ކައުންސިލް އިދާރާގެ އާއިމާރާތް މިހާރު އަޅާފައިހުރި ތަނުގައި އެއިމާރާތް އެޅުމަކީ މ.މަޑުއްވަރީގެ ކުރީގެ ކަތީބު އަދި މިހާރުގެ ޒިންމާދާރުވެރިޔާ މުހައްމަދު ޝާކިރުގެ ދުރުވިސްނުންފުޅެވެ. އެގޮތުން މީމު އެމްވީ އަށް މައުލޫމާތު ދެއްވަމުން ކުރީގެ ކަތީބް މުހައްމަދު ޝާކިރު ވިދާޅުވީ ކައުންސިލް އިދާރާގެ އާއިމާރާތް ހުޅުވިގެން ދިއުމުން ފުރިހަމަވެގެން ދިޔައީ 19 އަހަރުގެ ދިގު އުންމީދެއްކަމަށެވެ. ކުރީގެ ކަތީބް އަދި މިހާރު ކައުންސިލް އިދާރާގެ ޒިންމާދާރު ވެރިޔާ ޝާކިރު ވިދާޅުވީ، މިހާރު ކައުންސިލް އިދާރާ އަޅާފައި ހުރިތަނުގައި އޮފީސް އެޅުމަށް އެންމެ ފުރަތަމަ އުންމީދު އައީ ކަތީބްކަމާ ހަވާލުވި ހިސާބުން ކަމަށެވެ. އެގޮތުން 1993 ވަނަ އަހަރު ރަށުގެ ކަތީބް ކަމުގައި ހުރި އިރު އޭރު ހުރި ރަށު އޮފީހަކީ ކޯޓާއި އެކު ހުރި އޮފީހެއް ކަމުން އަދި އޮފީހުގެ ޖާގަ ކުޑަކަމުން ޚިދުމަތް ހޯދުމަށް އަންނަ ރައްޔިތުންނަށް ދަތިތަކެއް ހުރި ކަމަށް ކުރީގެ ކަތީބް ޝާކިރު މައުލޫމާތު ދެއްވިއެވެ. އޮފީހުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ދަތިތަކެއް ހުރިކަމަށާއި، އަދި ރައްޔިތުންނަށް ވެރިންނާއި ބައްދަލުކޮށް މަޝްވަރާކޮށް ޝުއޫރުފާޅުކުރުމުގައި ދަތިތަކެއް ހުރިކަން އިހުސާސް ކުރެވުނު ކަމަށް ކުރީގެ ކަތީބް ޝާކިރު ވިދާޅުވިއެވެ. އެގޮތުން އެހުރި ދަތިތަކުގެ ސަބަބުން 1997 ވަނަ އަހަރު އާ އޮފީހެއް (އަލަށް ހުލުވުނު ކައުންސިލް އިދާރާގެ އިމާރާތް ހުރި ތަނުގައި) އެޅުމުގެ އުންމީދު ކުރެވުނު ކަމަށް ކުރީގެ ކަތީބް ޝާކިރު މައުލޫމާތުދެއްވިއެވެ.

މަޑުއްވަރި ކައުންސިލްގެ އާ އިމާރާތް — ފޮޓޯ: މީމު.އެމްވީ

ކައުންސިލް އިދާރާގެ އާއިމާރާތް އަޅާފައި ހުރި ތަނަކީ ކުރިންރާޅުޖަހާ ފަށުގައި ހުރި ތަނަކަށް ވީއިރު ކުރީގެ ކަތީބް ޝާކިރު ވިދާޅުވީ މިހާރު ކައުންސިލް އިދާރާގެ އާ އިމާރާތް ހުރި ތަނުގައި އާ އޮފީހެއް އެޅުމުގެ ވިސްނުންކުރި ކުރެވުނު އުންމީދުގެ ނަތީޖާއެއްގެ ގޮތުން 2000 ވަނަ އަހަރު އެސަރަހައްދު ހިއްކުމުގެ މަސައްކަތް ފެށުނު ކަމަށާއި އަދި އޭގެ ނަތިޖާއެއްގެ ގޮތުން ރަށުގައި ގޯތި ދިނުމުގައި ހުރި ދަތިތަކަށް ހައްލުލިބުނުކަމަށެވެ. އަދި މިހާރުގެ ކައުންސިލް އިދާރާގެ އިމާރާތް އެޅިފައި ހުރި ތަނަކީ އޮފީސް އެޅުމަށް ހާއްސަ ކުރެވިފައހުރި ބިންކަމަށް ރައްޔިތުންނާ ހިއްސާކުރުމުން އެއްވެސް ޝަކުވާއެއް ކުރުމަކާ ނުލާ ރައްޔިތުން އެކަމަށް އެއްބާރުލުން ދެއްވިކަމަށްވެސް ކުރީގެ ކަތީބް ޝާކިރު މައުލޫމާތުދެއްވިއެވެ.

މ.މަޑުއްވަރީގެ ޤަބުރުސްތާންގެ ވަށާފާރު ރޭނުމާއި ކުރީގެ އިންޖީނުގޭގެ މަސައްކަތްތަކުގެ އިތުރުންވެސް ރަށުގެ ތަރަށްޤީއަށް ގިނަ ބޮޑެތި މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ކައުންސިލްގެ ޒިންމާދާރު ވެރިޔާ އަދި ކުރީގެ ކަތީބް ޝާކިރު ވިދާޅުވީ ކައުންސިލް އިދާރާގެ އާއިމާރާތް ހުޅުވިގެން ދިއުމުން ފުރިހަމަވެގެން ދިޔައީ 19 އަހަރުގެ ދިގު އުންމީދުކަމަށެވެ.

މ.މަޑުއްވަރީ ކައުންސިލް އިދާރާގެ އާ އިމާރާތް ހުޅުވާ ކައުންސިލްގެ އިދާރީ މަސައްކަތްތައް ފަށާފައިވާއިރު ކައުންސިލް ގެ ރައީސް އިސްމާއިލް ނާފިއު ވިދާޅުވީ ކައުންސިލް އިދާރާގެ އިމާރާތް އަޅާފައިހުރި ތަނާއި އެއުންމީދު ތަކަކީ ކައުންސިލްގެ ޒިންމާދާރު ވެރިޔާގެ ދުރު ވިސްނިންފުޅާއި މިންނެތް މަސައްކަތް ކަމަށެވެ. އަދި 19 އަހަރަށްފަހު ކުރީގެ ކަތީބް ޝާކިރުގެ އުންމީދުތައް ހަޤީޤަތަކަށް ވުމުން އެކަމަށް މަރުހަބާ ދަންނަވާކަމަށް ކައުންސިލްގެ ރައީސް އިސްމާއިލް ނާފިއު މީމުއެމްވީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

މ.މަޑުއްވަރީގައި އަލަށް ހުޅުވުނު ކައުންސިލް އިދާރާގައި މީޓިން ރޫމަކާއި ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކާއި ކޯސްތައް ހިންގާނޭ ތަނެއް “ދަސްވެނިވި މާލަން”ގެ ނަމުގައި ހާއްސަ ކޮށްފައިވާއިރު އިދާރީ ސްޓާފުން މަސައްކަތް ކުރާ ސަރަހައްދުގެ އިތުރުން އަންހެނުންގެ ކޮމިޓީއަށް ހާއްސަ ކޮޓަރިއެއް ހުންނާނޭ ކަމަށް ކައުންސިލްގެ ރައީސް ވިދާލުވިއެވެ. އަދި ކޮންމެ ކައުންސިލަރަކަށް ވަކިން ކޮޓަރިއެއް ހުންނައިރު އާކައުންސިލް އިދާރާގައި ޖާގައިގެ ތަނަވަސްކަން ހުރުމުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ކުރިއަށްވުރެއް ފަސޭހަވާނޭ ކަމަށް ވެސް ކައުންސިލްގެ ރައީސް ނާފިއު މައުމާތުދެއްވިއެވެ.

ޝެއަރކުރައްވާ