އާއިލާއާއި އެކުވެރިންގެ ނަސޭހަތާއި އެމީހުންގެ އެދުމާއި ދެކޮޅަށް ނިޒޫ އޭނާގެ ހަޔާތުގެ އެންމެ މުހިންމު ނިންމުން ނިންްމިއެވެ. ޔާސިރުއާއި އަބަދަށް ވަކިވުމަކީ ނިޒޫއަށް ކުރެވޭނެ ކަމަކަށް ނުވިއެވެ. ޔާސިރުއާއި ނިޒޫގެ ގުޅުން ފެށިގެން އައިރު ކަންތައް ވަމުން ދިޔަގޮތުން ނިޒޫ ދިޔައީ ކައިވެނިކުރާ ދުވަހަށް ވަރަށް ތައްޔާރުވެ ބޮޑު ޕޓީއެއް ބޭއްވުމަށެވެ. ނަމަވެސް އާއިލާއާއި އެކުވެރިން ނުލާ ބާއްވާނެ ޕާޓީއެއްނެތެވެ. އާއިލާއިން ފުރިހަމަ ރުހުން ލިބިފައިވާ އެގުޅުމަށް ކައިވެންޏާއި ހަމައަށް އައިރު ރުހޭ އެއްވެސް މީހެއް ނެތެވެ. ކައިވެންޏަށް ބައްޕަ ވަލީ ދިނީ ދެލޮލުން ކަރުނަ އޮހޮރަމުން އެންމެ ކުޑަ ދުވަހުން ފެށިގެން ވެސް އަހަރެންގެ އެއްވެސް އުފަލަކަށް ބައްޕަ ހުރަސް އަޅާފައި ނެތުުމުންނެވެ. ބައްޕަގެ ވާޖިބު އަދާކުރުމުގެ ގޮތުންނެވެ.

ނިޒޫއާއި ޔާސިރު ކައިވެނިކޮށްގެން އުޅެން ފެށީ ދެފަރާތުގެވެސް އާއިލާއާއި ވަކިން އެޕާޓްމަންޓްއެއް ކުއްޔަ ހިފައިގެންނެވެ. ޔާސިރުއަކީ މާލެއަށް އުފަން މީހެއް ނަމަވެސް ކައިވެންޏާއި ހަމައަށް އައިރު ދެފަރާތުގެ އާއިލާވެސް ކައިވެނި މިވަގުތުކުރަން ބޭނުން ނުވާތީ އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށް ދެމީހުންވެސް ނިންމީއެވެ.

ކޮންމެ ދިރިއުޅުމެއްގައިވެސް ކުދިކުދި މައްސަލަތަށް ޖެހޭނެކަން އެއީ އަހަރެމެންގެ ތެރެއިން އެންމެވެސް ގަބޫލުކުރާ ކަމެކެވެ. އެހެންނަމަވެސް ތަފާތަކީ އެ މައްސަލަތަކަށް ހައްލު ހޯދަން އެކި މީހުން ބޭނުން ކުރާ ތިއަރީއެވެ. މިޒާޖް ތަފާތުވުމަކީ އެއްވެސް ދިރިއުޅުމެއްގައި މައްސަލައެއް ނޫނެވެ. އެއީ ކޮންމެ މީހަކީވެސް ތަފާތު މީހެއްކަމަށް ވާތީއެވެ. އެހެން ނަމަވެސް ވާހަކަ ދައްކައިގެން ޖެހޭމައްސަލަތަކުގެ ހައްލު ހޯދުމަކީ ކޮންމެ މީހަކަށްވެސް ކުރެވޭނެކަމެއް ކަމަށް ގަބޫލް ކުރަން ޖެހެއެވެ.

ނިޒޫގެ ދިރިއުޅުމުގައި ދިމާވަމުން ދިޔަ ކުދިކުދި މައްސަލަތައްވެސް ނިމެނީ އާއިލާއިން މިކައިވެންޏަށް ނުޤަބޫލްވުމުން އެމީހުންނާއި މެދު ޔާސިރު ބުނަމުންދިޔަ އިހާނެތި ބަސްތަކުންނެވެ. މިކައިވެންޏަށް ދެއާއިލާއިން ވެސް ނުގަބޫލް ވިނަމަވެސް ކައިވެންޏަށް ފަހު ޔާސިރުގެ މައިންބަފައި ޔާސިރުއަށް އެއްވެސް ތަފާތުކުރުމެއް ނުގެންގުޅެެވެ. ނިޒޫގެ އާއިލާގެ މީހުން ކުރިން އޮތް ގުޅުން ބާއްވަން މަސައްކަތެއް ނުކުރެއެވެ. ނިޒޫގެ ހާލު ކިރިޔާވެސް ބަލަމުން ދިޔައީ ބޭބެއެވެ. އެއީވެސް ފޯނުންނެވެ. އެފަދަ ކޮންމެ ދުވަހަކު ނިޒޫ އޭނާގެ ބޭބެއަށް ގުޅައެވެ. ހަމައެކަނި ބޭބެގެ އަޑުއަހާލުމަށެވެ. ބޭބެއަށް އެނގޭގޮތުގައި ކައިވެނި ވަރަށް އުފާވެރިއެވެ. އާއިލާއިން ކައިވެންނަށް ނުގަބޫލް ވިޔަސް ފެށިމި ދިރިއުޅުމުން ނިޒޫއަށް ހިތްހަމަޖެހުން ލިބޭތީ ބޭބެގެ އެއްވެސް ޝަކުވާއެއް މިހާރަކު ނެތެވެ. ބޭބެ އަށް އިވެނީ ނިޒޫގެ އަޑެވެ. އެއަޑަކު ޝަކުވާއެއް ނެތެވެ. ނަމަވެސް އެހިތުގައި ޝަކުވާތައް ގިނައެވެ. އެމޫނު ބޭބެ ހީކުރަމުންދާ އުޖަލާއެއްނޫނެވެ. ނަމަވެސް އެކަން އެނގޭނީ ކާކަށް ހެއްޔެވެ.

ނިޒޫގެ ދިރިއުޅުން އެއްކޮށް ބަދަލުވީ އެހަފްތާގެ ހުކުރު ދުވަހު މެންދުރު ކެއުމަށް ބޭބެ ދިން ދައުވަތުގެ ހިސާބުންނެވެ. ޔާސިރުކައިރީ ބުނުމުން އެގެޔަށް ދިއުމަށް އިންކާރުކުރިއެވެ. އަދި ނިޒޫވެސް ގޮސްގެން ނުވާނެކަމަށް ބުންނަމުންދިޔައެވެ. ޔާސިރު ކުރިމަތީ ނިޒޫ އެއްވެސް އެއްޗެއް ނުބުނެ ދޫކޮށްލައިގެން ހުއްޓަސް އެކަމަށް އެއްޗެކޭ ނުބުނެ ނުހުރެވުނެވެ. ޔާސިރުގެ މައިންބަފައިން ކައިރި އަށް ދާގޮތަސް ނިޒޫގެ މައިން ބަފައިން ކައިރިއަށް ވެސް ދެވެން ޖެހޭނެކަމަށް ބުނަމުންދިޔައެވެ. އެޒުވާބު ނިމުނީ ޔާސިރު ބާރުގަދަ އެތިފަހަރެއް ނިޒޫގެ މޫނުމަތީ ޖެހުމުންނެވެ. އެވަރުން ޔާސިރުގެ ހިތްހަމައެއް ނުޖެހުނެވެ. ކުނިކަހާ ފިހިގަނޑުނަގާ ނިޒޫ ގައިގާ ޖެހިއެވެ. ނިޒޫ ރޮއި އާދެސް ކުރިއެވެ. ހިތުގައި އަޅަމުން ދިޔަ ވޭންތަކުގެ ޒަހަމް ހަށިގަނޑުގެ ބޭރުފުށުން ފެންނަންފެށިއެވެ. އެހެން ހުރެ އޮފީހަށް ދާން ނުކެރުމުން ޖެހިގެން އައި ދުވަހު އޮފީހަށް ސަލާމްބުނީމެވެ.

           ހުކުރު ދުވަހު ގެޔަށް ދެވެން ނެތްކަމަށް ބުނެ ބޭބެއަށް މެސެޖް ކުރީމެވެ. އެދުވަހު ނިޒޫގެ އެންމެ އެކުވެރި ޔަމް އާއި ސާޔާ ވެސް އަންނާނެކަމަށް ބޭބެ ބުންޏެވެ. ކައިވެންޔަށްފަހު ޔަމް އާއި ސާޔާއާއި އެއްކޮށް އުޅުން ޔާސިރު މަނާކުރިއެވެ. އެއީ ކައިވެންޏަށް އެމީހުންގެ ސަޕޯރޓް ނުލިބުމުންނެވެ. ނަމަވެސް ވަފާތެރި ތިމާދެކެ ލޯބިވާ އެކުވެރިންނަކީ އެމީހަކު ކޮންމެ ހާލެއްގައި އުޅެން ޖެހުނަށް ދޫކޮށްލާނެ ބަޔެއްނޫނޭ މީހުން އަބަދުވެސް ބުނެއެވެ. އެގޮތުން ޔަމް އާއި ސާޔާވެސް ނިޒޫގެ ހާލު މެސެޖް އިން ބަލަމުން ދިޔައެވެ. އެެއެންމެން ކުރިމަތީވެސް ޔާސިރުއަކީ އޯގާތެރި ލޯބި ފިރިއެކެވެ. އެހެންކަމުން މިއަދު މިދިމާވި ކަންތަށް ނިޒޫއަށް އެމީހުންއަށް ކިޔާދޭނެ ގޮތެއް ނޭނގުނެވެ. ކިޔާދޭނެހާ ހިތްވަރެއްވެސް ނެތެވެ.

ހުކުރު ދުވަހަށް އިރުއެރިއިރު ނިޒޫގެ ހިތް ބުނަމުން ދިޔައީ ގެޔަށް ދިއުމަށެވެ. ކައިވެންޔަށް ތިން މަސްވިއިރު އެމީހުންނާއި ދިމާނުވެ އުޅެން ޖެހުމުން ނިޒޫހުރީ ދާން ބޭނުންވެފައެވެ. މަންމައާއި ބައްޕަވެސް ނިޒޫއަށް މަޢާފްކުރި ކަމުގެ އުއްމީދާއި އެކަމުގެ ހިތްހަމަޖެހުން ހިތަށް ވެރިވަމުން ދިޔައެވެ. ހުކުރު ދުވަހު ޔާސިރު ތެދުވާނީ ހުކުރަށް ދާން ކަމުން ކެއްކުމަށްފަހު ޔާސިރުއަށް މެސެޖް ކޮށްފައި ނިޒޫ ގެޔަށް ދިޔައެވެ.

ނިޒޫ އުއްމީދުކުރި ގޮތަށް އާއިލާއާއި އެންމެންގެ ރުހުން ލިބުނެވެ. އެމީހުންގެ ހިތުގައި ޔާސިރުއަށްވެސް އަދި އަހަރެންނަށްވެސް އެއްވެސް ހިތްބަރުކަމެއް ނެތެވެ. މިފަދަ ވަގުތެއްގައި ގެޔަށް އައީ ޔާސިރުގެ ނުގަބޫލުގައި ކަމަށް ބުނާނެ ހިތްވަރެއް ނިޒޫއަކަށް ނުލިބުނެވެ. ޔާސިރު ރައްޓެއްސެއްގެ ގެއިން ދައުވަތެއް ލިބިފައިވާތީ އެގެޔަށް ދާނެ ކަމަށް ބުނެ ދޮގުހެދީއެވެ.

ގިނަ ދުވަސްތަކެއްފަހު އެންމެންނާއި ދިމާވުމުން ނިޒޫއަށް ހުރީ ރޮވިފައެވެ. ލޮލުން އަންނަމުން ދިޔަ ކަރުނައަކީ އުފަލުން އޮހެރޭ ކަރުނައެއް ކަމެއް ހިތާމައާއި ވޭނާއެކު އަަންނަ ކަރުނައެއް ކަމެއް އެއްވެސް މީހަކަ ނޭނގެއެވެ. އުފާވެރި އެވަގުތު ނިޒޫއަށް ހަމަ ހިމޭންކަން ގެނުވީ ފޯނަށް އައި މެސެޖް އެވެ. ޔާސިރުގެ މެސެޖެވެ. އެގެއިން ނިކުމެގެން ގެޔަށް އައުމަށެވެ. އެމެސެޖްއާއި މެދު މާބޮޑަށް ނުވިސްނާ ހުރެވޭތޯ ނިޒޫ ބަލަމުން ދިޔައެވެ. ތިނެއް ޖަހަން އުޅެނިކޮށް ނިޒޫ ގެޔަށް ދިޔައެވެ.

           ނިޒޫގެ އިންތިޒާރުގައި ޔާސިރުއިނީ ކާމޭޒް ކައިރީ ނުކައި ރުޅިއައިސްފައިއިން ސިންގާއެއް ފަދައިންނެވެ. ޔާސިރު ނުކައި އިނީ ކީއްވެތޯ ނިޒޫ އެހުމާއެކު މޭޒުމަތީ ހުރި ތަށިތައް ނިޒޫއާއި ދިމާލަށް ފޮޅާލިއެވެ. ތަށިތަކުގައި ހުރި އެއްްޗެހި އެކި ދިމާލަށް ބުރައިގެން ދިޔައެވެ. ބަޔެއް ތަށިތަށް ނިޒޫގެގައިގައި ޖެހި ލައިގެން ހުރި ހެދުންކާ އެއްޗެހިން ފޯވަމުން ދިޔައެވެ. ޔާސިރު ތެދުވެގެން ދަމުން ނިޒޫ ކޮއްޕާލިއެވެ. ޓައިލްސް މައްޗަށް އެޅިފައި ހުރި ކާ އެއްޗެހިތައް މައްޗަށް ނިޒޫ ކައްސާލައިގެން ވެއްޓިޖެހުނެވެ. ހަށިގަނޑުގެ އެތަން މިތަނުން ވޭން އަޅަމުންދިޔައެވެ. ވެއްޓުނު ގޮތަށް ރޯން ނިޒޫއަށް އޮވެވުނީ ކިހާ އިރަކު ކަމެއްވެސް ނޭނގުނެވެ. ހިތްފުރެންދެން ރުއިމަށްފަހު ތެދުވެ މުޅި ބަދިގެ ސާފުކުރަން ފެށީމެވެ.

-ނުނިމޭ-

ޝެއަރކުރައްވާ