އެދުވަހަށްފަހު ނިޒޫގެ މުޅި ދިރިއުޅުން ބަދަލުވިއެވެ. އޮފީހުންވެސް ވަކިވުމަށް މަޖުބޫރުވިއެވެ. މުޅި ދުނިޔެއާއި ދެކޮޅަށް ފެށި ދިރިއުޅުމުގެ ދަތުރުގައި އެބުރި ފަހަތަށް ބަލާނެހާ ހިތްވަރެއް ނިޒޫގެ ނެތެވެ. ހަމައެހެންމެ ދަތުރުގައި ކުރިޔަށް ދެވޭނެ ކަމުގެ އުއްމީދެއްނެތެވެ. ކުރިޔަށް ދިޔުން ނޫން ގޮތެއްނެތެވެ. ނިޒޫ އޮފީހުން ވަކިވުމުން ނިޒޫގެ މައިންބަފައިންނަށް ނިޒޫގެ ހަޤީޤީ ހާލުކޮންމެވެސް ވަރަކަށް ތަސައްވަރުވިއެވެ. އެހެންކަމުން އެސުވާލުތަށް ކުރުން ހުއްޓާލިއެވެ. ނިޒޫ ފެށި ދިރިއުޅުމަކީ ކާމިޔާބު ދިރިއުޅުމަކަށް ހެދޭތޯ މަސައްކަތްކުރުމަށް ހިތްވަރުދިނެވެ.

އެދުވަހަށް ފަހު ޔާސިރުގެ އަނިޔާތަށް ތަކުރާރުވެ ނިޒޫގެ ހިތް މާޔޫސްވާންފެށިއެވެ. ނިޒޫގެ ހިތަށް ހަމަޖެހުން ލިބިދޭ ހަމައެކަނި ހަތިޔަރަކީ ނަމާދެވެ. ﷲ އަށް ވަކީލްކޮށް މިއިމްތިޙާންއަށް ކުރިމަތިލާނެހާ ކެތްތެރިކަމަށް އެފަރާތުގައި ކޮންމެ ނަމާދަކަށްފަހު އެތަކެއް އިރެއް ވަންދެން ކަރުނުން ދެލޯފުރޭހާލުގައި ދަންނަވަމުން ދިޔައެވެ.

ނިޒޫގެ ދިރިއުޅުމުގައި ނިވެމުންދިޔަ އުއްމީދުގެ ހުޅުކޮޅަށް އިތުރު އަލިކަމެއް ގެނެސްދިނީ ނިޒޫގެ ހަށިގަނޑުގައި އިތުރު ވިންދެއް ނިޝާންފެނުމުންނެވެ. ހަމަޔަކަށް ނޭޅި އޮތް ދިރިއުޅުމަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. ނިޒޫ ބަނޑުބޮޑުކަން އެގުމުން ޔާސިރުގެ އެހީތެރިކަން އުއްމީދުކުރިވަރަށް ވުރެއް ބޮޑަށް ލިބުނެވެ. ނަމަވެސް ޔާސިރު ހިތްހަމަ ނުޖެހޭ ގޮތަކަށް ކަމެއްކުރެވިއްޖެ ނަމަ ކުރިންވެސް ކުރި އަނިޔާތަކަށް ބަދަލެއް ނާދެއެވެ. ބަދަލުވީ އަނިޔާ ކުރުމަށްފަހު ޔާސިރު ދެރަވެ ދަރިފުޅަށް ކަމެއްވެދާނެތީ އުޅެން ފެށުމެވެ. އެކަމާ ދެރަވެގެން ވާހަކަ ދެއްކުމެވެ. ކުރިން ޔާސިރުގެ ހިތަށް އެއްވެސް އެއްޗެއް އަރާހެނެއް ހިޔެއްނުވެއެވެ. އެފަދަ ކޮންމެ ފަހަރަކު ޔާސިރުއާއެކު އުޅެން ބޭނުން ނުވާ ހިޔާލްތަށް އާދެއެވެ. ނަމަވެސް މިހާރު ބަނޑުގައިވާ ދަރިފުޅުދެކެ ޔާސިރު ލޯބިވާވަރު އިޙްސާސް ވުމުން ޔާސިރު ދޫކޮށްލައިފާ ދިއުމަކީ މިހާރު އެހާ ފަސޭހަކަމަކަށް ނުވިއެވެ.

ލިބެމުންދިޔަ އަނިޔާ ތަކަށް ނިޒޫ ހޭނެމުންދިޔައިރު ވިސްނެމުންދިޔައީ މިއީ ނިޒޫއަށް ހުރިގޮތެވެ. ތަޤްދީރުގައި ވާން ހުރިގޮތެވެ. އެހެންކަމުން އެއަނިޔާތަކަށް ކެތްކޮށްގެން ހުރުން ނޫންގޮތެއް ނެތްކަމަށެވެ. އެކުވެރިންނާއި އާއިލާ މީހުންއަށް ކޮންމެވެސް ވަރަކަށް ނިޒޫގެ ހާލު އެގުނު ނަމަވެސް އެއްވެސް މީހަކު އެވާހަކަތަކެއް ނިޒޫކައިރި އަކު ނުއްދައްކައެވެ. ސަބަބަކީ ދިރިއުޅުން ފެށުމުގެ ކުރިން އެމީހުން ބުނަން ވީ ބަސް ބުނެފައިވާތީއެވެ. ދެން އިތުރަށް އެވާހަކަތަށް ތަކުރާރު ކުރަން ބޭނުންނުވާތީއެވެ. ނަމަވެސް ނިޒޫއަށް އެމީހުންގެ ފަރާތުން އެހީތެރިކަން ލެބޭނެކަމުގެ އުއްމީދު އެމީހުންނާއި މެދު އަބަދުވެސް އޮވެއެވެ. ނަމަވެސް ހާލަތާއި ވަގުތު ދިޔައީ އެއެހީތެރިކަމަށް ހުރަސް އަޅަމުންނެވެ.

ގެއިން ނިކުންނަށް ހިތްނުވެ އުޅެން ފެށުމުން މަންމަމެން އެގެޔަށް އައިސް ބޭރުތެރެއަށް ނިކުމެ އުޅުމަށް ނަސޭހަތްދެމުން ދިޔައެވެ. ބަނޑުބޮޑު ދުވަސްވަރު މާގިނައިން ވިސްނާ ފިކުރު ކުރުމަކީ ދަރިފުޅަށް އޭގެ އަސަރު ކުރާނެ ކަމެއްކަމަށް ބުނަމުން ދިޔައެވެ. ޔާސިރުކައިރީ މަންމަމެންގެޔަށް ދިއުމަށް ބޭނުންވާ ވާހަކަ ބުނުމުން އެކަމާ ހިތްހަމަނުޖެހުނު ނަމަވެސް ދަރިފުޅަށްޓަކައި އެކަމަށް އެއްބަސްވިއެވެ. އެކަމަކު ޔާސިރު ދުވަހަކުވެސް އެގެޔަށް ނުވަންނާނެކަމަށް ބުންޏެވެ.

ނިޒޫގެ ހިތަށް ކޮންމެވެސްވަރެއްގެ ހަމަޖެހުމެއް ލިބެންފެށިއެވެ. އާއިލާއާއި އެކުވެރިންނާއި ބައްދަލުކުރެވެން ފެށުމުންނެވެ. އުއްމީދަކަށްވީ ޔާސިރުވެސް ކޮންމެވެސް ދުވަހަކުން ބަދަލުވާނެއެވެ. ނިޒޫގެ މަންމެންނާވެސް ވާހަކަ ދައްކާނެ ދުވަހެއް އަދި އަންނާނެއެވެ.ހަމައެކަނި އުއްމީދެއްގެ މައްޗަށް ބަރޯސާވެ ކުރިޔަށް ދަމުން ދިޔަ ދިރިއުޅުމުގައި އެކިދުވަސްތަކުގައި ދައްކަމުންދިޔައީ އެކިކުލަތަކެވެ.

ވިހަން ކައިރިވަމުން ދިޔަވަރަކަށް ނިޒޫއަށް އެކިއެކި އުދަގޫތަށް ވަމުންދިޔައެވެ. ކުރިން ކުރަމުން އައި ގޭތެރޭގެ މަސައްކަތްތަށް ނުކުރެވި ބަލިވާން ފެށިއެވެ. އަނެއްކާވެސް މައްސަލަ ބޮޑުވީ އެހިސާބުންނެވެ. ޔާސިރު އޮފީހަށް ދާން ގަމީސް، ފަޓްލޫން އިސްތިރިކޮށްފައި ހުންނަގޮތް ހިތްހަމަނުޖެހި ޔާސިރުގެ އަނިޔާއާއި ކުރިމަތިލާންޖެހޭލެއް ގިނަވުމެވެ. ނިޒޫ އެންމެ ހިތްދަތިވީ އެގެޔަށް ނިޒޫ މަންމަ އަންނަ ބޭނުންވެ އެގެޔަށް ނިޒޫގެ އެއްވެސް މީހެއް ވަނުމަށް ޔާސިރުބޭނުން ނުވާތީއެވެ. ނިޒޫގެ އާއިލާ މީހުން އެގެޔަށް ވައްދައިގެން އިތުރު އަނިޔާތަކެއް ތަހައްމަލް ކުރާނެހާ ހިތްވަރެއް ނިޒޫގެ ހަށިގަނޑަކުނެތެވެ.

ޔާސިރުގެ މަންމަގެ އޯގާތެރިކަމާއި އަޅާލުމަކީ ނިޒޫ ދުވަހަކުވެސް ހިތުން ފިލާނެކަމެއްނޫނެވެ. ނިޒޫއަށް އެހީތެރިކަން އެންމެ ބޭނުންވި ދުވަހު އުފަން މަންމަފަދައިން ޔާސިރުގެ މަންމަ އެގެޔަށް އައިސް ކަންތަށް ކޮށްދެމުން ދިޔައެވެ. ނިޒޫ މެންގޭގެ ޔާސިރު މަންމަ އުޅުން ގިނަވި ވަރަކަށް ނިޒޫ އުޅެމުންދިޔަ ހާލާއި ހަށިގަނޑުގެ އެކި ތަންތަނުގައި ލާފައިވާ ލަކުނުތަކާއި ނިޒޫ އަޅަމުންދިޔަ ކަރުނަތަށް ފެންނަމުންދިޔައެވެ. އެނާގެ ދަރިފުޅުގެ ފަރާތުން މީހެއްގެ ދަރިޔަކަށް ލިބެމުންދާ އަނިޔާތަކާއި މެދު ފުރަތަމަ ފަހަރަށް ނިޒޫއާއި ސުވާލުކުރިއެވެ. އެމަންމަ އަށްވެސް ކެތްނުވީއެވެ. ނިޒޫއަށް ޔާސިރުގެ މަންމައަށް ދޭނެ ޖަވާބެއްނޭގުނެވެ. ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތަށް އޮހެންފެށުނެވެ. ޔާސިރު މަންމަ ބޭނުންވީ އެވާހަކަތަށް ޔާސިރުއާއި ދައްކާށެވެ. ދަރިއެއްގެ ހައްޤުގައެވެ. އަންހެނެއްގެ ހައްޤުގައެވެ. އެމައިމީހާ ބަލާބޮޑުކުރި ދަރިއެއްގެ ފަރާތުން އެހެން މީހަކަށް ކުޑަ އަނިޔާއެއްވެސް ލިބުމަކީ އެމަންމައަށް ކެއްވާވަރުކަމަކަށް ނުވިއެވެ. އެކަމަށް ނިޒޫ ފާޅުގައި ދެކޮޅު ހެދިއެވެ. ނިޒޫއަށްޓަކައި އެވާހަކަތަށް ޔާސިރު ކައިރީ ނުދެއްކުމަށް އާދޭސް ކުރިއެވެ.

-ނުނިމޭ-

ޝެއަރކުރައްވާ