ދެވަންސޫރައިގެ ޕްރޮމޯޝަން ޕޯސްޓަރެއް

ދިވެހި ފިލްމީ ދާއިރާގެ ތަޖުރިބާކާރު އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ ޑައިރެކްޓް ކުރި ފިލްމު “ދެވަންސޫރަ” މ. މަޑުއްވަރީގައި އަޅުވާގޮތަށް ހަމަޖެހިއްޖެއެވެ.

މީމު.އެމްވީއަށް މަޢުލޫމާތު ދެމުން މަޑުއްވަރީ ޒުވާން ޖީލު (މިޒާޖު) ބުނީ މިމަހުގެ 16 ވަނަ ދުވަހުގެރޭ މަޑުއްވަރީގައި ފިލްމު އެޅުވުމަށް ހަމަޖެހިފައިވާކަމަށާއި ފިލްމު ޕޯސްޓަރުތަކާއި ޓިކެޓްތައް މިހާރު ލިބިފައިވާކަމަށެވެ.

މަޑުއްވަރީގައި 16 ވަނަ ދުވަހުގެރޭ ފިލްމު އެޅުވުމަށް ހަމަޖެހިފައިވާއިރު އަތޮޅުގެ އެހެން ރަށްރަށުގައި ފިލްމު އެޅުވުމަށް ބޭނުންވާ ފަރާތްތަކުން އެޖަމްޢިއްޔާގެ އިންތިޒާމް ސެކްރެޓަރީ ޙަސަން މަހާސިންގެ ނަންބަރު 7620507 އަށް ގުޅުމުން ފިލްމުގެ ޕޯސްޓަރާއި ޓިކެޓް އަދި ފިލްމު އެޅުވުމުގެ ކަންކަން ހަމަޖެހިގެންދާނެކަމަށް އެޖަމިއްޔާއިން މަޢުލޫމާތު ދެއެވެ.

ފެބްރުވަރީ މަހުގެ 06 ވަނަ ދުވަހުގެރޭ “ދެވަންސޫރަ” ރިލީޒްކޮށްފައިވާއިރު ބެލުންތެރިން ބުނަނީ މިފިލްމަކީ މޮޅު އަދި ތަފާތު ފިލްމެއް ކަމަށެވެ.

މިފިލްމަކީ ސަސްޕެންސް ތްރިލާ ޖޯންރާއަށް ގެނެސްދިން ފިލްމެކެވެ. ކުށްތަކާއި ތަހުގީގުތަކެއް ދައްކުވައިދޭ އެ ފިލްމަކީ މަރެއްގެ ހަގީގަތް ހޯދުމަށް ކުރަމުންދާ ތަހުގީގުގެ މަރުހަލާ އެވެ. އަންހެން ކުއްޖަކު ރަހުމު ކުޑަ ގޮތަކަށް މަރާލައިފައި އޮތް މަންޒަރު ފުލުހުންނަށް ފެނުމާއެކު ޝައްކު ކުރެވޭ މީހަކު ހައްޔަރުކުރެއެވެ. ކުޑައިރު ދިމާވި ކަމަކުން ޔޫއްޕެ (ޝިޔާން) ނަފްސާނީ ގޮތުން ކުރާ އަސަރާ، އެކަމުން އަރައިގަތުމަށް ގިރާކުރާ ގޮންޖެހުންތައް ދައްކުވައިދެއެވެ. މުޖުތަމައުގައި ހިނގާ ކަންތައްތައް ފިލްމުން ވަރަށް ރަނގަޅަށް ދައްކުވައިދޭ އެ ފިލްމުގެ ތަހުގީގަށް ދަތި އުނދަގޫ މަރުހަލާތައް ކަނޑައްތު ކުރަމުން ގޮސް އަންހެން ކުއްޖާގެ އަސްލު ގާތިލް ހޯދައެވެ. ހީނުކުރާ ކަންތައްތަކެއް ފިލްމުން ދައްކުވައިދޭ އިރު ފިލްމަށް ގެންނަ ޓްވިސްޓަކީ ފިލްމުގެ އަސްލެވެ.

މިއީ ދިވެހި ސިނަމާތަކުން އާންމުކޮށް ނުފެންނަ ޖޯންރާގެ ފިލްމެކެވެ. ‘ދެވަންސޫރަ’ އާ އެކީ މުޅި ދިވެހި ފިލްމު އިންޑަސްޓްރީ އަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.

މަޑުއްވަރީ މިޒާޖު ޖަމިއްޔާއިން މީގެކުރިންވެސް އެރަށުގައި ގިނަ ފިލްމުތަކެއް އަޅުވާފައިވެއެވެ. އަދި މިއަހަރުތެރޭގައި ރިލީޒް ކުރާ އެހެން ފިލްމުތައް މަޑުއްވަރީގައި އެޅުވުމަށް މަސައްކަތްކުރަމުންދާކަމަށްވެސް އެޖަމްޢިއްޔާއިން މަޢުލޫމާތު ދެއެވެ.

ޝެއަރކުރައްވާ