ޑީސީޖޭ އާއި ގެލެކްސީ އެފްސީ ވާދަކުރި މެޗުގެ ތެރެއިން -- ފޮޓޯ: މީމު.އެމްވީ

އައިލެންޑަރސް ފުޓްސަލް ޗެލެންޖުގެ ސެމީ ފައިނަލުން ޑީސީޖޭ އާއި ޖަމިއްޔަތުލް ކޮވިގޯނި އާއި އެފްއޯޑީ އަދި އެފްސީ އިފްހާމްސް ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ޑީސީޖީ ސެމީން ޖާގަހޯދީ ރޭ ކުޅުނު ކުއާޓަރ ފައިނަލް މެޗުގައި ކުލަބް އެކްސްއާ ވާދަކުރި މެޗު 7-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ޑީސީޖޭގެ ޢަލީ މާއިސްއެވެ.

ޖަމިއްޔަތުލް ކޮވިގޯނިއަށް ސެމީ ފައިނަލުން ޖާގަލިބުނީ ކުއަޓަރ ފައިނަލްގައި ކުޅެން ހަމަޖެހިފައިއޮތް ޓީމު ދަ ގްރާންޑޭ އަމީގޯސް ނިއު ޖެނެރޭޝަން ސްޕޯޓްސް ކުލަބު ގަޑިއަށް ދަނޑަށް ހާޒިރުނުވިކަމަށްބަލައި ޖަމިއްޔަތުލް ކޮވިގޯނިއަށް މެޗު ލިބުނުކަމަށް ނިންމުމުންނެވެ. މިނިންމުމާއެކު ދަ ގްރާންޑޭ އަމީގޯސް ނިއު ޖެނެރޭޝަން ކުޅުންތެރިންނާ އޮފިޝަލުން ވަނީ ދަނޑުމަތީގައި އެނިންމުމާމެދު ހިތްހަމަނުޖެހުންވެސް ފާޅުކޮށްފައެވެ. އަދި އެފްއޯޑީ އާއި އެފްސީ އިފްހާމްސް އަށް ސެމީ ފައިނަލުން ޖާގަލިބިގެން ދިޔައީ ކުއާޓަރ ފައިނަލުގައި ކުޅެން ހަމަޖެހިފައި އޮތް ޓީމުތައް މެޗު ކުޅެން އުޒުރުވެރިވުމުންކަމަށް ޓީއެފްއެމްއިން މަޢުލޫމާތު ދެއެވެ.

އައިލެންޑަރސް ފުޓްސަލް ޗެލެންޖުގެ ސެމީ ފައިނަލް މެޗުތައް މިރޭ ފަށާއިރު ފުރަތަމަ މެޗުގައި 20:30 ގައި ވާދަކުރާނީ ޖަމިއްޔަތުލް ކޮވިގޯނި އާއި ޑީސީޖޭއެވެ.ދެވަނަ މެޗުގައި ވާދަކުރާނީ އެފްއޯޑީ އާއި އެފްސީ އިފްހާމްސްއެވެ. މިމެޗު ފަށާނީ 21:30 ގައެވެ.

ޝެއަރކުރައްވާ