ޑީޒެޑްޖޭ އިން މިދިޔަ އަހަރުގެ ރަމަޟާން މަހު ބޭއްވި ޤުރުއާން މުބާރާތުގެ ތެރެއިން --

ދިއްގަރު ޒުވާނުންގެ ޖަމްޢިއްޔާ (ޑީޒެޑްޖޭ) އިން ކޮންމެ އަހަރެއްގެ ރަމަޟާން މަހު ބާއްވާ ޤުރުއާން މުބާރާތް މިއަހަރުވެސް ބާއްވަން ނިންމައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެޖަމްޢިއްޔާއިން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ މިއަހަރުގެ ރަމަޟާން މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޤުރުއާން މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަދަލުތަކަކާއެކުގައި ކަމަށާއި އެގޮތުން މިއަހަރުގެ މުބާރާތް ހުޅުވާލާފައިވަނީ 8 އަހަރުން މަތީގެ ފަރާތްތަކަކަށެވެ. އަދި މިއަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ހަތަރު ބުރަކަށް ބަހާލައިގެންކަމަށާއި މުބާރާތުގެ ފުރަތަމަ ބުރު ކަމަށްވާ އޮޑިޝަން ފެށުމަށް ހަމަޖެހިފައިވަނީ މެއި 10 ވަނަ ދުވަހުކަމަށްވެސް އެއިޢުލާނުގައި ވެއެވެ.

މިއަހަރުގެ މުބާރާތުގެ އެއްވަނަ، ދެވަނަ އަދި ތިން ވަނައަށް ދާ ބައިވެރިންނަށް ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުންނާއި ދަރިވަރުން ބައިވެރިކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު  ދޫކުރުމާއި ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން މެއި 9 ވަނަ ދުވަހުގެ މެންދުރުފަހު 01:00 ން ހަވީރު 04:00 އަށާއި ރޭގަނޑު 09:00 ން 10:00 އަށް ޑީޒެޑްޖޭގެ އޮފީހުގައި ކުރިއަށް ދާނެކަމަށްވެސް އެއިޢުލާނުގައި ވެއެވެ.

ޑީޒެޑްޖޭއިން އިންތިޒާމްކޮށްގެން މިދިޔަ އަހަރުގެ ރަމަޟާން މަހުވެސް ޤުރުއާން މުުބާރާތް ބާއްވާފައިވެއެވެ. މިދިޔަ އަހަރުގެ މުބާރާތުގައި 122 ބައިވެރިން ބައިވެރިވެފައިވެއެވެ.

ޝެއަރކުރައްވާ