މިއީ ހިނގާފައިވާކަމަށް ހަޤީޤީ ހާދިޘާއަކަށް ބަލައިގެން ލިޔެފައިވާ ވާހަކައެކެވެ. މިވާހަކައިގައި ބޭނުންކޮށްފައިވާ ނަމާއި ރަށަކީ އަސްލެއް ނޫނެވެ. 

ދާއޫދު ފެން ހޫނުކުރުމަށް ބަދިގެއަށް ދާން ކޮޓަރިން ނުކުތެވެ. ދާއޫދު ބޭރަށް ނުކުތް ބާރަށްވުރެ އަވަހަށް ދުވެފައި ކަހަލަ ގޮތަކަށް ކޮޓަރިއަށްވަދެ ދޮރުލައްޕައި ތަޅުލިއެވެ. ދޮރުފަތުގައި ލެނގިލައިގެންހުރެ ފުން ނޭވާތަކެއް ލުމަށްފަހު ދާއޫދު ދެލޯ ހުޅުވާލިއެވެ. ބަދިގެ ދޮރުމަތީގައި ހަމަޖެހިލައިގެން ބިޑިއެއް ރޯކޮށްގެން އެހުރީ ހަމަގައިމުވެސް އާދަމުގެ ދަރިއެއް ނޫނެވެ. ބަދިގެ ތެރޭގައި އެއްބަޔަކު ހުނި ގާނަނީއެވެ. އަނެއްބަޔަކު ބަދިގެ އަސްކަނި ދަށުގައި ފަތް ނޮޅަނީއެވެ. ބަދިގެ ދޮރުމަތީގައި ކޮޅަށްހުރި މީހާގެ އިސްކޮޅުގައި 12 ވަރަކަށް ފޫޓު ހުންނާނެކަމަށް ދާއޫދު ވިސްނައި ހިތާހިތުން ސުއާލު ކުރަމުން ދިައައެވެ.

ވަރުބަލިކަމާއެކު ފަރީނާގެ ނިކަމެތި ދެލޯ ހުޅުވާލައި ދާއޫދާ ދިމާއަށް ބަލައިލިއެވެ. އޭރު ދާއޫދުހުރީ ދޮރުގައި ލެނގިގެން ހުއްޓިފައެވެ.

” ދާއޫދު ކަމެއްވީތަ؟ ކީއްވެފަ ތިހުރީ” ފެން ހޫނު ކުރީތަ؟ އަވަހަށް ގެނެބަލަ” ފަރީނާގެ ބަލިއަޑުން ދާއޫދާ ވާހަކަ ދެއްކިއެވެ. ނަމަވެސް ދާއޫދުހުރީ ހަދާނެ ގޮތެއްވެސް ނޭނގިފައެވެ.

ކޮންމެގޮތަކަށް ކަންހިނގި ކަމުގައިވީނަމަވެސް ދާއޫދަށް ބަދިގެއަށް ނުގޮސް ވާކަށްވެސް ނެތެވެ. އެހެންކަމުން އުނަގަނޑުގައިވާ ތަވީދު ހެޔޮވަރުކޮއްލާފައި ދާއޫދު އަނެއްކާވެސް ބޭރަށްނިކުމެ ބަދިގެއާ ދިމައަށް ދިއައެވެ. ބޭރު ދޮރު ހުޅުވައި ބޭރު ބަލައިލިއެވެ. ނަމަވެސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ދާއޫދު ބޭރަށް ނިކުންނަމުން އާޔަތުލް ކުރުސި 3 ފަހަރުކިޔާ ޔަހުމީގެ 6 ކަލިމަކިޔާ ބިމުގައި ވާއަތުފައިޖަހާފައި ބޭރަށް ނިކުތެވެ. އަދި ބަދިގެއަށްވަދެ އަވަސް އަވަހަށް އުނދުން ރޯކޮށް ފެންތެއްޔެއް އުދައިފިއެވެ. މާގިނައިރު ނުވަނީސް ފެން ހޫނުވެއްޖެއެވެ.

އަތްދަތްގަނޑުން ފެންތެލީގައިހިފައި، މަޑުމަޑުން އުނދުންމަތިން ބާލައި ފެންތެލި ހިފައިގެން ގެއާދިމާއަށް ހިނގައިގަތެވެ. މަޑުމަޑުންގޮސް ފަރީނާއޮތް އެނދު ކައިރީގައި އެ ފެންތެލި ބަހައްޓާ ގިފިލިން ފެންޖަގެއް ގެނެސް އެ ތެއްޔަށް އޮއްސާލިއެވެ. އެ އަޑަށް ފަރީނާވެސް ލޯ ހުޅުވާލިއެވެ.

ދާއޫދު! އަދި ތިޔަ ކެކުނީތަ؟ ކިހާއިރެއް މިހާރުގޮވާތާ؟ މި މަންޖެ ވަރަށް ކެއްސާއެބަ! އަދުހަމްވެސް ވަރަށް ހީކަރުވާފަ މިއޮތީ…. އަވަހަށް މިކުދިން ގައިގަ ފެން ޖައްސާ! އަމިއްލަ އެދުން ފަސްކޮށްފައި ދަރިންގެ ހައްޤުގައި ފަރީނާ ވާހަކަދެއްކިއެވެ. ހަށިގަނޑުގައި ވޭންއަޅަމުންދާ ފަރީނާއަށް ހޫނުކަމެއް ލިބުމުގެ ބަދަލުގައި ދަރިންނަށް ފަރުވާ ދިނުމަށް ދާއޫދުގެ ގާތުގައި އެދުނެވެ.

ތުވާލި ބުރިއެއް ތެންމައިގެން ކުދިވެރިންގެ ގައިގައި ދާއޫދު ތާފަނާފެން ހާކަނީއެވެ. އޭރު ދެކުދިން ފީއަޑަކުން ކުކުރަމުން ދެއެވެ. ދެކުދިންވެސްއޮތީ ހުން އައިސްފައެވެ. ދެކުދިންގެ ގައިގައި ފެން ޖެއްސުމަށްފަހު ފަރީނާގެ ފައިގައި ދާއޫދު ތުވާލި ޖައްސާލިއެވެ. ފަރީނާ ދިއައީ ސިއްސައިގެންނެވެ.

ދާއޫދުތަ؟ އަހަރެން ހީކުރީ…. ސިއްސައިގެންދިޔަ ފަރީނާ ބޯ ހިއްލާލުމަށްފަހު ބާލިހުގައި ބޯއަޅަމުން ބުންޏެވެ. އެފަކީރަށް ވާވަރު މީހަކަސް އިޙްސާސްވެސް ނުކުރެވޭނެއެވެ. ދާއޫދު މަޑުމަޑުން ފަރީނާގެ ފައިތިލައިގައި ތާފަނާފެން ޖެއްސުމަށްފަހު ދެއަތްތިލައިގައި ފެން ޖެއްސިއެވެ. ފަރީނާ ފުން ނޭވާއެއް ލުމަށްފަހު މޯޅިއަކަށް ދެމިލިއެވެ.

ތެލީގައިހުރި ފެންއެތި ވަރަށްބޮޑަށް ހިހޫވެއްޖެއެވެ. ފަރީނާ އެދުން ތެދުވެ ފެންތެއްޔަށް ދެފައި ލައިފިއެވެ. އޭރު ދާއޫދު އެދުކައިރީގައި އިށީނދެލައިގެން އިނެވެ. އޭރު ދާއޫދު ކުޑަކޮށް ތާއްޔާވެސް ޖެހެމުން ދިޔައެވެ.

ފަރީނާ ދާއޫދުުގެ ކޮނޑުގައި ކޮއްޓާލުމަށްފަހު އެނދަށް އެރުމަށް ބުންޏެވެ. ދާއޫދު އެނދަަށް އަރައިފިއެވެ. ފަރީނާ އެދުން ތެދުވެގެން މަސައްކަތައިގެން ކުރިއަށް ދިޔައެވެ. ބަލިހާލަށް ބެލުމެއްނެތި ފަރީނާގެ ވާޖިބު އަދާކުުރުމަށް ހިތްވަރުލިއެވެ.

އޭރު އެކުދިންނާއި ފަރީނާ ބާލާފައިވާ ތެތް ހެދުންތައް ކޮޓަރީގެ ކަނެއްގައި އޮތެވެ. ފެންތެއްޔަށް ހެދުންތައް އަޅައިގެން ފަރީނާ ނިކުތީ ގިފިއްޔާ ދިމައަށެވެ. އޭރު 6 ޖަހާފާނެއެވެ. ފަރީނާ ހެދުންތައް ދޮވުމަށްފަހު ހިއްކަންއަޅައި ބަދިގެއާދިމަށް ހިނގައިގަތެވެ.

ބަދިގެއަށް ވަނުމާއެކު ފަރީނާއަށް ސިހުން ގެނުވައިފިއެވެ. މަދުން ނަމަވެސް ބަދިގޭން ފެންނަކަމެއް މިއަދު ތަފާތުކޮށް ފަރީނާއަށް އެބަ ފެނެއެވެ. އުނދުން މަތީގައިވާ ކުރަޔާއި ކާމޭޒުމަތީގައި އަތުރާފައިވާ ތަށިތަކެވެ. ސައިހުރީ ކައްކާފައެވެ. އުނދުނުގެ ބިއްދަށުގައި އޮތް ހަތަރު ނާއްޓާއި މޮޑެފައިވާ ފަތު މަސްހުނި ފެނިފައި ފަރީނާ އަޖައިބުވިއެވެ.

ފަރީނާ ބަލިވެގެން ނުތެދުވެވޭ ދުވަހަކުވިއްޔާ ދާއޫދު ބަދިގޭގެ ކަންކަން ކޮއްލާނެއެވެ. ސައިކައްކާ ރޮށިފިހާނެއެވެ. ނަމަވެސް މިއަދަކީ ދާއޫދުގެ މުރާލިކަން ހާމަވި ދުވަސްކަން އެގުމުން ފަރީނާ ހައިރާން ވިއެވެ. އަދި އުފަލުންގޮސް ކޮޓަރިއަށްވަދެ ކުދިވެރިންގެ ގައިގައި އަތްލިއެވެ. ދެކުދިންގެ ހުންވެސް އިހުނަށްވުރެ މަޑެވެ.

އޭރު ދާއޫދު ހީކަރުވާތީ ފުރޮޅިފުރޮޅި އޮތެވެ. ފަރީނާ ދާއޫދުގެ ގައިގާ ރަޖާގަނޑު އަޅައިދިނެވެ. ރަޖާއެޅުމުގެ ތެރޭގައި ދާއޫދުގެ އަތުގައި ޖެހުމުން ކުއްލިޔަކަށް އަތްދަމައިގެނެފިއެެވެ. ފަރީނާއަށް މިމަންޒަރު ފެނުމުން ވިސްނާލުމަށްފަހު އަނެއްކާވެސް ރަޖާގަނޑު ހެޔޮވަރުކޮށްލިއެވެ. މިފަހަރުވެސް ދާއޫދުއަށްވީ ހަމަ އެހެންނެވެ.

ދާއޫދު އަތް ދަމައިގަންނަނީ ކީއްވެބާ؟ އަނެއްކާ އަނިޔާއެއްވީތަ؟ ހިތާހިތުން ސުވާލުކޮށްލުމަށްފަހު ދާއޫދުގެ ކަނާއަތުގައިހިފާ އަތް ބަލައިލިއެވެ.

(ނުނިމޭ)

ޝެއަރކުރައްވާ