4 ވަނަ ބައި ( 19 ނޮވެމްބަރ 2018 އާ ގުޅޭ)

ވޯކްޝޮޕް ނިންމާ ރަށަށް އައިއިރު ހަނީފުގެ ހިތްވަނީ މުޅިން ބަދަލު ވެފައެވެ. ޒީނާގެ ފަރާތުން ލިބުނު އޯގާތެރިކަމާ ގާތްކަމުގެ ސަބަބުން ނާދިރާ ދެކެ ހަނީފު ފޫހިވާންފެށީ ބޭއިޙްތިޔާރު ގައެވެ. އެންމެ ފުރަތަމަ ޒީނާ ފެނުނު ދުވަހު އެ ހިތުގައި އުފެދުނު ލޯބި އޭގެ އެންމެ ތާޒާކަމުގައި އެހިތުގައި ވަނީ ބިންވަޅު ނެގިފައެވެ. މީހެއްގެ ފިރިޔަކަށްވެ ހުރެވެސް، ހިތް އެދެމުން ދިޔައީ ޒީނާ އާ ވީހާ ވެސް ގާތުގައި ވުމަށެވެ. ގާތުގައި ނާދިރާ ހުއްޓަސް ހިތުގެ އެންމެ ފުނުގައި އޮށޯވެލައިގެން އޮތީ ޒީނާއެވެ. މުޅި ހިތުގައިވަނީ ޒީނާގެ ލޯތްބެވެ. ހަނދާންތަކެވެ. ހިތްއެދި ގޮވަމުން ދަނީ ޒީނާ އަށެވެ. އެ ލޯތްބަށެވެ.

ޒީނާގެ މަޑުމައިތިރި މިޒާޖާއި މީހުންނާ ދޭތެރޭ ބަހައްޓާ ގާތް ކަމަކީ ހަނީފުގެ ހިތުން ފިލުވާލަން އުނދަގޫވި ކަމެކެވެ. ހަނީފަށް ޒީނާ އާ ދޭތެރޭ ވިސްނޭ ވަގުތު ގިނަވާން ފެށިއެވެ. ސައުވީސް ގަޑިއިރުން އެއްފަހަރު ނަމަވެސް ޒީނާގެ ޙާލު ބަލާނުލައި ހަނީފަކަށް ނުހުރެވެއެވެ. ފަހަކަށް އައިސް ނާދިރާގެ ފަރާތުން ނުލިބޭ އަޅާލުމާ އޯގާތެރިކަން ހޯދަން ހަނީފު އެއްވެސް ވަރަކަށް މަސައްކަތެއް ވެސް ނުކުރެއެވެ. ނާދިރާ ފެނުނަސް ހަނީފު މިހާރު ފޫހިވެއެވެ. ދަރިންނަށް ޓަކައި ނޫންނަމަ މިހާރު ނާދިރާ ވަރިކުރާނެތާ ކިތަންމެ ދުވަހެކެވެ.

ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް، ހަނީފުގެ ހިތުގައި ޒީނާއަށް އޮތް ލޯބި ދިޔައީ އިތުރު ވަމުންނެވެ. ހަނީފު ބޭނުންވަނީ ޒީނާ އަށް އޭނަގެ ހިތުގެ އަޑު އިއްވާށެވެ. އަދި ޒީނާ ޤަބޫލުނަމަ، ޒީނާ އަކީ ހަނީފުގެ މީހަކަށް ހަދާށެވެ. ނާދިރާގެ ފަރާތުން ނުލިބުނު ލޯތްބާއި އަޅާލުން ޒީނާގެ ފަރާތުން ލިބޭނެ ކަމަށް ހަނީފުގެ ހިތް ދިޔައީ ބުނަމުންނެވެ.

ދުވަސް ތަކުގެ ތެރެއިން ދުވަހެކެވެ. ސުކޫލުގައި މަސައްކަތްތައް ފުނިޖެހިފައި އޮތް ދުވަހެއް ވެސް މެއެވެ. ރޭއްސުރެ ޒީނާގެ ޚަބަރެއް ނުވެއެވެ. ގުޅިޔަސް ފޯނެއް ނުނަގައެވެ. މެސެޖަކަށް ޖަވާބެއް ނުދެއެވެ. ޒީނާއަށް ކޮންމެ ވެސް ބޮޑުކަމެއް ވެއްޖެ ކަމުގައި ހަނީފުގެ ހިތް ބުނަމުން ދިޔައެވެ. މަސައްކަތުގައި އަވަދިނެތި އުޅެނިކޮށް ދޮށީ ދަރިފުޅުގެ ބޯފެޅިގެން ނާދިރާ ގުޅިއެވެ. ދެބެން ކުޅެން އުޅެނިކޮށް ވެއްޓި ބޯފެޅުނީއެވެ. ވަރަށް ބޮޑަށެވެ. ފަޅައިގެން ދިޔަތަން ފެހޭނެ ގޮތެއް ނެތުމުން ހަނީފަށް ޖެހުނީ ރީޖަނަލް ހޮސްޕިޓަލަށް ދަރިފުޅު ގޮވައިގެން ދާށެވެ.

ދަރިފުޅު ގޮވައިގެން ހޮސްޕިޓަލަށް ވަދެގެން ދިޔަ ، ހަނީފަށް ޒީނާގެ ބޭބެ ޒަހުރާން ފެނުނީ އެވަގުތުއެވެ. ވީގޮތް އެގުމާ އެކު ހަނީފުގެ ފައިދަށުން ބިންގަނޑު ދެމިގަތް ހެން ހީވިއެވެ. ދަރިފުޅު ޑޮކްޓަރަށް ދައްކާ ނިމުމުން ބައްދަލުވަން ބުނެފައި ހަނީފު ދިޔައީ ޒަހުރާންގެ ނަންބަރު ހިފައިގެންނެވެ.

ޒީނާ އެޑްމިޓް ކޮށްފައި އޮތް ވޯޑަށް ވަތްއިރުވެސް ހަނީފުގެ ދެފައި ތުރުތުރު އަޅައެވެ. ޒީނާގެ ހުދުވެފައިވާ މޫނު ފެނުމުން ވަގުތުން ހަނީފު ފެންކަޅިވިއެވެ. އެންމެންގެ މޫނު މަތިން ވެސް ފެންނަނީ މާޔޫސްކަމެވެ. ޑޮކްޓަރުންނާއި އާއިލާގެ މެންބަރުން ޒީނާ ހޭ އަރާނެ ވަގުތަކަށް ދިޔައީ އިންތިޒާރު ކުރަމުންނެވެ. ޒީނާ އަކީ ހިތުގެ ބަލި މީހެއްކަމެއް މީގެކުރިން ހަނީފަށް އެނގިފައެއް ނެތެވެ. އެހެން ނަމަވެސް އެކިދުވަސް މަތިން ދެކެވުނު ވާހަކަ ތަކުން ދޭތެރެ ދޭތެރެއިން އާޢިލާއާއި އެކު ޒީނާ ރާއްޖޭން ބޭރަށް ދާ ވާހަކަ އޮތީ ހަނީފު ގާތުގައި ބުނެފައެވެ. ފަހަރެއް ގައިވެސް އެއީ މިފަދަ ބޮޑު ކަމެއްގައި ދާ ދިއުމެއް ކަމެއް ހަނީފަކަށް އެއްގޮތަކަށް ވެސް ނޭނގެއެވެ.

ގާތްގަނޑަކަށް ބައިގަޑިއެއްހާ އިރު ފަހުން ޒީނާ ހޭ އެރިއެވެ. އެޙާލުގައިވެސް ޒީނާ މަސައްކަތް ކުރީ ހިނިތުން ވެވޭތޯއެވެ. އެ ދެލޮލުގައިވާ ރިހުން ކިތަންމެހާ ވެސް ރީއްޗަށް ހަނީފަށް ފާހަގަ ކުރެވުނެވެ. ކުޑައިރުކޮޅަކު މަޑުކޮށްލުމަށްފަހު، ހަނީފު ރަށަށް ދިޔައީ ދާހިތަކުން ނޫނެވެ. ހަނީފުގެ ހިތްއެދި ގޮވަމުން ދިޔައީ ޒީނާ ގާތު މަޑުކުރުމަށެވެ. ވަގުތު ފާއިތުވުމުގެ ކުރިން ހަނީފުގެ ހިތުގެ އަޑު ޒީނާ އަށް އިއްވާށެވެ. އެހެނަސް ………..

ސުކޫލުގެ މަސައްކަތްތަކުން އަވަދިވެގެން ހަނީފަށް ގެއަށް ދެވުނު އިރު ފަސްގަޑިބައިވެ ބޮޑުވެއްޖެވެ. ގެއަށް ގޮސް ފެންވަރާލައިގެން ނިކުމެ ޖޯލީގައި ޖައްސާލީ ޒީނާގެ ޚަބަރެއް ބަލާލުމުގެ ބޭނުމުގައެވެ. ޖޯލީގައި ޖައްސާލިތަނާ ފޯނަށް މެސެޖެއް އައެވެ. ބިޒީ ނޫންނަމަ ގުޅާލަދިނުމަށް އެދި ޒީނާ ފޮނުވި މެސެޖެކެވެ. ހަނީފު ވަގުތުން ޒީނާއަށް ގުޅިއެވެ.

” ސޮރީ ! ” ޒީނާގެ އަޑު ކަންފަތުގައި ޖެހުމާއެކު ހަނީފުގެ ހަތަރެސްފައި ފިނިވެގެން ދިޔައެވެ. ލިބުނު ހިތްހަމަ ޖެހުމާ އެކު ދެލޯ މަރާލެވުނެވެ.
” ކީއްވެ! ކުރިން ބަލި ވާހަކަ ނުބުނީ. ” ފުރަތަމަ ވެސް ހަނީފަށް ކުރެވުނީ ޝަކުވާއެވެ.
” ނާހަމެއްނު! ” ޒީނާ ދިނީ ސާދާ ސީދާ ޖަވާބެކެވެ. އިރުކޮޅަކު ވާހަކަ ދައްކާލުމަށްފަހު، ހަނީފު ފޯނު ބޭއްވީ ރަނގަޅު ވިހާ އަވަހަކަށް ވަރަށް ބޮޑު ވާހަކަ އެއް ބުނަން އޮތް ވާހަކަ ބުނެފައެވެ.
ފޯނު ބޭއްވުމަށް ފަހު، ޒީނާ ހަނީފާ ދޭތެރޭ ވިސްނާލިއެވެ. އަޖައިބެއް ކަހަލަ ފިރިހެނެކެވެ. ހަނީފު ޒީނާ އާ ދޭތެރޭ ބަހައްޓާ ގާތްކަމާއި، ބައެއް ފަހަރު ބުނެލާ އެއްޗެހިން ހަނީފު، ޒީނާ ދެކެ ލޯބިވާހެން ވެސް އޭނާއަށް ހީވެއެވެ. ބައެއް ފަހަރު ދައްކާ ވާހަކައިގެ ތެރޭގައި ވެސް ވަރަށް ލޯބިވާ ކުއްޖަކު ހުންނަ ވާހަކަ ބުނެލާނެއެވެ. އެކުއްޖަކުގެ ލޯބި ހޯދަން ވަރަށް މަސައްކަތް ކުރާ ކަމަށާއި، އެކުއްޖަކު ދެކެ އިންތިހާއަށް ލޯބިވާ ވާހަކަ ވެސް ދޭތެރެ އަކުން ބުނެލާނެއެވެ. އެހެނަސް ނޭނގެނީ އެއީ ކޮން ކުއްޖެއް ކަމެވެ. އަދި ޒީނާ ކައިރީ އެވާހަކަ ބުނުމުގެ ބޭނުމަކީ ކޮބައި ކަމެވެ.

ހޮސްޕިޓަލުގައި އޮންނަތާ ހަފުތާ އެއް ވީ ދުވަހު ހިތުގެ ޚާއްޞަ އޮޕަރޭޝަނަކަށް ޒީނާ މާލެ ގެންދެވުނެވެ. އިއްތިފާގުން ސުކޫލު ކަމެއްގައި ހަނީފު ހުރީ އޭރު މާލޭގައެވެ. އޮޕަރޭޝަނަށް ޒީނާ އެޑްމިޓް ކުރީއްސުރެ ހަނީފުގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. ނޭނގޭ ބިރުވެރި ކަމެއް ހިތުގައި ވަކި ހިއްޕާލާފައި ހުންނަތާ ދުވަސް ކޮޅެއް ވެއްޖެވެ. ހަނީފު ނިންމައިގެން ހުރީ ޒީނާގެ އޮޕަރޭޝަނަށް ފަހު، އޭނާގެ ހިތުގެ ހާލު ޒީނާ އަށް ހާމަ ކޮށްދޭށެވެ.

އޮޕަރޭޝަންގެ ހުރިހާ ތައްޔާރީ ތަކެއް ނިމި، ތިއޭޓަރަށް ވައްދަން މަދު ވަގުތު ކޮޅަކަށް ވެފައި ވަނިކޮށް ހަނީފަށް އައި ފޯނު ކޯލު ވެގެން ދިޔައީ އޭނާގެ ހުރިހާ އުއްމީދު ތަކެއް ވިއްސި ވިހާލި ވެގެން ދިޔަ ފޯނު ކޯލަކަށެވެ. ކެންޓީނުގައި ސައިތައްޓެއް ބޯލަން އިން ހަނީފަށް އަވަސް އަވަހަށް ހޮސްޕިޓަލާ ދިމާއަށް ދުއްވައި ގަނެވުނެވެ. ހޮސްޕިޓަލަށް ވަތްއިރު ޒީނާގެ ހަށިގަނޑު އެމެޖެންސީ ރޫމަށް ވައްދަނީއެވެ. ޒީނާގެ ހުދުވެފައިވާ މޫނު ފެނުމުން ހަނީފުގެ ހިތައް ހީވީ ތޫނު ހަންޖަރެއް ހަރާލި ހެންނެވެ. ފެންކަޅިވެފައިވާ ދެލޮލުން އެންމެ ފަހު ފަހަރަށް ހަނީފު ޒީނާ އާ ދިމާއަށް ބަލާލިއެވެ.

ޒީނާގެ ވަކިވެ ދިޔުންވީ ހަނީފުގެ މަޑުމައިތިރި މިޒާޖު އިތުރަށް މަޑުމައިތިރި ކުރުވި ކަމަކަށެވެ. އެކަނިވާ ކޮންމެ ވަގުތަކު ފޯނުގައި ރައްކާ ކޮށްފައިވާ ޒީނާގެ ތަސްވީރާ މުޙާތަބުކޮށް، ޝަކުވާކުރުމަކީ ހަނީފުގެ އުފަލަކަށް ވެއްޖެވެ. އެއީ ލޯންޗު ތެރެއިން ޒީނާ ފެނުނު ދުވަހު، ޒީނާއަށް ވެސް ސިއްރުން ހަނީފު ނެގި ފޮޓޯއެކެވެ. ލޯބިވުމަކީ ކުށަކަށްވާނަމަ މިއަދު އެކުށް އެވަނީ ހަނީފަށް ކުރެވިފައެވެ. ވަރަށް ބޮޑަށެވެ. ހިތުގައި ބިންވަޅު ނެގިފައިވާ ޒީނާގެ ހަނދާންތަކާއި، އެ އިޚްސާސްތަކާ ދުރައްނުދެވެނީ އެހެންވެއެވެ. ޒީނާ ދެކެ ވެވުނު ލޯތްބާ ދުރައްނުދެވުނީ އެއީ ހަނީފުގެ ހިތާ ސިކުނޑިން ވެވުނު ތެދުވެރި ލޯތަބަކަށް ވުމެވެ.

އަމިއްލަ ހިތައް ވިސްނަދޭން ހަނީފު ކުރި މަސައްކަތް ބޭކާރުވަމުން ދިޔައެވެ. އެންމެ ފުރަތަމަ ދުވަހު ވެސް ޒީނާ ދެކެ ވެވުނު ތެދުވެރި ލޯބި އެހިތުގައި ތޫފާނެއް އުފައްދާފައިވާ ކަހަލަ އެވެ.

ހަނީފު ޒީނާ ދެކެ އިންތިހާއަށް ލޯބިވިއެވެ. މުޅި އުމުރަށް އެލޯބި ހިތުގައި ރައްކާ ކުރާނެއެވެ. ދުނިޔޭގައި ހުރިހާ ދުވަހަކު އެހެން އެއްވެސް އަންހެނަކު ދެކެ ލޯބި ނުވެވޭ ވަރަށެވެ. އޭގެ ފަހުން މިހާރު 15 އަހަރު ފާއިތުވެ ދިޔައީއެވެ. އެހެނަސް ޒީނާގެ ހަނދާންތައް އެންމެ ވަގުތު ކޮޅަކަށްވެސް ހަނީފުގެ ހިތުން ފިލައި ނުދެއެވެ. ހަނީފު ޒީނާ ދެކެވީ ތެދުވެރި ލޯތްބެކެވެ. އެހެނަސް ……………..!!!!!!!!!!!

(ނިމުނީ)

ޝެއަރކުރައްވާ