ދުވަސްވަރަކީ، ސިޔާސީ ފޯރި ގަދަ ދުވަސްވަރެކެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެވެ. ޕާޓީތަކުގެ ވާދަވެރިކަމެވެ. ވައުދާއި ހުވާތަކުގެ ދުވަސްވަރެވެ. ރައްޔިތުންގެ ހައްޤުތަކާއި، އުދާސްތަކުގެ ވާހަކައެވެ. ތަރަށްޤީގެ މަޝްރޫއުތަކާއި، ސަރުކާރު ޒިންމާދާރު ކުރުމުގެ ވާހަކައެވެ.

މިވަގުތު ދައްކާލަން ބޭނުންވަނީ މީމު އަތޮޅު ނިސްބަތްކުރާ 2 ދާއިރާގެ ވާހަކައެވެ. ދިއްގަރު ދާއިރާ އާއި މުލަކު ދާއިރާގެ ވާހަކައެވެ.

ދިއްގަރު ދާއިރާއަށް ވާދަކުރައްވާފައިވާ ފަރާތްތަކަކީ، ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ފަރާތުން ހީނާ ވަލީދު، އަމިއްލަ ކެނޑިޑޭޓެއްގެ ގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ތާއީދާއި އެކު އަހުމަދު ނާޒިމް އަދި އެމްޑީޕީގެ ކެނޑިޑޭޓް އިކްރާމް ހަސަން އެވެ.

މުލަކު ދާއިރާއަށް ވާދަކުރައްވާފައިވަނީ، އަދާލަތު ޕާޓީގެ ފަރާތުން އާއިޝަތު ރިޔާސާ، އެމްޑީޕީގެ ފަރާތުން އިބްރާހިމް ނަސީރު، އަމިއްލަ ކެނޑިޑޭޓެއްގެ ގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ތާއީދާއި އެކު މުހައްމަދު ފައިސަލް، ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ފަރާތުން މަރްޔަމް ޖުހައިނާ ސާދިޤު އަދި އަމިއްލަ ގޮތުން ވާދަކުރައްވާ ޔޫސުފު ސިދުޤީއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ވަގުތު ނުހަނު ކުޑަތަންވެފައިވާއިރު، މިވަގުތު އަޅުގަނޑު ތިބޭފުޅުންނަށް ހަދުމައާކޮށްލަދޭން ބޭނުންވަނީ ވަރަށްވެސް މުހިންމު ކަމެއްގެ މަތިންނެވެ. އެއީ އަޅުގަނޑުމެން މީމު އަތޮޅުގެ ރައްޔިތުންގެ އަމާޒުގެ ވާހަކައެވެ. މީމު އަތޮޅުގެ ރައްޔިތުންގެ އަމާޒަކީ، އަބަދުވެސް އަތޮޅުގެ ކުރިއެރުމެވެ. އަތޮޅަށް މޮޅުގޮތްވުމެވެ. ތައުލީމީ ރަނގަޅު ޖީލެއް އަމިއްލަ ވަޒަނުގައި، އަމިއްލަ އަތޮޅުގައި ތިބެގެން ބިނާކުރެވޭނޭމަގު ފަހިވުމެވެ. ތަރަށްޤީގެ މަޝްރޫއުތައް އަތޮޅުގެ ރަށްތަކުގައި ކުރިއަށް ދިއުމެވެ. އަތޮޅުގައި ތިބެގެން އަތޮޅުގެ ޒުވާނުންނަށް ވަޒީފާ އަދާކުރެވޭނޭ މަގުތަނަވަސްވުމެވެ. ދަތުރުފަތުރު ކުރުމުގައި ލުއި ގޮތްތަކެއްވުމެވެ. ސިއްޚީ ހިދުމަތް އިތުރަށް ފުޅާވެގެންދިއުމެވެ. އަތޮޅުގެ ނަން، ފާހަގަކޮށްލެވޭނޭފަދަ ގޮތަކަށް ރަންއަކުރުތަކަކުން ފަވާލެވުމެވެ.

މިއީ މީމުއަތޮޅުގެ ރައްޔިތުންގެ އަޒުމެވެ. އަމާޒެވެ. މަޖިލިސް އިންތިޚާބަށްފަހު އަދި އެ މަޖިލީހުގެ ތެރެއިން ރައްޔިތުން ނެރެންބޭނުންވާ ނަތީޖާއަކީ މިއީކަމާއި މެދު ޝައްކެއްނެތެވެ.


އެހެންކަމަށްވާއިރު، މިނަތީޖާއަށް ވާސިލުވުމަށްޓަކައި އަތޮޅުގެ ދަރީން އަތާއި އަތްގުޅުވާލައި ކުރިއަތް އޮތްތަނުގައި މަސައްކަތްތަކެއް ކުރަންޖެހޭނެކަމީ ޔަޤީންކަމެކެވެ. އެކަންކުރުމަށްޓަކައި، ތިމާއާއި އަނެކާއަކީ މުނާއި މޫނު ދިމާކޮށްލެވޭ، ހިނިތުންވުމަކުން ސަލާމްކުރެވޭ ބަޔެއްކަމުގައި ވުން މުހިންމެވެ. އަދި އެކަމަށްޓަކައި، މިހާރު މިކުރިއަށްދާ ވާދަވެރި ސިޔާސީ ކެމްޕެއިންގައި، މުސްތަޤުބަލަށް ވިސްނާ، އެކުވެރިކަން އިސްކުރަންޖެހެއެވެ. ސިޔާސީ ކެމްޕެއިނަކީ، އަނެކާއާއި މެދު ހަސަދައެއްލުމަށް އޮތް ފުރުސަތަކަށް ނަހަދާ މުސްތަޤުބަލް އުޖާލާކުރުމަށް ކުރެވޭ މަސައްކަތަކަށް ހަދަންޖެހެއެވެ. އިޖުތިމާއި މިންގަނޑުތައް ހިފަހައްޓާ، ރަށްޓެހި ރަހުމަތްތެރިކަމުގެ ގުޅުން ބަދަހިކުރާ އަދި އާއިލީ ގުޅުމަށް ހުރަސްނާޅާ އެއްޗަކަށް މި ކެމްޕެއިން ހަދަމާތޯއެވެ. މާދަމާއަށް ވިސްނާ، މިއަދުގެ އަމަލުތައް ބައްޓަން ކުރަމާތޯއެވެ.

ޝެއަރކުރައްވާ