މިދިޔަ އަހަރު ބޭއްވި އައިލެންޑަރސް ފުޓްސަލް ޗެލެންޖުގެ ތެރެއިން -- ފައިލް ފޮޓޯ

ޓީއެފްއެމް ސްޕޯޓްސް ކުލަބުން އިންތިޒާމްކޮށްގެން މެދުރާއްޖެ ތެރެއަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަމަށްވާ އައިލެންޑަރސް ފުޓްސަލް ޗެލެންޖުގައި ބައިވެރިވުމުގެ ފުރުސަތު އިތުރުކޮށްފިއެވެ.

ވ. އަތޮޅާއި މ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފައިވަނީ އަންނަ މެއި މަހުގެ 1 ވާ ބުދަ ދުވަހުގެރޭ 23:00 އާ ހަމައަށެވެ. ޓީއެފްއެމް ސްޕޯޓްސް ކުލަބުން ބުނީ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފައިވަނީ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ގިނަ ޓީމުތަކުން މުއްދަތު އިތުރުކޮށްދިނުމަށް އެދެމުންދާތީކަމަށެވެ.

މިއަހަރުގެ ޖޫން މަހުގެ 13 ން 21 އަށް މ. ދިއްގަރުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އައިލެންޑަރސް ފުޓްސަލް ޗެލެންޖުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވާއިދު ޓީއެފްއެމް ސްޕޯޓްސް ކުލަބުގެ ވެބްސައިޓް www.tfmsportsclub.com  އިން ލިބިވަޑައިގަންނަވާނެކަމަށް އެކުލަބުން މަޢުލޫމާތު ދެއެވެ. އަދި މުބާރާތާއި ގުޅޭ އިތުރު މަޢުލޫމާތު 99982666، 9513712،7900462 އަދި 9176736 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެކަމަށާއި މުބާރާތުގައި ބައިވެރިވުމުގެ ފީއަކީ 3000 ރުފިޔާކަމަށްވެސް އެކުލަބުން މަޢުލޫމާތު ދެއެވެ.

މިއަހަރުގެ އައިލެންޑަރސް ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަން ޓީމަށް 40،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާއިރު ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާކަމަށް ޓީއެފްއެމް ސްޕޯޓްސް ކުލަބުން މަޢުލޫމާތު ދެއެވެ.

މިދިޔަ އަހަރުވެސް އައިލެންޑަރސް ފުޓްސަލް ޗެލެންޖު ބާއްވާފައިވާއިރު، މިދިޔަ އަހަރުގެ މުބާރާތުގައި ޖުމްލަ 14 ޓީމަކުން ބައިވެރިވެފައިވެއެވެ.

ޝެއަރކުރައްވާ