މުލީ ރީޖަނަލް ހޮސްޕިޓަލް: މުލީ ރީޖަނަލް ހޮސްޕިޓަލް އަދި މ. އަތޮޅުގެ ހަ ރަށެއްގެ ސިއްޙީ މަރުކަޒަށް ނަރުހުން ހޯދުމަށްވަނީ އިޢުލާނުކޮށްފައި -- ފޮޓޯ: މީމުއެމްވީ

މ. މުލީ ރީޖަނަލް ހޮސްޕިޓަލަށާއި މ. އަތޮޅު ރަށްރަށުގެ ސިއްޙީ މަރުކަޒުތަކަށް ދިވެހި ނަރުހުން ހޯދަން މިނިސްޓްރީ އޮފް ހެލްތުން އިޢުލާނުކޮށްފިއެވެ.

އެމިނިސްޓްރީން މިއަދު ކުރި އިޢުލާނުގައި އެމިނިސްޓްރީގެ ދަށުން ހިނގަމުންދާ އަތޮޅުތެރޭގެ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކުގައި މަސައްކަތް ކުރައްވާ ބިދޭސީ ނަރުހުންގެ ބަދަލުގައި ދިވެހި ނަރުހުން ހޯދުމަށް ބޭނުންވާކަމަށާއި މިވަޒީފާއަށް ބޭނުންވަނީ މަސައްކަތައް ޝައުޤުވެރިކަންހުރި މަސައްކަތައް ޤާބިލު މީހުންކަމަށް ބުނެފައިވެއެވެ.

މިއިޢުލާނުގައި ރެޖިސްޓަރޑް ނަރސް،  ސީނިއަރ ރެޖިސްޓަރޑް ނަރސް، ކްލިނިކަލް ނަރސްގެ މަޤާމަށް 678 ނަރުހުން ހޯދުމަށް އިޢުލާނުކޮށްފައިވެއެވެ. މީގެތެރޭގައި މ. އަތޮޅު ހޮސްޕިޓަލް އަދި މ. އަތޮޅު ރަށްރަށުގެ ސިއްޙީ މަރުކަޒުތަކަށް ބޭނުންވާ 26 ނަރުހުން ހިމެނެއެވެ.

އެގޮތުން މުލީ ރީޖަނަލް ހޮސްޕިޓަލަށް 7 ނަރުހުން ހޯދުމަށް އިޢުލާނުކޮށްފައިވާއިރު، ކޮޅުފުއްޓާއި މަޑުއްވަރީ ސިއްޙީ މަރުކަޒަށް ތިން ނަރުހުންނާއި މުލަކު އަދި ދިއްގަރު ސިއްޙީ މަރުކަޒަށް ހަތަރު ނަރުހުންނާއި ނާލާފުށި އަދި ވޭވަށު ސިއްޙީ މަރުކަޒަށް ދެ ނަރުހުންގެ އިތުރުން ރަތްމަންދޫ  ސިއްޙީ މަރުކަޒަށް ނަރުހެއް ހޯދަން ވަނީ އިޢުލާނުކޮށްފައިވެއެވެ.

ހެލްތު މިނިސްޓްރީން ކޮށްފައިވާ މިއިޢުލާނުގައި ބުނެފައިވަނީ ވަޒީފާއަށް އެދޭ ފޯމް އެ މިނިސްޓްރީގެ ކައުންޓަރުންނާއި ހޮސްޕިޓަލު ނުވަތަ މަރުކަޒުތަކުން ލިބެން ހުންނާނެކަމަށާއި އެމިނިސްޓްރީގެ ވެބްސައިޓުންވެސް ފޯމު ޑައުންލޯޑް ކުރެވޭނެކަމަށެވެ. އަދި މަޤާމަށް އެދި ހުށަހަޅަންހޭ ތަކެތި 2019 މެއި 23 ވާ ބުރާސްފަތި ދުވަހުގެ 12:30 ގެ ކުރިން ވަޒީފާއަށް އެދޭ ހޮސްޕިޓަލަށް  ނުވަތަ މަރުކަޒަކަށް ހުށަހެޅުމަށް އެދޭކަމަށްވެސް އެއިޢުލާނުގައި ބުނެފައިވެއެވެ.

މި މިމަގާމުތަކަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، މޭ ނުވަތަ ޖޫން މަހު ވަޒީފާއަށް އެދޭ ހޮސްޕިޓަލެއް ނުވަތަ މަރުކަޒެއް ގައިކަމަށާއި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދޭކަމަށް އެއިޢުލާނުގައި ބުނެފައިވެއެވެ.

ޝެއަރކުރައްވާ