މޫސުން ގޯސްވެ، ކަނޑު ގަދަވުމުގެ ސަބަބުން، މ.ނާލާފުށީ ފަޅުތެރޭގައި އަޅާފައި އޮތް “ކަރޕެޑިއަމް” ނަމަކަށް ކިޔާ ސަފާރީއެއްގެ ނަގިލި ކަހާލައި ގަލަކަށް އެރުމާ ގުޅިގެން އެ ސަފާރީއަށް ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްޑީއެފްއިން ބުނީ މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިއަދު ހެނދުނު 06:19 ހާއިރުއެވެ. މި ހާދިސާގެ ރިޕޯޓް ލިބުމާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ މ.މުލީ ޕޯސްޓްގައި ޤާއިމްވެފައިތިބި ކޯސްޓްގާޑު ސްކޮޑްރަންގެ ސިފައިން ހަރަކާތްތެެރިވެފައިވާކަމަށެވެ. . އަދި، އެ ސަރަޙައްދަށް ދިޔަ ކޯސްޓްގާޑުގެ ސްކޮޑްރަންގެ ޑައިވަރުންގެ އެހީތެރިކަމާއެކު، ސަފާރީގެ ވެރިފަރާތާ ގުޅިގެން ކުރި މަސައްކަތުން އެ ސަފާރީގެ ވަށައިގެން ހަން ބައްދައި، ދިޔަވަރު ބޮޑުވުމުން، މިއަދު ހެނދުނު 09:40 ހާއިރު ސަފާރީ ފުންކުރެވިފައިވާކަމަށް އެމްއެންޑީއެފްއިން މަޢުލޫމާތު ދެއެވެ.

— ފޮޓޯ: އެމްއެންޑީއެފް

 މި ހާދިސާ ހިނގިއިރު، 17 ފަތުރުވެރިންނާއި 13 ފަޅުވެރިން އެ ސަފާރީގައި ތިބިކަމަށާއި 13 ފަޅުވެރިންގެ ތެރޭގައި 8 ދިވެހިންނާއި 5 ބިދޭސީން ހިމެނޭކަމަށެވެ. މި ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް ގެއްލުން ލިބިފައިވާ ކަމުގެ މަޢުލޫމާތެއް ލިބިފައި ނުވާކަމަށްވެސް އެމްއެންޑީއެފްއިން މަޢުލޫމާތު ދެއެވެ.

ޝެއަރކުރައްވާ