މިދިޔަ އަހަރު ބޭއްވި އެކުވެރި މަދަހަ މުބާރާތުގެ ތެރެއިން -- ފޮޓޯ: އެކުވެރި ގުޅުން

ދިއްގަރު އެކުވެރި ޒުވާނުންގެ ގުޅުމުން ބާއްވާ އެކުވެރި މަދަހަ މުބާރާތް 122 ބައިވެރިންނާއި 15 ގްރޫޕާއެކު މާދަމާރޭ ފަށާނެއެވެ.

ކުރިން ޖޫން 4 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މަދަހަ މުބާރާތް މާދަމާރެއަށް ފަސްކޮށްފައިވަނީ މޫސުން ތަން ނުދިނުމުގެ ސަބަބުންކަމަށާއި މާދަމާރޭ މުބާރާތް ފެށުމަށްވާންޖެހޭ ތައްޔާރީތައް ވެފައިވާކަމަށް ދިއްގަރު އެކުވެރި ޒުވާނުންގެ ގުޅުމުން މަޢުލޫމާތު ދެއެވެ. އެކުވެރި މަދަހަ މުބާރާތް ކުރިއަށްދާނީ ޖޫން 5 ން 9 އަށް ދިއްގަރު ސްކޫލުގައެވެ.

މިއަހަރުގެ މުބާރާތުގައިވެސް ވަކިވަކި ބައިވެރިންގެ މަދަހައާއި ގްރޫޕް މަދަހަ ހުށަހަޅާގޮތަށް ހަމަޖެހިފައިވާކަމަށާއި މުބާރާތުގެ އެއް ވަނައަށް ދާ ފަރާތަކަށް 6000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި އެއްވަނަ ގްރޫޕަކަށް 3000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭއިރު، މިއަހަރުގެ މުބާރާތުގައި ސަޕްރައިޒް އިނާމުތަކެއްވެސް ދިނުމަށް ހަމަޖެހިފައިވާކަމަށްވެސް އެޖަމްޢިއްޔާއިން ބުނެއެވެ.

މިދިޔަ އަހަރު ބޭއްވި އެކުވެރި މަދަހަ މުބާރާތުގެ ތެރެއިން — ފޮޓޯ: އެކުވެރި ގުޅުން

މިއަހަރު ބާއްވާ އެކުވެރި މަދަހަ މުބާރާތުގައި 6 އަހަރުން ދަށް، 7 އަހަރާއި 9 އަހަރާ ދެމެދު، 10 އަހަރާއި 13 އަހަރާ ދެމެދު، 14 އަހަރާއި 16 އަހަރާ ދެމެދު، 17 އަހަރާއި 21 އަހަރާ ދެމެދު، 22 އަހަރާއި 34 އަހަރާ ދެމެދު އަދި 35 އަހަރުން މަތި އަދި ގްރޫޕް މަދަހަ ހުށަހެޅުމަށްވަނީ ހަމަޖެހިފައެވެ.

ދިއްގަރު އެކުވެރި ޒުވާނުންގެ ގުޅުމުން ބުނީ މުބާރާތުގެ ފުރަތަމަ ބުރުގައި ފަނޑިޔާރުންގެ ގޮތުގައި ހަރަކާތްތެރިވާނީ ތޯރިޤް އާއި މުމްތާޒް ކަމަށާއި ދެވަނަ ބުރާއި ތިން ވަނަ ބުރުގައި ތޯރިޤް އާއި މުމްތާޒްގެ އިތުރުން ތޭރަވާ ފަނޑިޔާރުކަން ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިދިޔަ އަހަރު ބޭއްވި އެކުވެރި މަދަހަ މުބާރާތުގެ ތެރެއިން — ފޮޓޯ: އެކުވެރި ގުޅުން

އެޖަމްޢިއްޔާއިން ބުނީ މަދަހަ މުބާރާތަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ޙަސަން އާއި މެދުފުށި އައިލެންޑް ރިސޯޓާއި ޓޫބިޒް އާއި އިލިފަތި އާއި ޒިބިޓް އާއި ދިއްގަރު ސްކޫލް އަދި ދިއްގަރު ޒުވާނުންގެ ޖަމްޢިއްޔާ (ޑީޒެޑްޖޭ) ގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާކަމަށާއި މީގެއިތުރުންވެސް ޖަމްޢިއްޔާގެ މެމްބަރުންގެ ފަރާތުންނާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަން ލިބެމުންދާކަމަށެވެ.

މިއީ ދިއްގަރި އެކުވެރި ޒުވާނުންގެ ގުޅުމުން “އެކުވެރި މަދަހަ މުބާރާތް” ބާއްވާ 4 ވަނަ މުބާރާތެވެ. މިދިޔަ އަހަރުވެސް މި މުބާރާތް ބާއްވާފައިވެއެވެ.

ޝެއަރކުރައްވާ