-- ފޮޓޯ: ޕޮލިސް

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މ. ދިއްގަރު ޕޮލިސް ސްޓޭޝަނާއި މ. މުލީ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު މ. މަޑުއްވަރިން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ދިވެހި ފިރިހެނެއްކަމަށާއި މިމީހާ ހައްޔަރުކޮށްފައިވަނީ މަޑުއްވަރީގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ޖޫން 07 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައިކަމަށެވެ.

މަޑުއްވަރީ ބަނދަރު ސަރަޙައްދުން މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި ރަބަރު ޕެކެޓެއް މި މީހާގެ އަތުން ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. އަދި މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަނދާއިމެދު ގޮތެއްނިންމުމަށް މ. މުލަކު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާތަނެއްގައި ބަނދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތު ދީފައިވާކަމަށްވެސް ފުލުހުން މަޢުލޫމާތު ދެއެވެ.

މި މައްސަލަ ދިއްގަރު ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

ޝެއަރކުރައްވާ