މުލަކު ޕޮލިސް ސްޓޭޝަނުން އެރަށުގެ ޒުވާނުންނަށް ހާއްސަކޮށްގެން ތުރީ އޮން ތުރީ ވޮލީބޯޅަ މުބާރާތެއް ބާއްވައިފިއެވެ.

ފުލުހުން ބުނީ މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ޖޫން މަހުގެ 4 ން 8 އަށް މުލަކު ވޮލީ ކޯޓުގައިކަމަށާއި މި މުބާރާތަކީ މުލަކުގައި ވޮލީބޯޅައިގެ ފޯރި އިތުރުކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ މުބާރާތެއްކަމަށެވެ.

މި މުބާރާތުގައި ޖުމަލް ހަ ޓީމަކުން ބައިވެރިވެފައިވާއިރު މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މިސްޔޫ ވޮލީ ޓީމެވެ. މިސްޔޫ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ގެލެކްސީ ވޮލީ ޓީމާ ވާދަކޮށް 2-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށާއި ރަނަރަޕް ޓީމަށް ޓްރޮފީއާއި މެޑަލް ދީފައިވާއިރު ޓްރޮފީއާއި މެޑަލް ހަވާލުކޮށްދެއްވީ މ. އަތޮޅު ކޮމާންޑަރު ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޒިޔާދު ޢަލީއެވެ.

ޝެއަރކުރައްވާ