މ. އަތޮޅުގައި ފެރީ ޚިދުމަތް ދިން ކުންފުނިން ބޭނުންކުރާ ފެރީއެއް -- ފޮޓޯ: ވަރމިލިއަން ފޭސްބުކް ޕޭޖް

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެރީގެ ނިޒާމެއް ޤާއިމްކޮށް ރަށުން ބަންދުން ރައްޔިތުން ނެރެދެއްވިއެވެ. އެއާއެކު ހެޔޮއަގެއްގައި އެއްްރަށުން އަނެއްރަށަށް ދަތުރު ކުރުމުގެ ފުރުޞަތު ރައްޔިތުންނަށް ފަހިވެ، ރައްޔިތުން އެނިޒާމުގެ ބޭނުންދިޔައީ ކުރަމުންނެވެ. ރައީސް ނަޝީދުގެ ވެރިކަން ނިމިއައި ވެރިކަމުގައިވެސް މިނިޒާމް ދިޔައީ ކުރިއަށެވެ. ދެންއައީ ރައީސް ޔާމީންގެ ވެރިކަމެވެ. މިނިޒާމް ދިޔައީ ކުރިއަށެވެ. ރައީސް ޔާމީންގެ ފަސް އަހަރަށްފަހުވެސް މި ނިޒާމް ކޮންމެވެސް ސިފައެއްގައި މ. އަތޮޅުގައި ދިޔައީ ފޯރުކޮށްދެމުންނެވެ. ނަމަވެސް މިއަދު މިވަނީ ފެރީ ނިޒާމް އެއްކޮށްހެން ހުއްޓި ރައްޔިތުން އަނެއްކާވެސް ރަށު ބަންދުވެފައެވެ. ހެޔޮ އަގުގައި އެއްރަށުން އަނެއް ރަށަށް ދެވެން އޮތް މަގު ބަންދުވީއެވެ.

މ. އަތޮޅުގައި ފެރީގެ ޚިދުމަތް ދެމުން އައި ފެރީ ނިޒާމް މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެއްވެސް ގޮތެއްގައި ފޯރުކޮށްދީފައިނުވެއެވެ. އެއްކޮށް އޮތީ ހުއްޓިފައެވެ. ފެރީ ނިޒާމް ހުއްޓުމުން އެނިޒާމްގެ ބޭނުންކުރަމުންދިޔަ އެތަކެއް ރައްޔިތުންނަށް ގިނަ ދަތިތަކާއި ކުރިމަތިވެ، އެކަމުގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އޮއްސާލިއެވެ. ރަށްރަށުގެ ކައުންސިލްތަކަށާއި އަތޮޅު ކައުންސިލް އަދި މީސްމީޑިއާގެ އެކި ވަސީލަތްތަކުގައެވެ.

މ. އަތޮޅުގައި ފެރީ ޚިދުމަތް ދިން ކުންފުނިން ބޭނުންކުރާ ފެރީއެއް — ފޮޓޯ: ވަރމިލިއަން ފޭސްބުކް ޕޭޖް

“މިހާރު ވަރަށް އުނދަގޫ ދަތުރުކުރަން. ކުރިން ވަކިދުވަސްތަކުގައި ފެރީ އޮންނާތީ އެއިން އަގުހެޔޮކޮށް ދަތުރުތައްކޮށްލެވޭ. 20 ރުފިޔާއަށް ދަތުރުކުރެވޭ. މިހާރު މިޖެހެނީ މުއަޔަށް ޑޮކްޓަރަށް ދައްކަންވެސް 1200 އެއްހާ ރުފިޔާ ނޫނީ އެއަށްވުރެ ބޮޑު ޚަރަދެއްކޮށްފައި ދާން. ” ފެރީ ނިޒާމު ހުއްޓުމުން މީހަކު އޭނަގެ ކަންބޮޑުވުން މީމު.އެމްވީއާ ހިއްސާކުރިއެވެ.

މީހަމައެކަނި އޭނާގެ ޝަކުވާއެއް ނުވަތަ ކަންބޮޑުވުމެއްވެސް ނޫނެވެ. އަތޮޅުގެ ހުރިހާ ރައްޔިތުންގެވެސް ހުރި ކަންބޮޑުވުމެވެ. އަތޮޅު ކައުންސިލް ނައިބު ރައީސް އަޙްމަދު ޙަސަން ވިދާޅުވީ އަތޮޅުގައި ފެރީ ޚިދުމަތް ދިނުމަށް ވާމިލިއަން ޕްރައިވެޓް ލިމިޓެޑަށް ހަވާލުކޮށްގެން ދެމުން އައި ޚިދުމަތް މިއަހަރުގެ ޖެނުއަރީން ފެށިގެން ހުއްޓާލާފައިވާކަމަށާއި ނަމަވެސް އެކުންފުނިން މި ޚިދުމަތް ހުއްޓާލިކަން އަންގާފައިވަނީ މެއި މަހުގައިކަމަށެވެ. މި ސިޓީގެ ކޮޕީއެއް މީމު.އެމްވީއަށްވެސް ލިބިފައިވާއިރު، އެސިޓީގައި ޚިދުމަތް މެއި 16 ވަނަ ދުވަހުން ފެށިގެން ހުއްޓަލިކަންވަނީ އަންގާފައެވެ. ނަމަވެސް ހުއްޓާލި ސަބަބެއްވެސް ބަޔާންކޮށްފައިނުވެއެވެ.

މ. އަތޮޅުގައި ފެރީ ޚިދުމަތް ހުއްޓާލިކަން އަންގައި ވަރމިލިއަންއިން އަތޮޅު ކައުންސިލަށް ފޮނުވި ސިޓީ —

” ފެރީ ނިޒާމަކީ ވަރަށް މުހިންމު އަދި ރައްޔިތުން ބޭނުން ހިފަމުން އައި ޚިދުމަތެއް. ފެރީ ހުއްޓާލުމަކީ ރައްޔިތުން ނުހަނު ކަންބޮޑުވާކަމެއް. މިކަމަށް ހައްލެއް ހޯދުމަށް ކަމާގުޅުންހުރި ފަރާތްތަކާވެސް ބައްދަލުކުރެވުނު. އަދިވެސް މިކަމަށް ހައްލެއް ނުލިބޭ.” އަތޮޅު ކައުންސިލްގެ ނައިބު ވިދާޅުވިއެވެ.

އަތޮޅު ކައުންސިލްގެ ނައިބު ވިދާޅުވީ އެކައުންސިލުން ބޭއްވި ކައުންސިލްތަކުގެ ފުރަތަމަ މަޝްވަރާ ބައްދަލުވުމުގައި ހުރިހާ ކައުންސިލްތަކުންވެސް ފެރީގެ ނިޒާމަ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައްް ހިއްސާކުރިކަމަށެވެ. މީގެއިތުރުން އެކައުންސިލާއި ރަށްރަށުގެ ކައުންސިލްތައް ހިމެނޭ ވަފްދެއް ވަރަށް ފަހުން މާލެއަށް ކުރިދަތުރުގައި ޓްރާންސްޕޯޓް މިނިސްޓްރީ އިސްވެރިންނާއި ބައްދަލުކޮށް މިކަމުގައި ކައުންސިލްތަކާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައިވާނެކަމަށާއި މިކަމަށް މަހެއް ދުވަހުގެ ތެރޭގައި ހަލެއް ހޯއްދަވައި ދެއްވާނެކަމުގެ މިނިސްޓްރީން ވިދާޅުވިކަމަށެވެ. ނަމަވެސް މަހެއްހާ ދުވަސް ފާއިތުވިއިރުވެސް އަދިވެސް ފެރީގެ ޚިދުމަތެއް ނުފެށޭކަމަށްވެސް ވިދާޅުވިއެވެ. މީގެއިތުރުންވެސް މިއަހަރުގެ ފެބްރުއަރީ މަހު ރައީސުލްޖުމްހުރިއްޔާ އާ ބައްދަލުކުރައްވައި އަތޮޅު ކައުންސިލް މެމްބަރުން ވަނީ އަތޮޅުގެ ފެރީ ނިޒާމުގައި ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ.

މިކަމާއި ގުޅިގެން މިނިސްޓްރީގެ ބަހެއް އަދިވަނީ ލިބޭގޮތް ނުވެފައެވެ.

މ. އަތޮޅުގެ ރަށްރަށް ފެރީގެ ޚިދުމަތް ދިނުމަށް ސަރުކާރުން ވަރމިލިއަން ޕްރައިވެޓް ލިމިޓެޑަށް ހަވާލުކޮށްފައިވަނީ އެކުންފުންޏަށް ފައިދާ ލިބޭނެ އިތުރުގޮތްތަކާއެކުއެވެ. އެގޮތުން އެކުންފުންޏަށް ދެ ރަށެއް ރިސޯޓްގެ ގޮތުގައި ތަރައްޤީކުރުމަށް ދީފައިވާއިރު އެތަނުން އެއް ރަށުގައި މިހާރު ރިސޯޓެއް ހިންގަމުންދާކަމުގެ މަޢުލޫމާތު ލިބިފައިވެއެވެ.

އަތޮޅުގެ ފެރީ ނިޒާމު ހުއްޓިފައިވުމުން އެކަމުގެ ކަންބޮޑުވުން ރައްޔިތުންގެ ތެރޭގައި އޮތްއިރު، މި ޚިދުމަތް ވީހާވެސް އަވަހަކަށް ފެށިގެން ގޮސް ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅު ޚިދުމަތްތެއް ލިބިގެންދިޔުމަކީ އަތޮޅުގެ ހުރިހާ ރައްޔިތުންގެވެސް އެދުމެވެ. ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ވިއުގައަކުން ގުޅާލުމަކީވެސް މި ސަރުކާރުގެވެސް ވަޢުދަކަށްވާއިރު، މ. އަތޮޅުގެ ފެރީ ނިޒާމް ހުއްޓި، އަތޮޅުގެ ރައްޔިތުން ރަށު ބަންދުގައި ތިބުމަކީ އެންމެ ރަނގަޅުގޮތްބާއެވެ.

ޝެއަރކުރައްވާ