އައިލެންޑަރސް ފުޓްސަލް ޗެލެންޖުގެ ތެރެއިން -- ފޮޓޯ: ޓީއެފްއެމް

ދިއްގަރުގައި މިހާރު ކުރިއަށްދާ އައިލެންޑަރސް ފުޓްސަލް ޗެލެންޖުގެ އެންމެ ފަހުގެ ޗެމްޕިއަން އެފްސީ އިފްހާމްސްއަށް ސެމީގެ ފުރުސަތު ގެއްލުނުއިރު، ޑީސީޖޭ އާއި އެފްއޯޑީ އާއި ޖަމިއްޔަތުލް ކޮވިގޯނި އަދި އެފްސީ ރިއޯ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އެފްސީ އިފްހާމްސްއަށް ސެމީގެ ފުރުސަތު ގެއްލުނީ ތިން ޕޮއިންޓާއެކު ގްރޫޕްގެ ތިން ވަނަ ލިބުމުންނެވެ. އެޓީމުވަނީ އިއްޔެ ކުޅުނު މެޗުގައި ޑީސީޖޭއާ ވާދަކޮށް 6-1 ގެ ނަތީޖާއަކުން ބަލިވެފައެވެ. މިމެޗުގައި ޑީސީޖޭއިން ޖެހި ލަނޑުގެ ތެރެއިން ތިން ޖަހައި ހެޓްރިކް ހަދާފައިވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް ހޯދި ހާފިޒްއެވެ. ދެން ލަނޑުތައް ލަނޑުތައް ޖަހައިދީފައިވަނީ އަސްވާޑް އާއި މިދުހަތުގެ އިތުރުން ސަމީޙްއެވެ. މިމެޗުގައި އެފްސީ އފްހާމްސްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ޒިފާންއެވެ.

މިމެޗުން މޮޅުވެ ނުވަ ޕޮއިންޓާއެކު ޑީސީޖީ ސެމީން ޖާގަހޯދިއިރު. އެޓީމު ވަނީ ގްރޫޕް ތިނެއްގައި ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށްފައެވެ. މި ގްރޫޕުން ދެވަނަ ލިބުނީ ޖަމިއްޔަތުލް ކޮވިގޯނިއަށެވެ،. ކޮވިގޯނި ސެމީން ޖާގަހޯދީ ތިން ގްރޫޕުން ދެވަނަ އަށް ދިޔަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ޓީމުގެ ގޮތުގައެވެ.ގްރޫޕްގައި ކުޅުނު އެއްވެސް މެޗަކުން މޮޅުނުވެ ފުލަށްދިޔައީ އޯބީ އެފްސީއެވެ.

އެފްސީ ރިއޯ އާއި އެފްސީޖޭ އިއްޔެ ވާދަކުރި މެޗު 1-1 ން އެއްވަރުވެ ލިބުނު ހަތަރު ޕޮއިންޓާއެކު ގްރޫޕް އެކެއްގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަހޯދީ އެފްސީ ރިއޯއެވެ. އިއްޔެ އެފްސީ ރިއޯއާއި އެފްސީޖޭ ވާދަކުރި މެޗުގައި ރިއޯއިން ޖެހި ލަނޑު ކާމިޔާބުކޮށްދިނީ ރައިހާންއެވެ. އަދި އެފްސީޖޭއިން ޖެހި ލަނޑު ކާމިޔާބުކޮށްދިނީ ޝާއިގްއެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ސާޙްއެވެ.

މި ގްރޫޕުން ދެވަނަ ލިބުނީ ކުލަބް އެކްސްއަށެވެ. އެޓީމަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. މި ގްރޫޕުގައި ދެން ހިމެނޭ އެފްސީޖޭއަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.

ގްރޫޕް ދޭއްގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަހޯދީ އެފްއޯޑީއެވެ. އެޓީމު އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދިޔައީ ކުޅުނު ދެމެޗުވެސް ކާމިޔާބުކޮށް ލިބުނު ހަ ޕޮއިންޓާއެކުއެވެ. މި ގްރޫޕުން ދެވަނަ ލިބުނީ ރޭ ބިޒީ ބޯއިސް އާއި އޭރިއާ ބޯއިސް ވާދަކުރި މެޗު 9-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރި އޭރިއާ ބޯއިސްއަށެވެ.

ރޭ ކުޅުނު މެޗުގައި އޭރިއާ ބޯއިސްއަށް ލަނޑުތައް ޖަހައިދީފައިވަނީ ޙަސަން އާއި ޝަހީމްއެވެ. މިއިން ކޮންމެ ކުޅުންތެރިޔަކުވަނީ ހަތަރު ލަނޑު ޖަހާފައެވެ. ދެން އެރިއާ ބޯއިސްއަށް ލަނޑު ޖަހައިދިނީ އަޝްރަފްއެވެ. މިމެޗުގައި ބިޒީ ބޯއިސްއަށް ސުން ކަނޑުވާލަދިނީ ވިއާމްއެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ އޭރިއާ ބޯއިސްގެ ޝަހީމްއެވެ.

މުބާރާތުގެ ސެމީ ފައިނަލް މެޗުތައް މިރޭ ކުޅޭއިރު ފުރަތަމަ ސެމީ ފައިނަލް މެޗުގައި ވާދަކުރާ އެފްސީ ރިއޯ އާއި އެފްއޯޑީއެވެ. މިމެޗުގެ ފަށާނީ މިރޭ 20:30 ގައެވެ. ދެވަނަ ދެމީ ފައިނަލް 22:00 ގައި ފަށާއިރު، މިމެޗުގައި ވާދަކުރާނީ ޑީސީޖޭ އާއި ޖަމިއްޔަތުލް ކޮވިގޯނިއެވެ.

ޖޫން 15 ން 21 އަށް ދިއްގަރު ފުޓްސަލް ދަނޑުގައި ކުރިއަށްދާ އައިލެންޑަރސް ފުޓްސަލް ޗެލެންޖަކީ ދިއްގަރު ޓީއެފްއެމް ސްޕޯޓްސް ކުލަބުން އިންތިޒާމްކޮށްގެން މ. އަތޮޅު ކައުންސިލާއި ދިއްގަރު ކައުންސިލާއި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވސް އާއި މ. އަތޮޅު ފުލުހުންގެ އެހީތެރިކަމާއެކު ބާއްވަމުން އަންނަ މުބާރާތެކެވެ.

މިއަހަރުގެ މުބާރާތުގެ ޕާޓްނަރުންނަކީ ފިއެސް، އެސްޓީއޯ، ހެޕީމާކެޓް، އައިޒާއެވެ. މިއަހަރުގެ ބްރޯޑް ކާސްޓިންގ ޕާޓްނަރަކަށް ވީޓީވީ ހަމަޖައްސާފައިވާއިރު، އޮންލައިން މީޑިއާ ޕާޓްނަރަކީ މީމު.އެމްވީއެވެ.

ޝެއަރކުރައްވާ