މ. އަތޮޅުގައި ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން އަތޮޅުގައި ރިސޯޓް ހެދުމަށް ދޫކޮށްފައިހުރި ރަށްތަކުގެ މަސައްކަތްތައް ހުއްޓިފައިވާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ.

މ. އަތޮޅުގައި ރިސޯޓް ތަރައްޤީ ކުރުމަށް ހަތް ރަށެއް ދީފައިވާއިރު، މިރަށްތަކަކީ ދެކުނުބޮޑުވެލި، ގަސްވެލި، ކުޑައުސްފުށި އާއި އުތުރުބޮޑުވެލި، ހުރަސްވެރި އަދި އުތުރުގަސްވެލިގެ އިތުރުން މަޑިފުއްޓެވެ. މި ރަށްތަކުގެ ތެރެއިން ބައެއް ރަށްރަށުގައި މަސައްކަތްތައް ފެށިނަމަވެސް ބައެއް ރަށްރަށުގައި މަސައްކަތްތައް ހުއްޓިފައިވާތާ  13 އަހަރު ވެފައިވެއެވެ. އަދި މިރަށްރަށުގެ ތެރެއިން މިދިޔަ އަހަރު މަޑިފުށީގެ މަސައްކަތްތައް ބާރަށް ކުރިއަށްދިޔަ ނަމަވެސް މިހާރު މަސައްކަތް ހުއްޓިފައިވާތާ ގިނަ ދުވަސްތަކެއްވަނީ ވެފައެވެ.

އަތޮޅު ކައުންސިލުގެ ނައިބު ރައީސް އަޙްމަދު ޙަސަން ވިދާޅުވީ އަތޮޅުގައި ރިސޯޓްތައް ތަރައްޤީވެ، ރައްޔިތުންނަށާއި އަތޮޅަށް އޭގެ ނަފާލިބި، ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިވެގެން ދިޔުމަކީ އަތޮޅުގެ ރައްޔިތުންގެ ބޮޑު އުއްމީދެއްކަމަށާއި ޙާއްސަކޮށް ޒުވާނުންގެވެސް އުއްމީދެއްކަމަށާއި ރިސޯޓް ތަރައްޤީ ކުރުމަށް ދީފައިވާ ހުރިހާ ރަށެއްގެވެސް މަސައްކަތްތައް ހުއްޓިފައިވުމާއި މަސައްކަތްތައް ނުނިމި ދިގުލައިގެން ދިޔުމަކީ ނިހާޔަތަށް ކަންބޮޑުވެ ރައްޔިތުން މާޔޫސްވާކަމެއްކަމަށެވެ.

ހަކުރާހުރާ: މި ރަށް މިހާރުވަނީ މަރާމާތަށް ބަންދުކޮށްފައިވާއިރު ނޮވެމްބަރު މަހު ހުޅުވާނެކަމުގެ މަޢުލޫމާތު ލިބިފައިވޭ — ފޮޓޯ: ގޫގަލް

އަޙްމަދު ޙަސަން ވިދާޅުވީ މިކަމަށް ހައްލު ހޯދުމަށް މަސައްކަތްތަކެއް ކުރެވިފައިވާކަމަށާއި އެގޮތުން އަތޮޅު ކައުންސިލްގެ މެމްބަރުން މާލެއަށް ކުރި ފުރަތަމަ ދަތުރުގެ ތެރެއިން ޓުއަރިޒަމް މިނިސްޓްރީގެ އިސްވެރިންނާ ބައްދަލުކޮށް މަޝްވަރާކޮށްފައިވާކަމަށެވެ. މީގެއިތުރުން އެކައުންސިލުން ވަނީ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ޙަސަންއާވެސް މިކަމާއި ގުޅޭގޮތުން މަޝްވަރާކޮށް، މިކަމަށް ހައްލުހޯދުމަށް މަޝްވަރާކޮށްފައެވެ.

މ. އަތޮޅުގައި ދެ ރިސޯޓެއް ދަނީ ހިންގަމުންނެވެ. އެއީ ސިނަމަން ހަކުރާހުރާ އަދި މެދުފުށި އައިލެންޑް ރިސޯޓެވެ. މި ދެ ރިސޯޓްގެ ތެރެއިން ސިނަމަން ހަކުރާހުރާ މިހާރުވަނީ މަރާމާތަށް ބަންދުކޮށްފައެވެ. އަދި މެދުފުށި އައިލެންޑް ރިސޯޓްވެސް އެދެވޭ ގޮތެއްގައި ޚިދުމަތް ނުދެވޭކަން ގިނަ ރައްޔިތުންދަނީ ފާހަގަކުރަމުންނެވެ. އެގޮތުން އެރިިސޯޓުން ރިސޯޓް ޚިދުމަތްތައް ނުލިބޭކަމާއި އެތަނަކީ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި އަތޮޅުގެ ބައެއް ރައްޔިތުން ދެކެއެވެ. މިކަން އަތޮޅު ކައުންސިލްގެ ނައިބުވެސް ފާހަގަކުރެއްވިއެވެ. އަދި އަތޮޅުގައި މިވަގުތު ދެ ރިސޯޓް ހިންގިކަމުގައިވީނަމަވެސް އެކަމުގެ މަންފާއެއް އަތޮޅަށް ކުރަމުން ނުދާކަމަށް ރައްޔިތުންނާއި އަތޮޅު ކައުންސިލުންވެސް ފާހަގަކުރެއެވެ.

ޝެއަރކުރައްވާ