ރާއްޖޭގެ ދެކުނުން އުތުރަށް ރާޅުގުޑީގައި ދުއްވުމަށް ފެށި ދަތުރުގައި ރާޅުގުޑީގެ ބައިވެރިންނަށް މ. މަޑުއްވަރިއަށް އައުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
އިއްޔެ ހަވީރު މ. އަތޮޅު ފަޅުރަށެއްކަމުގައިވާ ތުވަރު ކައިރިން ފެށިގެން ރާޅުގުޑީގައި މަޑުއްވަރިއަށް އައި ހަތަރު އެތުލީޓުންނަށް މަރުހަބާ ކިޔުމަށް ރަށުގެ ކުދިބޮޑު މީހުން ތިބީ ރަށުގެ ބަނދަރު ސަރަޙައްދުގައެވެ. މި ބައިވެރިން މަޑުއްވަރިއަށް އައުމުން މަރުހަބާކީ ކުރުފަލީގެ ހަރަކާތަކުންނެވެ. އަދި ރަށުގެ ބޮޑުބެރު ގްރޫޕޫގެ ދަފިނެގުންވެސް ކުރިއަށް ގެންގިޮސްފައިވެއެވެ. މީގެއިތުރުންވެސް ރޭ ރާޅުގުޑީގެ ބައިވެރިންނަށް ރަށުގެ އަންހެންވެރިން ވަނީ މާކެއުމެއް ބާއްވާފައެވެ.
ރާޅުގުޑީގެ ހަތަރު އެތްލީޓުންނާއި ކްރޫ ރޭ މަޑުއްވަރީގައި މަޑުކުރުމަށްފަހު މިއަދު ހެނދުނު ވަނީ ވ. އަތޮޅަށް ދަތުރު ފަށާފައެވެ.
ރާޅުގުޑީގެ ބައިވެރިން މ. އަތޮޅަށް އައިސްފައިވަނީ އައްޑޫ ސިޓީން ފެށިގެންނެވެ. ނަމަވެސް ރާޅުގުޑީގެ ބައިވެރިންނަށް ރާޅުގުޑި އަރުވާލެވުނީ މ. އަތޮޅާ ހަމައިންނެވެ.
ރާޅުުގުޑިން “ދެކުނުން އުތުރަށް” ގެ ނަމުގައި ކުރިއަށް ގެންދާ މި ހަރަކާތަކީ ޕްލާސްޓިކާއި މޫދަށް ކުނިއެޅުމާ ދެކޮޅަށް ހިންގޭ ކެމްޕެއިނެއްގެ އިތުރުން ދަތުރުގައި މޫދުން ކުނިނެގުމާއި ރަށްރަށުގެ ގޮނޑުދޮށް ސާފުކުރުމަށްވަނީ ހަމަޖެހިފައެވެ.