މ. އަތޮޅު މަދަރުސާގެ ދަރިވަރުންނަށް ކުރިއަށް ގެންދާ ޕްރޮގްރާމުގެ ތެރެއިން -- ފޮޓޯ: އަތޮޅު ކައުންސިލް

މ. އަތޮޅު ކައުންސިލާއި ޅ. ނައިފަރު އީކޯ ޔޫތު ޖަމްޢިއްޔާއާ ގުޅިގެން އަތޮޅުގެ ސްކޫލްތަކަށް އަމާޒުކޮށްގެން ޕެޓްބޮޓްލް ރީޔޫޒް ޓްރެއިނިންގ ޕްރޮގްރާމެއް ފަށައިފިއެވެ.

މި ޕްރޮގްރާމް މިއަދު ފަށާފައިވަނީ މ. ކޮޅުފުށީގައެވެ. އަތޮޅު ކައުންސިލުން މަޢުލޫމާތު ދޭގޮތުގައި މި ޕްރޮގްރާމަކީ ސާފު މީމުގެ ސިޢާރުގެ ދަށުން މ. އަތޮޅުގެ ސްކޫލުތަކުގެ ދަރިވަރުންނަކީ ތިމާވެށްޓަށް އަހުލުވެރިވެފައިވާ ޕްލާސްޓިކް ފުޅި އުކާނުލައި، އޭގެބޭނުން ހިފާނެ ގޮތްތައް ދަސްކޮށްދިނުމުގެ ގޮތުން އަތޮޅު ކައުންސިލާއި އީކޯ ޔޫތު ގުޅިގެން އަތޮޅުގެ ހުރިހާ ރަށެއްގެ ސްކޫލުތަކަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި މަޑުއްވަރި ފިޔަވައި އަތޮޅުގެ ހުރިހާ ރަށަކުން ބައިވެރިވެއެވެ.

މ. އަތޮޅު މަދަރުސާގެ ދަރިވަރުންނަށް ކުރިއަށް ގެންދާ އެއް ދުވަހުގެ މި ޕްރޮގްރާމުގައި އެއްް ފުޅިއާއި ހަތަރު ފުޅި ބޭނުންކޮށްގެން ތަފާތު މޮޑެލްތަކަށް ގަސް އިންދާނެ ސިސްޓަމް ތައްޔާރުކުރާނެ ގޮތް ކިޔައިދެވޭނެއެވެ. އެގޮތުން ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 7 އަށް ކުރިއަށް ގެންދާ ސެޝަން ކޮންމެ 30 ކުއްޖަކަށް 60 މިނިޓަށް ކުރިއަށް ގެންދާއިރު، މިސެޝަން ކުރިއަށް ގެންދަނީ އެއް ފުޅި ބޭނުންކޮށްގެންނެވެ. އަދި ގްރޭޑް 8 ން ގްރޭޑް 12 އަށް ކުރިއަށް ގެންދާ ސެޝަން ކުރިއަށް ގެންދަނީ އެއް ފުޅިއާއި ހަތަރު ފުޅި ބޭނުންކޮށްގެން ސެޝަނެއް 120 މިނިޓަށެވެ.

މ. އަތޮޅު މަދަރުސާގެ ދަރިވަރުންނަށް ކުރިއަށް ގެންދާ ޕްރޮގްރާމުގެ ތެރެއިން —

މީގެއިތުރުން މި ޕްރޮގްރާމްގެ ހިންގުމަށްޓަކައި އީކޯ ޔޫތު ޖަމްޢިއްޔާއިން ފަންނީ އެހީތެރިކަމާއި ޕްރޮގްރާމުގައި ބައިވެރިވާ ކޮންމެ ދަރިވަރަކަށް ކިޓެއް ހަދިޔާކުރުމަށް ވަނީ ހަމަޖެހިފައެވެ.

ނައިފަރު އީކޯ ޔޫތުން ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ރާއްޖޭގެ ތިމާވެއްޓަށް އުކާލެވޭ ޕްލާސްޓިކް ހުސްފުޅިތައް މަދުކުރުމަށްޓަކައި އެޖަމްޢިއްޔާއާއި ޖަޕާނުގެ ކުންފުންޏެއްކަމަށްވާ “އުއޭނޯ” އާއި ގުޅިގެން 2013 ވަނ އަހަރު ކުރެވުނު މަސައްކަތުގެ ތެރެއިން އުކާލެވޭ ފުޅި މަދުކުރުމަށް ތަފާތު މޮޑެލްތައް ބޭނުންކޮށްގެން ގަސް ހެއްދިދާނެ ސިސްޓަމްތަކެއް ތައްޔާރުކޮށް، އެޖަމްޢިއްޔާގެ ޓީމެއް ޖަޕާނުގައި ތަމްރީނު ފުރިހަމަ ކުރުމަށްފަހު އެޤައުމުގެ އެކި ސްކޫލުތަކުގައި މިމޮޑެލްތައް ކިޔަވަައިދީފައިވާ ޕްރޮގްރާމެކެވެ.

އެޖަމްޢިއްޔާއިން މަޢުލޫމާތު ދޭގޮތުގައި މިހާރު ރާއްޖޭގެ އެކި ސްކޫލްތަކަށް މި ޕްރޮގްރާމް ހިންގަމުންދާކަމަށާއި އެގޮތުން މާލެއާއި އެކި އަތޮޅުތަކުގައި މި ޕްރޮގްރާމް ހިންގާފައިވެއެވެ.

ޝެއަރކުރައްވާ