ދިއްގަރު ސްކޫލުގައި ކުރިއަށް ގެންދިޔަ ޕެޓްބޮޓްލް ރީޔޫޒް ޓްރެއިނިންގ ޕްރޮގްރާމުގެ ތެރެއިން -- ފޮޓޯ: އީކޯ ޔޫތު

މ. އަތޮޅު ކައުންސިލާއި ޅ. ނައިފަރު އީކޯ ޔޫތު ޖަމްޢިއްޔާއާ ގުޅިގެން އަތޮޅުގެ ސްކޫލްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕެޓްބޮޓްލް ރީޔޫޒް ޓްރެއިނިންގ ޕްރޮގްރާމް ރަތްމަންދޫ ސްކޫލާއި ދިއްގަރު ސްކޫލުގައި ކުރިއަށް ގެންގޮސްފިއެވެ.

އިއްޔެ ރަތްމަންދޫ އާއި ދިއްގަރުގައި ކުރިއަށްގެންދިޔަ މި ޓްރެއިނިންގ ޕްރޮގްރާމުގެ ތެރެއިން ރަތްމަންދޫގައި ކުރިއަށް ގެންދިޔަ ސެޝަން ކުރިއަށް ގެންގޮސްފައިވަނީ ރަތްމަންދޫ ސްކޫލުގެ ގްރޭޑް 1 ން ގްރޭޑް 5 ގައި ކިޔަވަމުންދާ ދަރިވަރުންނަށެވެ. އަދި ދިއްގަރުގައި ކުރިއަށް ގެންދިޔަ ސެޝަން ކުރިއަށް ގެންގޮސްފައިވަނީ ދިއްގަރު ސްކޫލުގެ ގްރޭޑް 1 ން ގްރޭޑް 11 ގައި ކިޔަވަމުންދާ ދަރިވަރުންނަށެވެ.

ޕެޓްބޮޓްލް ރީޔޫޒް ޓްރެއިނިންގ ޕްރޮގްރާމަކީ ސާފު މީމުގެ ސިޢާރުގެ ދަށުން މ. އަތޮޅުގެ ސްކޫލުތަކުގެ ދަރިވަރުންނަކީ ތިމާވެށްޓަށް އަހުލުވެރިވެފައިވާ ޕްލާސްޓިކް ފުޅި އުކާނުލައި، އޭގެބޭނުން ހިފާނެ ގޮތްތައް ދަސްކޮށްދިނުމުގެ ގޮތުން އަތޮޅު ކައުންސިލާއި އީކޯ ޔޫތު ގުޅިގެން އަތޮޅުގެ ހުރިހާ ރަށެއްގެ ސްކޫލުތަކަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި މަޑުއްވަރި ފިޔަވައި އަތޮޅުގެ ހުރިހާ ރަށަކުން ބައިވެރިވެއެވެ.

ރަތްމަންދޫ ސްކޫލުގައި ކުރިއަށް ގެންދިޔަ ޕެޓްބޮޓްލް ރީޔޫޒް ޓްރެއިނިންގ ޕްރޮގްރާމުގެ ތެރެއިން — ފޮޓޯ: އީކޯ ޔޫތު

މި ޕްރޮގްރާމުގައި އެއްް ފުޅިއާއި ހަތަރު ފުޅި ބޭނުންކޮށްގެން ތަފާތު މޮޑެލްތަކަށް ގަސް އިންދާނެ ސިސްޓަމް ތައްޔާރުކުރާނެ ގޮތް ކިޔައިދެވޭނެއެވެ. އަދި މި ޕްރޮގްރާމްގެ ހިންގުމަށްޓަކައި އީކޯ ޔޫތު ޖަމްޢިއްޔާއިން ފަންނީ އެހީތެރިކަމާއި ޕްރޮގްރާމުގައި ބައިވެރިވާ ކޮންމެ ދަރިވަރަކަށް ކިޓެއް ހަދިޔާކުރުމަށް ވަނީ ހަމަޖެހިފައެވެ.

މ. އަތޮޅުގައި މި ޕްރޮގްރާމް ފަށާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެގޮތުން އެދުވަހު ވަނީ މ. އަތޮޅު މަދަރުސާގެ ދަރިވަރުންނަށް މި ޕްރޮގްރާމް ހިންގާފައެވެ.

ނައިފަރު އީކޯ ޔޫތުން ކުރިއަށް ގެންދާ މި ކާމިޔާބު ޕްރޮގްރާމަކީ ރާއްޖޭގެ ތިމާވެއްޓަށް އުކާލެވޭ ޕްލާސްޓިކް ހުސްފުޅިތައް މަދުކުރުމަށްޓަކައި އެޖަމްޢިއްޔާއާއި ޖަޕާނުގެ ކުންފުންޏެއްކަމަށްވާ “އުއޭނޯ” އާއި ގުޅިގެން 2013 ވަނ އަހަރު ކުރެވުނު މަސައްކަތުގެ ތެރެއިން އުކާލެވޭ ފުޅި މަދުކުރުމަށް ތަފާތު މޮޑެލްތައް ބޭނުންކޮށްގެން ގަސް ހެއްދިދާނެ ސިސްޓަމްތަކެއް ތައްޔާރުކޮށް، އެޖަމްޢިއްޔާގެ ޓީމެއް ޖަޕާނުގައި ތަމްރީނު ފުރިހަމަ ކުރުމަށްފަހު އެޤައުމުގެ އެކި ސްކޫލުތަކުގައި މިމޮޑެލްތައް ކިޔަވަައިދީފައިވާ ޕްރޮގްރާމެކެވެ.

އެޖަމްޢިއްޔާއިން މަޢުލޫމާތު ދޭގޮތުގައި މިހާރު ރާއްޖޭގެ އެކި ސްކޫލްތަކަށް މި ޕްރޮގްރާމް ހިންގަމުންދާކަމަށާއި އެގޮތުން މާލެއާއި އެކި އަތޮޅުތަކުގައި މި ޕްރޮގްރާމް ހިންގާފައިވެއެވެ.

ޝެއަރކުރައްވާ