ފުލުހުންނާއި މ. އަތޮޅު ފެމިލީ ސެންޓަރު ގުޅިގެން ހިންގި ޕްރޮގްރާމުގެ ތެރެއިން -- ފޮޓޯ: ޕޮލިސް

މ. ކޮޅުފުށީ ޕޮލިސް ސްޓޭޝަނާއި މ. އަތޮލޫ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރު ގުޅިގެން މ. އަތޮޅު މަދަރުސާގެ ދަރިވަރުނަށާއި ބެލެނިވެރިންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.

ކޮޅުފުށީ ގައި ހުންނަ އަތޮޅު މަދަރުސާގައި ޖުލައި 5 އަދި 6 ވަނަ ދުވަހު ހިންގި މި ޕްރޮގްރާމުގައި މަޢުލޫމާތު ދީފައިވަނީ ގްރޭޑް 1 ން 3 ގްރޭޑްތަކުގެ ދަރިވަރުންގެ ބެލެނިވެރިންނަށާއި ގްރޭޑް 7 ން 10 ގެ ގްރޭޑްތަކުގެ ދަރިވަރުންނަށްކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

އެގޮތުން ބެލެނިވެރިންނަށް ޒިންމާދާރު ބެލެނިވެރިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވާއިރު މި ސެޝަންގައި ކުދިން ތަރުބިއްޔަތު ކުރުމުގައި ގެންގުޅެންވީ ރިވެތި ގޮތްތަކާއި މުޢާމަލާތްކުރަންވީ ގޮތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. މީގެއިތުރުންވެސް ބެލެނިވެރިން ސަމާލުކަންދޭންވީ ގިނަ ކަންކަމާއި ގުޅޭގޮތުންވެސް މި ސެޝަންގައި މަޢުލޫމާތު ދީފައިވެއެވެ.

މ. އަތޮޅު މަދަރުސާގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ސެޝަންގައި މަޢުލޫމާތު ދީފައިވަނީ ކުޑަކުދިންނަށް ލިބިފައިވާ ހައްޤުތަކާއި ކުށްކުރުމުން ކުޑަކުދިންވެސް ޒިންމާ އުފުލަންޖެހޭކަމާއި ކުށްތަކަށް އަރައިނުގަތުމަށް ނަސޭހަތްދީފައިވެއެވެ. އަދި ސްކޫލް މާހައުލުގައާއި އެހެން ތަންތަނުގައި އުޅޭއިރު ދަރިވަރުން ސަމާލުކަން ދޭންވީ ކަންތައްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

މި ސެޝަންތަކުގައި މަޢުލޫމާތު ދީފައިވަނީ މ. ކޮޅުފުށީ ޕޮލިސް ސްޓޭޝަންގެ އިންޗާޖާއި މ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރުގެ ބޭފުޅުންކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

ޝެއަރކުރައްވާ