މ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ސެޝަންގެ ތެެރެއިން: މި ޕްރޮގްރާމް އަތޮޅުގެ ހުރިހާ ރަށެއްގައި ވަނީ ހިންގާފައި -- ފޮޓޯ: އިކޯ ޔޫތު

މ. އަތޮޅު ކައުންސިލާއި ޅ. ނައިފަރު އީކޯ ޔޫތު ޖަމްޢިއްޔާއާ ގުޅިގެން މ.އަތޮޅުގެ ރަށްރަށުގެ ސްކޫލްތަކަށް އަމާޒުކޮށްގެން ހިންގި ޕެޓްބޮޓްލް ރީޔޫޒް ޓްރެއިނިންގޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ޖުލައި 6 ން 10 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ސާފު މީމުގެ ސިޢާރުގެ ދަށުން މ. އަތޮޅުގެ ސްކޫލުތަކުގެ ދަރިވަރުންނަކީ ތިމާވެށްޓަށް އަހުލުވެރިވެފައިވާ ޕްލާސްޓިކް ފުޅި އުކާނުލައި، އޭގެބޭނުން ހިފާނެ ގޮތްތައް ދަސްކޮށްދިނުމުގެ ގޮތުން އަތޮޅު ކައުންސިލާއި އީކޯ ޔޫތު ގުޅިގެން އަތޮޅުގެ ހުރިހާ ރަށެއްގެ ސްކޫލުތަކަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި އަތޮޅުގެ ހުރިހާ ރަށެއްގެ ސްކޫލުތަކުން ބައިވެރިވެފައިވާއިރު 840 އަށްވުރެ ގިނަ ދަރިވަރުންނަށް ވަނީ މިޕްރޮގްރާމުގެ ދަށުން ތަމްރީނުކޮށްފައެވެ.

މި ޕްރޮގްރާމުގެ ދަށުން އެއްް ފުޅިއާއި ހަތަރު ފުޅި ބޭނުންކޮށްގެން ތަފާތު މޮޑެލްތަކަށް ގަސް އިންދާނެ ސިސްޓަމް ތައްޔާރުކުރާނެ ގޮތް ދީފައިވެއެވެ. އެގޮތުން ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 7 އަށް ކުރިއަށް ގެންދާ ސެޝަން ކޮންމެ 30 ކުއްޖަކަށް 60 މިނިޓަށް ކުރިއަށް ގެންގޮސްފައިވާއިރު މިސެޝަން ކުރިއަށް ގެންގޮސްފައިވަނީ އެއް ފުޅި ބޭނުންކޮށްގެންނެވެ. އަދި ގްރޭޑް 8 ން ގްރޭޑް 12 އަށް ކުރިއަށް ގެންދިޔަ ސެޝަން ކުރިއަށް ގެންގޮސްފައިވަނީ އެއް ފުޅިއާއި ހަތަރު ފުޅި ބޭނުންކޮށްގެން ސެޝަނެއް 120 މިނިޓަށެވެ.

މީގެއިތުރުން މި ޕްރޮގްރާމްގެ ހިންގުމަށްޓަކައި އީކޯ ޔޫތު ޖަމްޢިއްޔާއިން ފަންނީ އެހީތެރިކަމާއި ޕްރޮގްރާމުގައި ބައިވެރިވާ ކޮންމެ ދަރިވަރަކަށް ކިޓެއް ހަދިޔާކޮށްފައިވެއެވެ.

ނައިފަރު އީކޯ ޔޫތުން ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ރާއްޖޭގެ ތިމާވެއްޓަށް އުކާލެވޭ ޕްލާސްޓިކް ހުސްފުޅިތައް މަދުކުރުމަށްޓަކައި އެޖަމްޢިއްޔާއާއި ޖަޕާނުގެ ކުންފުންޏެއްކަމަށްވާ “އުއޭނޯ” އާއި ގުޅިގެން 2013 ވަނ އަހަރު ކުރެވުނު މަސައްކަތުގެ ތެރެއިން އުކާލެވޭ ފުޅި މަދުކުރުމަށް ތަފާތު މޮޑެލްތައް ބޭނުންކޮށްގެން ގަސް ހެއްދިދާނެ ސިސްޓަމްތަކެއް ތައްޔާރުކޮށް، އެޖަމްޢިއްޔާގެ ޓީމެއް ޖަޕާނުގައި ތަމްރީނު ފުރިހަމަ ކުރުމަށްފަހު އެޤައުމުގެ އެކި ސްކޫލުތަކުގައި މިމޮޑެލްތައް ކިޔަވަައިދީފައިވާ ޕްރޮގްރާމެކެވެ.

އެޖަމްޢިއްޔާއިން މަޢުލޫމާތު ދޭގޮތުގައި މިހާރު ރާއްޖޭގެ އެކި ސްކޫލްތަކަށް މި ޕްރޮގްރާމް ހިންގަމުންދާކަމަށާއި އެގޮތުން މާލެއާއި އެކި އަތޮޅުތަކުގައި މި ޕްރޮގްރާމް ހިންގާފައިވެއެވެ.

ޝެއަރކުރައްވާ