މިނިސްޓަރ ޢަލީ ވަޙީދު މުއްޔަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން -- ފޮޓޯ: އަތޮޅު ކައުންސިލް

މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކާއި ދަތިތައް ބެލުމަށް ގެންދަވާ މަސައްކަތުގެ ތެރެއިން ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު ތިން އަތޮޅަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މ. އަތޮޅު މުއްޔަށާއި ވޭވަށަށް ވަޑައިގަންނަވައިފިއެވެ.

މިނިސްޓަރ އަލީ ވަޙީދު ވަނީ މުއްޔަށާއި ވޭވަށް ވަޑައިގެން އެރަށްރަށުގެ ކައުންސިލްތަކާއި ބައްދަލުކުރައްވާފައެވެ. އެގޮތުން ވޭވަށަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ވޭވަށު ކައުންސިލާ ބައްދަލުކުރައްވައި، ވޭވަށު ޓޫރިޒަމް ޑެވެލޮޕްމަންޓް ޒޯން ބައްލަވާލައްވާފައެވެ. އަދި މުއްޔަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އަތޮޅު ކައުންސިލާއި މުލީ ކައުންސިލާ ބައްދަލުކުރައްވައި، މުލީގައި ޓޫރިޒަމް ތަރައްޤީކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މީގެއިތުރުން މ. އަތޮޅުގައި ޓޫރިޒަމް ފުޅާކުރުމަށް ހުރިފުރުޞަތުތަކާއި ރަށްރަށުގައި ލޯކަލް ޓޫރިޒަމް ފެށުމަށް ހުރިދަތިތަކާއި ގޮންޖެހުންތަކާ ގުޅެގޮތުންވެސް މަޝްވަރާކުރައްވާފައެވެ.

މިނިސްޓަރ ޢަލީ ވަޙީދު ވޭވަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން — ފޮޓޯ: އަތޮޅު ކައުންސިލް

މުއްޔަށާއި ވޭވަށަށް މިނިސްޓަރ ކުރެއްވި މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ޙަސަންވެސް ބައިވެރިވެލެއްވިއެވެ.

މިނިސްޓަރީ އޮފް ޓޫރިޒަމްއިން އިއްޔެ ނެރުއްވި ނޫސްބަޔާނެއްގައި
ވާގޮތުން މިނިސްޓަރު މިފަހަރު ވަޑައިގަންނަވާނީ މ. އަތޮޅުގެ އިތުރުން ފ. އަދި ވ. އަތޮޅަށެވެ.

މިމަހުގެ 11 ން 13 އަށް މިނިސްޓަރު ކުރައްވާ ރަސްމީ މިދަތުރުފުޅަކީ ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ސިޔާސަތު ބައްޓަންކުރުމުގައި ބޭނުންވާ ޚިޔާލާއި ލަފާ ހޯދުމުގެ މަޤުސަދުގައި ކުރިއަށްގެންދަވާ ދަތުރުފުޅެކެވެ. އެގޮތުން މިދަތުރުފުޅުގައި މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކާއި ދަތިތައް ބައްލަވައި، އަދި އެރަށްތަކުގައި ގެސްޓްހައުސް ވިޔަފާރި ފުޅާކުރުމާ ގުޅޭގޮތުން އެރަށްރަށުގެ ކައުންސިލްތަކާއި ކަމާބެހޭ ފަރާތްތަކާ ޓޫރިޒަމް މިނިސްޓަރ ބައްދަލުކުރައްވާނެކަމަށް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

ރާއްޖޭގައި ލޯކަލް ޓުއަރިޒަމް ފުޅާކޮށް، ކުރިއެރުވުމަށް މިސަރުކާރުން ދަނީ ޚާއްސަ އިސްކަމެއް ދެމުންނެވެ.

ޝެއަރކުރައްވާ