އެމްޓީސީސީގެ ފެރީއެއް - އެކުންފުނިން ވަނީ މ. އަތޮޅަށް ފެރީގެ ޚިދުމަތް ފަށާފައި --

މ. އަތޮޅުގައި ހުއްޓިފައި އޮތް ފެރީގެ ޚިދުމަތް އެމްޓީސީސީއާ  ހަވާލުކޮށް، އެޚިދުމަތް އަލުން ފަށައިފިއެވެ.

އެމްޓީސީސީން މ. އަތޮޅުގައި ފެރީގެ ޚިދުމަތް ފަށާފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުން ފެށިގެންނެވެ. ފެރީގެ ޚިދުމަތް ފަށާފައިވާއިރު، ހުކުރު ދުވަސް ފިޔަވައި ހަފްތާއަކު ކޮންމެ ދުވަހު ފެރީ ބާއްވަފައެވެ.

އެގޮތުން ފެރީ ދަތުރުކުރުމަށް ހަތަރު ރޫޓެއް ކަނޑައަޅާފައިވާއިރު، އެރޫޓްތަކަކީ ދިއްގަރު –  މުލީ ރޫޓާއި  ދިއްގަރު – ކޮޅުފުށީ ރޫޓާއި ކޮޅުފުށި – މުލީ ރޫޓް އަދި މ. ކޮޅުފުށި – ދިއްގަރު ރޫޓެވެ.

މީގެކުރިން މ. އަތޮޅަށް ފެރީގެ ޚިދުމަތް ދެމުންގޮސްފައިވަނީ ވާމިލިއަން ކުންފުނިންނެވެ. ނަމަވެސް އެކުންފުނިން ވަނީ އަތޮޅަށް ދެމުން އައި ފެރީގެ ޚިދުމަތް މިއަހަރު ޖެނުއަރީ މަހުން ފެށިގެން ހުއްޓާލާފައެވެ.

މ. އަތޮޅާއި ދ އަދި ފ. އަތޮޅުގައި ފެރީގެ ޚިދުމަތް ދިނުމަށް ވާމިލިއަން ކުންފުންޏާ ހަވާލުކޮށްފައިވަނީ އެކުންފުންޏަށް ދަޢުލަތުން ދެ ރަށެއް ރިސޯޓް ތަރައްޤީކުރުމަށް ދިނުމަށްފަހުއެވެ. ނަމަވެސް މި ތިން އަތޮޅުގައި އެ ކުންފުނިން ފެރީގެ ޚިދުމަތް ހުއްޓާލައިވީ ނަމަވެސް އެ ދެ ރަށުގައި އަންނަނީ ރިސޯޓް ހިންގަމުންނެވެ.

މި މައްސަލައާއި ގުޅިގެން އެކުންފުންޏާއިމެދު އަޅާނެ ފިޔަވަޅެއް ބެލުމަށް އެޓާނީ ޖެނެރަލްގެ ލަފަޔަކަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އެދިފައެވެ.

ޝެއަރކުރައްވާ