ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ކޮންމެ އަހަރަކު ބާއްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިއަހަރު މ. އަތޮޅުގެ ހަ ރަށަކުން ބައިވެރިވެއްޖެއެވެ.

މިމަހުގެ 15 ވަނަ ދުވަހު ހުޅުމާލެ ފުޓްސަލް ދަނޑުގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި މ. އަތޮޅުން ބައިވެރިވެފައިވަނީ މުލި، މުލައް، ކޮޅުފުށި، ދިއްގަރު، މަޑުއްވަރި އަދި ނާލާފުއްޓެވެ.

މި މުބާރާތުގައި ބައިވެރިވެފައިވާ މ. އަތޮޅުގެ ރަށްތައް ހިމެނެނީ ޒޯން 4 ގައެވެ. މި ޒޯންގައި ދެން ހިމެނެނީ އދ. އަތޮޅެވެ.  އެއަތޮޅުން މި މުބާރާތުގައި ތިން ޓީމަކުން ބައިވެރިވެފައިވާއިރު އެޓީމްތަކަކީ ކުނބުރުދޫ، އޮމަދޫ އަދި ދަނގެތިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފުރަތަމަ ބުރު ކަމަށްވާ އަތޮޅު ބުރުގައި މ. އަތޮޅުގެ މެޗުތައް ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން  ގްރޫޕް އެކެއްގައި ހިމެނެނީ ދިއްގަރު، މަޑުއްވަރި އަދި މުލަކެވެ. މި ގްރޫޕުގައި ކުޅޭ ފުރަތަމަ މެޗުގައި ވާދަކުރާނީ މަޑުއްވަރި އާއި ދިއްގަރެވެ. މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 15 ވަނަ ދުވަހުރޭ 20:15 ގައެވެ.

ގްރޫޕް 2 ގައި ހިމެނެނީ މުލި، ނާލާފުށި އަދި ކޮޅުފުއްޓެވެ. ގްރޫޕް 2 ގައި ކުޅޭ ފުރަތަމަ މެޗުގައި ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގެރޭ 20:15 ގައި ވާދަކުރާނީ މުއްޔާއި ނާލާފުއްޓެވެ.

މި މުބާރާތުގެ އަތޮޅު ބުރުގެ ޗެމްޕިއަންކަން ހޯދާ ޓީމުތައް ޒޯން ބބުރުން ޖާގަލިބިގެންދާއިރު، ފައިނަލް ބުރުގައި ވާދަކުރާނީ ޒޯން ޗެމްޕިއަން ޓީމުތަކާއި ރަނަރަޕް ޓީމުތަކެވެ.

މިދިޔަ އަހަރެކެވޭސް އެއްގޮތަށް މިއަހަރުވެސް ޗެމްޕިއަން ޓީމަށް ހުށަހަޅާފައިވަނީ 65،000 ރުފިޔާއެވެ. އަދި ރަނަރަޕް ޓީމަށް ހުށަހަޅާފައިވަނީ 25،000 ރުފިޔާއެވެ. މިއަހަރުގެ މުބާރާތުގައި ޖުމްލަ 66 ޓީމަކުން ބައިވެރިވެފައިވެއެވެ.

ޝެއަރކުރައްވާ