މުއްޔާއި މުލައް ވާދަކުރި ސެމީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނު ޝަމްވީލް -- ފޮޓޯ: ނާލާފުށި އެފްބީ ޕޭޖް

މުލީގައި ކުރިއަށްދާ މުލަކަތޮޅު ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޜަންގެ ފައިނަލުން ރަތްމަންދޫ އާއި މުލި ޖާގަހޯދައިފިއެވެ.

ފިރިހެން ޑިވިޜަންގެ ފައިނަލުން ރަތްމަންދޫ ޖާގަހޯދީ ފިރިހެން ޑިވިޜަންގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި މުލި ފައިނަލުން ޖާގަހޯދީ ިފިރިހެން ޑިވިޜަންގެ ދެވަނަ އާއި ތިން ވަނަ ޓީމުގެ މެދުގައި މިދިޔަ ހުކުރު ދުވަހުގެރޭ ކުޅުނު ސެމީ ފައިނަލް މެޗު 3-2 ސެޓުން ކާމިޔާބުކޮށްގެންނެވެ.

މުލީ ވޮލީ ޓީމާއި މުލަކު ވޮލީ ކުލަބް ވާދަކުރި މިމެޗުގެ ފުރަތަމަ ސެޓް 25-20 މުލި ކާމިޔާބުކުރިނަމަވެސް ދެވަނަ ސެޓް މުލަކުން ވަނީ ކާމިޔާބުކޮށްފައެވެ. މިސެޓް އެޓީމުން ކާމިޔާބުކުރީ 25-18 ންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ތިން ވަނަ ސެޓް  25-23 ން މުލި ކާމިޔާބުކޮށް މެޗު ލީޑު ނެގިނަމަވެސް ޖެހިގެން ކުޅުނު ސެޓް މުލަކުން ކާމިޔާބުކޮށް އަނެއްކާވެސް ނަތީޖާ ހަމަހަމަކުރިއެވެ. މިސެޓް މުލަކުން ކާމިޔާބުކުރީ 25-22 ންނެވެ. މިސެޓް މުލަކުން ކާމިޔާބުކުރުމާއެކު މެޗުގެ ފޯރިގަދަވިއިރު ނަތީޖާ ނެރުމަށް ކުޅުނު ސެޓް 15-13 ން ކާމިޔާބުކޮށް ފައިނަލުން ޖާގަ ކަށަވަރުކުރީ މުލިންނެވެ.

ފޯރިގަދަ އަދި ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ މުލީ ވޮލީ ޓީމުގެ ޖާޒީ ނަމްބަރު 10 މުޙައްމަދު ޝަމްވީލްއެވެ.

ރަތްމަންދޫ އާއި މުލި ވާދަކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 20:15 ގައި މުލީ ވޮލީ ކޯޓުގައެވެ. މިމެޗު ޔެސް ޓީވީން ވަގުތުން ދެއްކުމަށްވަނީ ހަމަޖެހިފައެވެ.

ސެޕްޓެމްބަރު 1 ން 16 އަށް މުލީގައި ކުރިއަށްދާ މުލަކަތޮޅު ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޜަންގައި ޖުމްލަ ހަ ޓީމަކުން ބައިވެރިވެފައިވެއެވެ. އެޓީމްތަކަކީ ރަތްމަންދޫ ވޮލީ ޓީމު، ދިއްގަރު ވޮލީ ޓީމު، ނާލާފުށި ވޮލީ ޓީމު، މުލީ ވޮލީ ޓީމު، ރަތްމަންދޫ ވޮލީ ޓީމު އަދި މުލަކު ވޮލީ ކުލަބެވެ.

ޝެއަރކުރައްވާ