ދިއްގަރާއި މަޑުއްވަރި ވާދަކުރި މެޗުގެ ތެރެއިން -- ފޮޓޯ: ދިއްގަރު ކައުންސިލް

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މ. އަތޮޅު ބުރުގައި ރޭ ކުޅުނު މެޗުތަކުގެ ތެރެއިން ދިއްގަރުން ކުޅުނު މެޗު ކާމިޔާބުކޮށް ފެށުން ރަނގަޅުކުރިއިރު، ނާލާފުއްޓާއި މުލި ވާދަކުރި މެޗު އެއްވަރުވެއްޖެއެވެ.

ގްރޫޕް އެކެއްގައި ކުޅުނު ފުރަތަމަ މެޗުގައި ދިއްގަރާއި މަޑުއްވަރި ވާދަކުރިއިރު، މިމެޗު ދިއްގަރުން ކާމިޔާބުކުރީ ފަހަތުން އަރައި 4-3 ގެ ނަތީޖާއަކުންނެވެ. މިމެޗުގައި ދިއްގަރުން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި އިބްރާހިމް ރިފްއަތުއެވެ. އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ އާދަމް ހަލީލް އާއި އަޙްމަދު މިދުހަތުއެވެ. މަޑުއްވަރިން މިމެޗުގެ ޖެހި ތިން ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު އާޒިމް އާއި ޙަސަން އަލީ އާއި ހުސެއިން ނާއިމްއެވެ.

ދިއްގަރާއި މަޑުއްވަރި ވާދަކުރި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނު ރިފްއަތަށް ކޯޗު މަޢުރޫފް ޓްރޮފީ ހަވާލުކޮށްދެއްވަނީ — ފޮޓޯ: ދިއްގަރު ކައުންސިލް

މ. އަތޮޅު ބުރުގައި ރޭ ގްރޫޕް ދޭއްގެ ފުރަތަމަ މެޗުގައި ވާދަކޮށްފައިވަނީ ނާލާފުއްޓާއި މުއްޔެވެ. މިމެޗު ނިމިފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ މުލީ ޓީމުގެ ޝާހު އަޙްމަދުއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖު މ. އަތޮޅު ބުރުގައި ދެން މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 18 ވަނަ ދުވަހުގެ ރެއެވެ. އެގޮތުން ފުރަތަމަ މެޗުގައި ވާދަކުރާނީ ނާލާފުއްޓާއި ކޮޅުފުއްޓެވެ. މިމެޗު ފަށާނީ 20:15 ގައެވެ. އަދި ދެވަނަ މެޗުގައި ވާދަކުރާނީ ދިއްގަރާއި މުލަކެވެ. މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ 21:15 ގައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މ. އަތޮޅުގެ ހަ ރަށަކުން ބައިވެރިވެފައިވެއެވެ. މ. އަތޮޅު ބުރުކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.

ޝެއަރކުރައްވާ