ރައީސް ޔާމިން މިދިޔަ އަހަރު މ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ ރައީސް އޮފީސް

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މ. އަތޮޅާއި ފ. އަތޮޅަށް ކުރައްވާ ދަތުރުފުޅެއް މާދަމާ ފައްޓަވާނެކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ ޕްރޮގްރެސިވް ކޯލިޝަނުން މިހާރު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިންނެވެ. މި ބައްދަލުވުމުގައި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވީ ރައީސް ޔާމީންގެ މިދަތުރުފުޅުގައި މިދެ އަތޮޅުގެ ގިނަ ރަށްތަކަށް ޒިޔާރަތްކުރައްވައި ސަޕޯޓަރުންނާ ބައްދަލުކުރައްވާނެކަމަށެވެ.

ތިން ދުވަހަށް ފައްޓަވާ މި ދަތުރުފުޅުގައި ރައީސް ޔާމީން މާދަމާ މ. އަތޮޅާއި ފ. އަތޮޅަށް ފުރުއްވާއިރު، މީގެ ދެ ހަފްތާކުރިން ޔާމީން ވަނީ އަރިއަތޮޅު ދެކުނުބުރިއަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވާފައެވެ.

އިންތިޚާބަށްފަހު ވެރިކަން ބަދަލުވުމުގެ ފަހުން ސިޔާސީ ހަރަކާތަތައް ރައީސް ޔާމީން ފެއްޓެވިއިރު، އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީލޯންޑަރިންގެ ދައުވާގެ ޝަރީއަތް ދަނީ ކުރިއަށެވެ.

ޕްރޮގްރެސިވް ކޯލިޝަނުގެ މި ދަތުރުތަކަކީ އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ކުރަމުންދާ ދަތުރުތަކެކެވެ..

ޝެއަރކުރައްވާ