ކުލަބް އަޕްރައިޒިންގގެ ފަރާތުން އިންތިޒާމްކޮށްގެން މ. މަޑުއްވަރީގައި ފުޓްސަލް މުބާރާތެއް ބާއްވަން ނިންމައި، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެކުލަބާއި މަޑުއްވަރީ ކައުންސިލާ އިދާރާ ގުޅިގެން “ސީ.ޔޫ ޗެމްޕިއަންޝިޕް” ގެ ނަމުގައި އަންނަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރަތުގައި ޓީމް ރަޖިސްޓްރީކުރުމުގެ ފުރުސަތު މިމަހުގެ 31 ވަނަ ދުވަހުގެ 23:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. މުބާރާތުގައި ބައިވެރިވުމުގެ ފީއަކީ 1500 ރުފިޔާއެވެ. އަދި މުބާރާތުގައި ރަޖިސްޓްރީ ވެފައިވާ ޓީމުތަކުން ކުޅުންތެރިންނާއި އޮފިޝަލުން ރަޖިސްޓްރީކުރުމަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 2019 ނޮވެމްބަރު 25 ވަނަ ދުވަހުގެ 23:00 އެވެ.

ކުލަބް އަޕްރައިޒިންގއިން މަޢުލޫމާތު ދޭގޮތުގައި މި މުބާރާތަކީ ރަށުން ބޭރުގައި ދިރިއުޅޭ މަޑުއްވަރީގެ ރައްޔިތުންނާއި ރަށުގައި ދިރިއުޅޭ ފަރާތްތަކުގައި މެދުގައި ހާއްސަކޮށް ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމްކުރުމުގެ ގޮތުންނާއި ފުޓްސަލް ކުރިއެރުވުމާއި ޒުވާނުންގެ މެދުގައި މަޤުބޫލު ކުޅިވަރަކަށް ފުޓްސަލް ހެދުމުގެ މަޤުޞަދުގައި ބާއްވާ މުބާރާތެއްކަމަށެވެ. އަދި ރަށު ފެންވަރުގައާއި އަތޮޅު ފެންވަރުގައި އަދި ޤައުމީ ފެންވަރުގައި ބާއްވާ މުބާރާތްތަކުގައި ވާދަކުރެވޭފަދަ ކުޅުންތެރިންތަކެއް އުފެއްދުމަކީވެސް މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނޭކަމެއްކަމަށް އެކުލަބުން މަޢުލޫމާތު ދެއެވެ.

ކުލަބް އަޕްރައިޒިންގ އަކީ މަޑުއްވަރީގެ ޒުވާނުންތަކެއް 2012 ވަނަ އަހަރުން ފެށިގެން އެކީގައި ކުރަމުންއައި މަސައްކަތްތަކަށް ޤާނޫނީ ސިފައެއް ގެނެސް، ރަށުގެ ތަރައްޤީއަށް ކުރެވޭ ތަފާތު މަސައްކަތްތަކުއާއި ރަށުގެ ކުރިއެރުމަށް ތަފާތު ޕްރޮގްރާމްތައް ރާވައި ހިންގައި، ރަށުގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫޙް އާލާކޮށް، ޘާޤާފަތް ދިރުވުމާއި ތަފާތު ޙަރަކާތްތައް ރާވައި ހިންގުމާއެކު އެފަދަ ހަރަކާތްތަކުގައި ބައިވެރިވުމުގެ ގޮތުން އެރަށުގެ ޒުވާނުންތަކެއް އިސްވެތިބެ، 2018 ޑިސެމްބަރު 16 ވަނަ ދުވަހު ރަޖިސްޓްރީކޮށްފައިވާ ކުލަބެކެވެ.

ޝެއަރކުރައްވާ