އޭރު ދާއޫދު ހީކަރުވާތީ ފުރޮޅިފުރޮޅި އޮތެވެ. ފަރީނާ ދާއޫދުގެ ގައިގާ ރަޖާގަނޑު އަޅައިދިނެވެ. ރަޖާއެޅުމުގެ ތެރޭގައި ދާއޫދުގެ އަތުގައި ޖެހުމުން ކުއްލިޔަކަށް އަތްދަމައިގެނެފިއެެވެ. ފަރީނާއަށް މިމަންޒަރު ފެނުމުން ވިސްނާލުމަށްފަހު އަނެއްކާވެސް ރަޖާގަނޑު ހެޔޮވަރުކޮށްލިއެވެ. މިފަހަރުވެސް ދާއޫދުއަށްވީ ހަމަ އެހެންނެވެ.

ދާއޫދު އަތް ދަމައިގަންނަނީ ކީއްވެބާ؟ އަނެއްކާ އަނިޔާއެއްވީތަ؟ ހިތާހިތުން ސުވާލުކޮށްލުމަށްފަހު ދާއޫދުގެ  ކަނާއަތުގައިހިފާ އަތް ބަލައިލިއެވެ.

އަސްތަޤްފިރުﷲ ..ދާއޫދު އަތަަށް ކީއްކޮށްފަ މިއޮތީ؟ މިއޮތީ އަތް ފިހިފައެއްނު! ފަރީނާ ދާއޫދުގެ ދަތްދޮޅިގައި ހިފައި ގަޔާ ދިމައަށް މޫނު އަނބުރާލަމުން އެހިއެވެ. ފަރީނާ ވަނީ ވަރަށް ހާސްވެފައެވެ.

އެއީ ކަމެއް ނުވޭ! …….ދާއޫދު ނޫންގޮތަކަށް ޖަވާބު ދިނެވެ. ނަމަވެސް އޭރު ދާއޫދުގެ ކަނާއަތުގެ ސަހާދަތް އިނގިއްޔާއި މެދު އިނގިލި އަދި ކަށި އިނގިލިވަނީ ފޮޅު ލާފައެވެ.

ދާއޫދު.. ނިކަން އެއްޗެކޭ ކިޔާބަލަ.. ކިހިނެތް ވެގެންތަ ފިހުނީ…. ފަރީނާ ތަކުރާރުކޮށް ދާއޫދާ ސުވާލު ކުރިއެވެ. ނަމަވެސް ދާއޫދު އެކަމާ އަަޅައެއް ނުލިއެވެ. ދާއޫދު ނިދާފައި އޮތްކަމަށް ހަދައިގެން އޮތަސް، ދާއޫދުގެ ސިކުނޑީގައި އެނބުރެނީ ހާރޫނުގެ ސިހުރުގެ ކޮޅިގަނޑުގެ އަސަރެވެ.

އަހަރެން ފެންކައްކައިގެން އަވަހަށް އަންނަން އުޅެނިކޮށް އެއް އަތުގައި އޮތް އަތްދޮށް ފޮތިގަނޑު ދޫވާންފެށީމައި ތެލީގައި ބާރަށް ހިފާލަން އުޅުމުގެ ތެރޭގައި ތެލީގައި އިނގިލިތައް ޖެހުނީ….. ތަކުރާރުކޮށް ފަރީނާ ސުވާލުކުރަން ފެށުމުން ދާއޫދު ކިޔައިދިނެވެ.

އަހަރެން ނުބުނަމޭ ދާއޫދު ކައިރީގައި ބަދިގެއަށް ގޮސް ފެން ހޫނުކޮށް ސައިހަދާށެކޭ.. އަހަރެން ބުނިހާވެސް އެއްޗަކީ ފެންތެއްޔެއް ހޫނުކޮށްގެން ގެނެސްދޭށޭ… އަންނާނަން ބޭހެއް ހަދައިގެން.. ފަރީނާ ދާއޫދުގެ އަތަށް އެ ރީތި އަނގައިގެ ވައިން ފުމެން އިނދެފައި އަތުގައި ފިރުމާލަމުން ބުންޏެވެ.

ފަރީނާ ހިނގައިގަތީ ބަދިގެއާ ދިމައަށެވެ. ނަމަވެސް ޖެހިފައިވާ ގިލަންވެރިކަމުން އަރައިގަތުމުގެ ނަސީބެއް އަދިނުވާ ފަރީނާގެ ގައިގައި އަޅާ ވޭނެއް ހިޔާލަކަށް ނުގެނެވޭނެވެ. މުޅިގައި ފުރި ބާރުވެފައިވާ މީހެއް ފަދައިން ފަރީނާ ހުރި ނަމަވެސް އެހާލުގައި އަރާމެއް ކޮށްލާކަށްވެސް އޮށޯވެލާނެ ފުރުސަތެއް ނުލިބެއެވެ. އަބަދުވެސް ފަރީނާ ޖެހެނީ ބިރުވެރިކަމުގައި ސިހިސިހި އުޅޭށެވެ. ނާމާން ކަމުގެ ކިއްލާގައި މަރުވަންދެން އުޅޭށެވެ.

ފަރީނާ ބަދިގެއަށްވަދެ ކާށިތެލާއި ހުދުކާފޫރާއި އަދިވެސް ދެތިން ވައްތަރެއްގެ ދިވެހި ބޭހުގެ ބާވަތެއް ލައިގެން އެއްޗެއް ކަންކަން ފެށިއެވެ. ފަރީނާގެ ބައްޕައަކީ ކޮންމެވެސް ވަރަކަށް ދިވެހި ބޭސް ކޮށްއުޅުނު މީހަކަށްވީތީ ބައެއް ކަހަލަ ދިވެހި ބޭސްތައް ފަރީނާ ހަދާން ހުރެއެވެ. ފަރީނާގެ އުމުރުން ވަރަށް ކުޑައިރު ބައްޕަ ނިޔާވިޔަސް ބައްޕަގެ ފޮތްތަކުންނާއި މަންމަ ކައިރިޔަށް ބޭސް ހަދަން އަންނަ މީހުންނަށް ބޭސް ހަދާ އުޅުން ހަނދާންތައް ފަރީނާ ހުރެެއެވެ.

ފިހުނު ތަންތަނުގައި ޖަހާ ހާއްސަ ބޭހެއް ކަމަށްވާ ” ފިިހުނު ފާރު ބޭސް” ހަދައި ނިމުމުން ފަރީނާ ވަނީ ބަދީގެ ބިއްދޮށަށެވެ. އެއީ ކުކުޅު ފަތެއް ލިބޭތޯއެވެ! ފިހުނު ފާރު ބޭސް ޖަހަނީ ކުކުޅު ފަތެއްގެ ކޮޅުން ކަމަށް ވާތީއެވެ. އެހެން އެއްޗަކުން އެ ތެޔޮ ޖަހައިފިއްޔާ ތަދުވުން އެކަށީގެންވާތީ ފަރީނާ ބައްޕަމެންވެސް އެކަން ކޮށްއުޅުނީ އެހެންނެވެ.

ބަދިގެ ބިއްދޮށަށް ވެދެ އިރުގަނޑަކު ހިނގާލިތަނާ ރީތި އައު ކުކުޅު ފަތެއް ފެނިއްޖެއެވެ. ނަމަވެސް ވާރޭ ވެހުމުގެ ސަބަބުން އެފަތް އޮތީ ކިލާވެފައެވެ. އޭރުވެސް ތުނިތުނިކޮށް ވާރޭ ވެހެއެވެ. ފަރީނާ އަވަސް އަވަހަށް އެ ފަތް ހިފައިގެންގޮސް ގިފިއްޔަށްވަދެ ފަތް ދޮވެލައިގެން ޖޯޑަކަށް ދެޔޮ ކޮޅު އަޅާލައިގެން ގެއާ ދިމައަށް ހިނގައި ގަތެވެ. އޭރު ހެނދުނު 8 ޖެހުމާ ކައިރިވެދާނެއެވެ. ފަރީނާ ގެއަށް ވަނުމާއެކު ފަރީނާ ދިޔައީ ސިއްސައިގެންނެވެ. ހާރޫނުގެ އެ ހަގީގަތް ނޭނގޭ ބިރުވެރި ހޮހޮޅައިގެން ދޮރު ހުޅުވާލާ އަޑަށެވެ. ކިރިކިރި އަޑަކުން އެ ދުވަސްވެފައިވާ ދޮރު ހުޅުލާ އަޑާއެކު އިންސާނިއްޔަތުގެ ރަހުމެއްނެތް ނުލަފާ ހާރޫނުގެ ކެއްސުމުގެ އަޑުވެސް އިވުނެވެ. އެ އަޑަށް ފަރީނާ ބާރު ބާރަށް ގޮސް ކޮޓަރިއަށް ވަނެވެ.

ދޮރުލައްޕައި ތަންޑު އެޅުމަށްފަހު ދޮރުފަތުގައި ކަންފަތް ޖަހައިގެން ފަރީނާ ހުއްޓެވެ. އޭރު ހާރޫނު ފަރީނާމެން ކޮޓަރީގެ ދޮރުން ހުރަސްކޮށްލައިފިއެވެ. އިރުކޮޅެއްގެ ފަހުން އަޑުއިވުނީ ހާރޫނު ކޯ ދޮންނަ އަޑެވެ. އަދި ހާރޫނު ދަތް އުނގުޅުމަށްފަހު ކޯދޮންނަން ގެންގުޅޭ އެލްމެނިއަމް ޖޯޑު ފެންތާގީ ގައިރީގައި ހުރި ދަގަނޑުގައި އަޅުވާލި އަޑު އިވުނެވެ.

ފަރީނާ އިށީނީ އެނދުގައެވެ. އޭރު އަޒުލިފާ ދާއޫދުގެ އަތްމަތީގައި ނިދާފައި އޮތެވެ. އަދުހަމްވެސް އޮތީ ގަދަޔަށް ނިދާފައެވެ. ފަރީނާ ދާއޫދުގެ ކަނާއަތްތިލަ ހުޅުވާލައި، ފިހިފައިވާ ތިން އިނގިލީގެ ހުދުހަމުގަޔާއި އެ ތިން އިނގިލީގެ ނުފުށުގެ (ކަޅުހަމުގެ) މެދުބަދައިގަ ފިހިގެން ފޮޅު ކަޑައިގެން ގޮސްފައިވާ ތަންތަނުގައި ތެޔޮ ޖަހަން ފެށިއެވެ. ކުކުޅު ފަތުގެ ކޮޅުން އެތަންތަނުގައި ތެޔޮ އުނގުޅަމުން ދިޔައިރު ދައޫދަކަށް އެނގުމެއްވެސް ނުވެއެވެ. އަރާމު ނިދިން ދައޫދު ނިދާލާފައި އޮތްއިރު ފަރީނާގެ ހިތަށް އުފާވެރިކަން ލިބުނެވެ.

ނަމަވެސް މިއަދު ކުރަން އުޅުނު ދަތުރުގެ ކަންކަން ގޯސްކޮށް ދިއުމުން ފަރީނާގެ ހިތް ނުތަނަވަސް ވެގެން ދިޔައެވެ. ދެން ކަންވާނެ ގޮތެއް ނޭނގޭތީ ފިކުރު ބޮޑުވިއެވެ. ފަރީނާ ބޭނުންވަނީ ކޮންމެ ގޮތެއް ހަދާފައިވެސް ކޮނޑޭއަށް ދިރިއުޅުން ބަދަލު ކުރާށެވެ. އެއީ ފަރީނާގެ ހަމައެކަނި އެދުމެވެ. މިއަދު އަތްމަތި ދަތިކޮށް އުޅެން ޖެހުނު ނަމަވެސް ފަރީނާގެ ރަށަށް ދިއުމުން އެކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށް ފަރީނާ ގަބޫލު ކުރެއެވެ. ރޯނު ވެށުމާއި ފަން ފިނުމުގެ އިތުރުން  އެހެންކަމެއް މިރަށެއްގައި ކުރެވޭކަށް ނެތެވެ. ދާއޫދަކީވެސް މުރާލި މީހެއް ނަމަ މިއަދު ފަރީނާ މިހާލެއްގައި އުޅޭކަށް ނުޖެހުނީސްކަން ކަށަވަރެވެ.

ދާއޫދު ދެން ހިނގާ ސައިބޯންދާން.. މިހާރު ސައިވެސް ހުންނާނީ ހިހޫ ވެފަ.. ދާއޫދު ދެއަތަށް ފުރޮޅިލުމުން ފަރީނާ ވާހަކަ ދެއްކިއެވެ.

އާނ ދާން ހިނގާ.. ކޮބާ ބައްޕަމެން.. އެމީހުން ނިކުމެއްޖެތަ؟ ދާއޫދު ސިއްރު ސިއްރުން ފަރީނާ ގާތުގައި އަހައިލިއެވެ.

ދެންމެ އުޅުން ބައްޕަ ނިކުމެގެން.. މަންމަ ގޮތެއް ނޭނގެ… ދާއޫދު ދޭބަލަ އެމީހުން ކޮބައިތޯ ބަލައިލަން..ފަރީނާ ވައިއަޑުން ބުންޏެވެ.

މަށަށް ވަކި ކެރޭނެތަ؟ މަންމަ އަހަރެން ކުޑައިރު އޮތީ އިންޒާރު ދީފައި.. އެ ކޮޓަރިއަށް ނުވަނުމަށާއި މަންމަމެން ލަސް ވިޔަސް ނުގޮވުމަށް.. އަދި މަންމަމެން ނޫޅޭ އިރެއްގައި އެއްދުވަހު އެ ކޮޓަރިއަށް ވަނީމަ އަހަރެން ގައިގަ ތަޅާފައި ހުރި ތަންތަން އަދިވެސް ލަކުނު ނުފިލާ… ދާއޫދު އެދުވަސްތަކުގެ ވާހަކަ ކުޑަކޮށް ކިޔައިދިނެވެ.

އޭރުވެސް މިކަމެއް ކުރޭ ދޯ؟ އެކަމަކު ހެޔޮވާނީ ކިހިނެތް! އަހަރެން ފަކީރު މިއުޅޭ ހާލެއް ކާކަށް އިހުސާސު ކުރެވޭނީ.. އަހަރެން ދާއޫދާ އިނދެގެން އާދެވުނީމަވެސް ދެރަވޭ ބައެއެްފަހަރު… ފަރީނާއަށް ރޮވިއްޖެއެވެ.

ދެން މިކަން ޒުވާބަކަށް ނުހަދާ ހިނގާ ސައިބޯން ދަމާ.. މިކުދިންވެސް ގޮވައިގެން ދާނީ…. ދާއޫދު އެވާހަކަ ކުރު ކޮށްލިއެވެ. އޭރު އަޒުލިފާއާއި އަދުހަމްވެސް ލޯ ހުޅުވައިގެން އޮތެވެ. ދެކުދިންގެ އަތުގައި ހިފައި ދާއޫދު އެކުދިން ކޮޅަށް ނެގިއެވެ. ދާއޫދުގެ އަތުގައި ތެޔޮ ކަހަލަ އެއްޗެއް ހުރުމުން ދާއޫދު ހައިރާން ވިއެވެ.

މީ ކޮން ތެލެއް ފަރީނާ؟

ތީ އަހަރެން ހަދާފައި ހުރި ބޭހެއް.. ތިޔަ ފުހެ ނުލާތި. ތިޔައީ ޖައުފަރާއެކު ބުޅި ޖަހަން އުޅުނު ދުވަހު ފައި ފިހުނީމަ ޖެހި ބޭސް… ކުރީގެ ވާހަކައަކުން ފަރީނާ އެ ހެދި ބޭސް ދާއޫދަށް ބުނެދިނެވެ.

އާނ.. ފިހުނު ފާރު ބޭސް ދޯ! ތިޔައީ މޮޅު އެއްޗެއް ދޯ! ގައިމު ކިހާ ބޮޑަކަށް ފިހިފަ ހުރީ،،އެކަމަކު ކިހާ އަވަހަކަށް ފާރު ގަނޑު ފަސޭހަވި… ދަރިފުޅުމެންވެސް ހިނގާ ދާން… ދާއޫދު ހިނގައި ގަންނަމުން ބުންޏެވެ.

ދާއޫދުމެން ބޭރަށް ނިކުތްއިރު ހާރޫނު އިނީ ބަދިގެ ކޮޅުގައި ފިލާކޮޅެއް މަށާށެވެ. ސިއްތިވެސް ކައިރީގައި އިނެވެ. ސިއްތި އިނީ ކުޑަ ގޮނޑިއެއްގައި އަނގަ ކާލަކާލައެވެ. ކަނީ ކޮން އެއްޗެއް ކަމެއް ފެންނާކަށް ނެތެވެ. ދާއޫދު ފުން ނޭވާއެއް ލުމަށްފަހު ހިނގައިގަތެވެ. އިތުރު ގޮތެއް ފެންނާކަށްވެސް ނެތެވެ. ބަނޑުވެސް ހައިވެގެން ކުރާނެ ކަމެއްނެތެވެ. ކުދިވެރިންނަށްވެސް އެއެްޗެއް ދޭން ޖެހެއެވެ. އެ ދާއޫދު އަދުހަމް އަތުގައި ހިފައިގެން ބަދިގެއާ ދިމައަށް ހިނގައިގެން އިރު އަޒުލިފާ އަތުގައި ހިފައިގެން ހުރީ ފަރީނާއެވެ.

އެމީހުން ބަދިގެއަށް ވަދެ ސައިބޯން ފެށިއެވެ.އޭރުވެސް ފަރީނާއާ ދާއޫދުގެ ބޮލުގައި އޮތީ ހާރޫނާއި ސިއްތިގެ ރޭވުން ތަކެކެވެ. ބަދިގެއަށް ވަނތްއިރުވެސް ބަލައެއް ނުލިއެވެ.

ދާއޫދު.. އެހެންޏާ ނޫޅެއެއްނު ދެމީހުން އެއްކޮށް ނިކުމެއެއް މިގޮތަކަށް… އަނެއްކާ ކަމެއް އެނގުނީއެއް ނޫންތަ؟ ފަރީނާ ސިއްރު ސިއްރުން އަހަލިއެވެ.

އަހަރެންވެސް ތިމަކާ އަޖައިބުވެފަ މިއިނީ.. ދެން ހިނގާ ސައިބޯން.. ފަރީނާ ސައިކުރާ ހޫނުތަ؟ ހޫނު ނޫނިއްޔާ ހޫނު ކޮށްލަބަލަ! ދާއޫދު ފަރީނާގެ ގާތުގައި އެދުނެވެ.

ސައިކުރާ ހޫނުކޮށްގެން ފަރީނާ ތަށިތަކަށް ސައި އެޅިއެވެ. ފަތު މަސްހުންޏަކީ އަޒްލިފާއަށާއި އަދުހަމަށްވެސް މީރު އެއެްޗެކެވެ. އަދި ދާއޫދުވެސް ފަތު މަސްހުނި ހުރިއްޔާ ރަނގަޅަށް ކާނެއެވެ. އެންމެން ސައިބޮއެ ނިމިއްޖެއެވެ. ފަރީނާ ބަދިގެ މޭޒުމަތި ސާފު ކުރަން ފެށިއެވެ.

އައްސަލާމް އަލައިކުމް… ބަދިގެ ދޮރުމަތިން ސަލާމް ގޮވާލާ އަޑު އިވުމުން ފަރީނާ ސިހިގެން ބަލައިލިއެވެ.

(ނުނިމޭ)

13 ވަނަ ބަޔަށް އިންތިޒާރު ކޮށްލައްވާ

ޝެއަރކުރައްވާ