މ. ދިއްގަރު --

އިސްލާމް ދީނަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ނެރުނު ރިޕޯޓަކީ އެޖަމިއްޔާއިން ހިންގި ވަރަށް ދަށު ދަރަޖައިގެ އަމަލެއްކަމަށާއި ފިޔަވަޅު އަޅަންޖެހޭކަމުގައި މ. ދިއްގަރުު ރައްޔިތުންނާއި އެރަށު ކައުންސިލުން ބުނެފިއެވެ.

މިކަން ހާމަކޮށްފައިވަނީ އެމްޑީއެން އިން އިސްލާމް ދީނަށާއި މާތް ނަބިއްޔާ މުހައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް އިސްލާމް ދީނަށް ފުރައްސާރަކޮށް އާންމުކުރި ރިޕޯޓާ ގުޅިގެން އެކަން ކުށްވެރިކޮށް ދިއްގަރު ކައުންސިލުން ނެރުނު ނޫސް ބަޔާނެއްގައެވެ.

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކް (އެމްޑީއެން) އިން ނެރެފައިވާ “ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ގެ ނަމުގައި ނެރުނު ރިޕޯޓްގައި އިސްލާމް ދީނާއި، މާތް ނަބިއްޔާ މުހައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ވަރަށް ބޮޑަށް ފުރައްސާރަ ކޮށްފައިވާތީ، އެކަން މިރަށުގެ ރައްޔިޔުންނާއި ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. އަދި މި އަމަލަކީ އެ ޖަމިއްޔާއިން ހިންގި ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމުގައިވެސް މިރަށުގެ ރައްޔިތުންނާއި، މި ކައުންސިލުން ދެކެމެވެ.” ދިއްގަރު ކައުންސިލުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ އެޖަމިއްޔާއިން ނެރުނު ރިޕޯޓްގައި މާތް ނަބިއްޔާ މުހައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ފުރައްސާރަކުރުމުގެ އިތުރުން، ކީރިތު ގުރުއާނުގެ ނައްސުތަކުން ސާބިތުވާ ކަންތައްތަކަށް ކަނޑައެޅިގެން އިންކާރު ކޮށްފައިވުމަކީ، މުސްލިމުންގެ ގޮތުގައިތިބެ އެޖަމިއްޔާއިން ކޮށްފައިވާ ފަސާދައިގެ އަމަލެއްކަމީ ޝައްކެއް އޮތްކަމެއް ނޫން ކަމަށެވެ.

“ކަން މިހެން ހުރުމާއެކު، ޖަމިއްޔާތަކާބެހޭ ގާނޫނުގެ 19 ވަނަ މާއްދާގައިވާ ފަދައިން އިސްލާމްދީނަށް އިހާނެތޮކޮށް ހިތުމަށް ނުވަތަ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގައިލުމަށް ނުވަތަ އެކަމަށް އުނިކަމެއް ގެނައުމަށް ދިވެހިރާއްޖޭގައި ޖަމިއްޔާތައް ހިންގުމަކީ މަނާކަމަކަށް ވީހިނދު، ދިވެހިރާއްޖޭގެ ޖަމިއްޔާތަކާބެހޭ ގާނޫނާއި ހިލާފު މި އަމަލު އެމްޑީއެން އިން ކޮށްފައިވާތީ، އެފަރާތާމެދު ވަގުތުން ފިޔަވަޅު އަޅަންޖެހޭނެކަމުގައިވެސް މި ރަށުގެ ރައްޔިތުންނާއި، މި ކައުންސިލުން ދެކެމެވެ.” އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ އެމްޑީއެން އިން ހިންގި އިސްލާމް ދީނާ ހިލާފު ދަށު ދަރަޖައިގެ އަމަލުތައް ތަހުގީގުކޮށް، މި އަމަލުތައް ހިންގި ފަރާތްތަކާއި، އެޖަމިއްޔާއާ މެދު ފިޔަވަޅު އަޅައި، ޖަމްއިއްޔާ އުވާލުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި މުއައްސަސާތަކަށް ގޮވާލާކަމަށެވެ.

ޝެއަރކުރައްވާ