ރައްޔިތުންގެ މަޖިލިސް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ޙަސަން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އިސްލާމް ދީނަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ނެރުނު ރިޕޯޓް ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށާއި އެރިޕޯޓާ ގުޅިގެން ސަރުކާރުން އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމާ ދޭތެރޭ ޝައްކު ނުކުރާކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ޙަސަން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީއެންގެ ރިޕޯޓާ ގުޅިގެން އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިއްޔެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިކްރާމް ވިދާޅުވީ އެމްޑީއެންގެ ރިޕޯޓް ދާއިރާގެ ރައްޔިތުންގެ ހައްގުގައާއި އަމިއްލަ ނަމުގައި ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.

މަޖިިލިސް ޖަލްސާގައި އިއްޔެ ހިނގާދިޔަ ކަންކަމާ ގުޅިގެން ފާޑު ވިދާޅުވަމުން ދެއްކެވި ވާހަކަފުޅުގައި އެމްޕީ އިކްރާމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެމްޑީޕީ އާއި ސަރުކާރާ ޖައްސާލައިގެން ދީން ބޭނުންކޮށްގެން ކުރަމުންދާ ކަންކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށާއި މިއީ އެއްގޮތަކަށްވެސް ކޮށްގެންވާނެކަމެއް ނޫންކަމަށެވެ. އަދި ރައްޔިތުން މަޖިލިސްއަށް މެމްބަރުން ހޮވާފައިމިތިބީ ރަނގަޅު މަސައްކަތްތަކެއް ކުރަންކަމަށާއި އެމައްސަކަތްތައް ކުރުމަށް ފުރުސަތު ދޭންޖެހޭކަމަށް ވިދާޅުވިއެވެ.

އެމްޕީ އިކްރާމް ވިދާޅުވީ މިސަރުކާރުން ދީނާ އިނދިކޮޅަށް އެއްވެސް މަސައްކަތެއް ނުކުރާނެކަމަށާއި ދީނާ އިނދިކޮޅު އެއްވެސް މަސައްކަތެއް ކުރާކަމަށްވާނަމަ އެކަމެއް ކުށްވެރިކޮށް، އަޅަންޖެހޭ ފިޔަވަޅުތައްވެސް ސަރުކާރުން އަޅާނެކަމަށެވެ. އަދި އެމަސައްކަތް ސަރުކާރުން ކުރަމުންދާތަން ފެންނަކަމަށާއި އެކަމާ ދިވެހި ރައްޔިތަކު ޝައްކެއް  ކުރާކަށް ނުޖެހޭނެކަމަށް ވިދާޅުވިއެވެ.

އިސްލާމް ދީނަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ނެރުނު ރިޕޯޓާ ގުޅިގެން އެކަން ކުއްވެރިކޮށް ދިއްގަރު ކައުންސިލުން ވަނީ ނޫސްބަޔާނެއްވެސް ނެރެފައެވެ. އަދި ގިނަ ފަރާތްތަކުންވެސް ދަނީ އެކަން ކުށްވެރިކޮށް، އެޖަމިއްޔާއާ ދޭތެރޭ ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.

ޝެއަރކުރައްވާ