މުލައް -- ފޮޓޯ: މީމު.އެމްވީ

މ. މުލަކު ކައުންސިލުން އެރަށުގައި ފުޓްބޯޅަ ދަނޑަކާއި ވޯޓާ ސްޕޯޓްސް ސަރަހެއްދެއް ގާއިމްކުރުމަށް ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއާ އާގުޅިގެން ހެދި އީއައިއޭ ރިޕޯޓް ގަބޫލުނުކުރަން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ނިންމައިފިއެވެ.

އީޕީއޭގެ ޑިސިޝަން ސްޓޭޓްމަންޓްގައި ފާހަގަކޮށްފައިވަނީ ޕްރޮޖެކްޓު ހިންގަން ބޭނުންވާ ބިމަށް ވުރެ ޕްރޮޖެކްޓު ހިންގަން ރުއްގަސް ސާފު ކުރަން ހުށަހަޅާފައިވާ ސަރަހައްދު ބޮޑު ކަމަށާއި އެ ޕްރޮޖެކްޓު ކުރިއަށް ގެންދަން ހުށަހަޅާފައިވާ ސަރަހައްދުން ނަގަން ޖެހޭ ރުއްގަސް ނަގައިގެން އިންދާނެ ތަނެއް ޕްރޮޖެކްޓުގެ އީއައިއޭ ރިޕޯޓުގައި ފާހަގަކޮށްފައި ނެތް ކަމަށެވެ. އަދި އެތަނުން ނަގަން ޖެހޭނެ ރުއްގަސް މުލަކުގައި އިންދާ ނަމަ އިންދާނީ ކޮން ތަންތަނެއްގައިކަންވެސް ބަލާފައި ނުވާކަން ފާހަގަކޮށްފައިވެ އެވެ. އަދި ރުއްގަސް ނެގުމުން ބިމުގައި އުފެދޭނެ ވަޅުގަނޑުތަކަށް އަޅަން ވެލި ބޭނުންވާ ވަރާއި އެލި ހޯދާނީ ކޮންތަނަކުން ކަމަވެސް ބަލާފައިނުވާކަމަށް ބުނެފައިވެއެވެ.

މީގެއިތުރުންވެސް އީޕީއޭގެ ޑިސިޝަން ސްޓޭޓްމަންޓްގައި ބުނެފައިވަނީ އީއައިއޭ ރިޕޯޓްގައި ޝޯލައިން އާއި ވެޖިޓޭޝަން ލައިން ބުނެދީފައި ނުވާކަމަށާއި ޕްރޮޖެކްޓު ހިންގެނޭ އެހެން ތަންތަން ބަލާފައި ނުވާކަމަށްވެ. އަދި ސްޓޭކް ހޯލްޑަރުންނާ މަޝްވަރާކޮށްފައި ނެތުމާއި، ޕްރޮޖެކްޓަށް ބޭނުން ކުރާނެ ތަކެތީގެ ތަފްސީލު ދީފައި ނެތުމާއި، ޕްރޮޖެކްޓުގެ ބަޖެޓު ހަމަޖެހިފައިވާ ކަމުގެ ޔަގީންކަން ލިބިފައި ނެތުންވެސް އެމަސްރޫއުގެ އީއައިއޭ ރިޕޯޓް ގަބޫލު ނުކުރަން ނިންމި ސަބަބުތަކުގެ ތެރޭގައި ހިމެނޭކަމަށްވެސް ސްޓޭޓްމަންޓްގައި ވެއެވެ.

ޝެއަރކުރައްވާ