ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މުލަކަތޮޅު އަތޮޅު ކައުންސިލަރުންނާ މިއަދު ބައްދަލުކުރައްވައި އަތޮޅުގެ ރަށުގެ ތަރައްޤީގެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި އަތޮޅު ކައުންސިލުގެ ފަރާތުން ވަނީ އަތޮޅުގެ ތަރައްޤީއަށް ބޭނުންވާ ބައެއް މަޝްރޫޢުތަކާއި އަތޮޅުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ޙިއްޞާކުރައްވާފައެވެ. މި ބައްދަލުވުމުގައި އަތޮޅުގެ އެކި ރަށްރަށުގެ ރަށު ކައުންސިލުންތަކުން ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުން ވަނީ އެރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާބެހޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފައެވެ.

ރަށްރަށުގައި ހުރި ބޮޑެތި މައްސަލަތަކުގެ ގޮތުގައި މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުން ފާހަގަކުރެއްވި މައްސަލަތަކުގެ ތެރޭގައި ފެނާ ނަރުދަމާގެ ނިޒާމުގެ މައްސަލަ ތަކާއި ބަނދަރު ހެދުމާއި މަރާމާތުގެ މަސައްކަތްތަކާއި، ރަށްގިރުމާއި ބިމުގެ ދަތިކަމުގެ މައްސަލައާއި ކުނީގެ މައްސަލަ ހިމެނެއެވެ. ރަށްރަށުގެ ކައުންސިލަރުން ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި އެ އަތޮޅަކީ މަސްވެރިން ގިނަ އަތޮޅަކަށް ވުމުން މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީ ކުރުމަށް މަސް ފެކްޓްރީ އަދި ފަސޭހައިން މަސްކިރޭނެ އިންތިޒާމު ހަމަޖެހުންފަދަ ކަންކަމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި އަތޮޅުގައި ކުރިޔަށް ގެންދިއުމަށް ޕްލޭން ކުރެވިފައިވާ އެއާޕޯޓް އަދި ކޯޒްވޭއާއި ރަށްރަށުގެ ބިންހިއްކުން ފަދަ ބޮޑެތި މަޝްރޫޢުުތަކާ ބެހޭގޮތުންނާއި ރަށްރަށުގެ ތަޢުލީމީ ދާއިރާއާ ޞިއްޙީ ދާއިރާ ތަރައްޤީކުރުމަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުންނާއި އިޖްތިމާޢީ ގޮތުން ރަށްރަށުގައި ހުރި ބައެއް މައްސަލަތަކާ ބެހޭގޮތުން ވެސް ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވަނީ ފެނާ ނަރުދަމާގެ މަޝްރޫޢުތައް މި ދައުރުގެ ތެރޭގައި ހުރިހާ ރަށެއްގައި ހިންގުމަށް ކަމުގައި ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ބަޖެޓުގައި ހިމެނިފައިވާ ބައެއް މަޝްރޫޢުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ކައުންސިލަރުންނާ ޙިއްޞާކުރައްވާފައެެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސަރުކާރުން އަބަދުވެސް މަސައްކަތްކުރައްވަނީ މަޝްރޫޢުތަކުގެ މަސައްކަތް ވީހާވެސް އަވަހަށް ކުރިޔަށްދާނެގޮތަށް ކަންކަން އިންތިޒާމުކުރެއްވުމަށް ކަމަށާއި ކައުންސިލަރުން އެދިވަޑައިގެންެނެވި ކަންކަމަށްވެސް ކަމާބެހޭ އިދާރާތަކާ ގުޅިވަޑައިގެން ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރަށްރަށުގެ އުމްރާނީ ތަރައްޤީގެ އިތުރުން ރަށްރަށުގެ އިޖްތިމާޢީ ކަންކަމަށްވެސް ކައުންސިލުތަކުން ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވުމަށް އެދިވަޑައިގެންފައެވެ. އެގޮތުން އާންމު ޞިއްޙަތާ ގުޅޭ ކަންކަމާއި ދަރިވަރުން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމުގައި ރަށުގެ އާންމު ފަރުދުންނާ ގުޅިވަޑައިގެން ކައުންސިލުތަކުން އިސް ދައުރެއް އަދާކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ޝެއަރކުރައްވާ