ދިއްގަރު ކައުންސިލުން އިންތިޒާމްކޮށްގެން ރަށް ސާފުކުރުމުގެ ހަރަކާތްތެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިއްޖެއެވެ.

“ހިތްފަސޭހަ މާހައުލަކަށް – ސާފު ދިއްގަރު” މި ނަމުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ސާފުކުރުމުގެ ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުގެ ހަވީރު 3:45 ގައެވެ.

ދިއްގަރު ތުނޑި ސަރަޙައްދުގައި ކުރިއަށް ގެންދާ މި ހަރަކާތަކީ ޗުއްޓީއާ ދިމާކޮށް ރަށް ސާފުކުރުމުގެ ގޮތުން ދިއްގަރު ކައުންސިލުން އިންތިޒާމްކޮށްގެން ރަށުގައި ހުރި މުއައްސަސާތަކާއި ކުލަބް ޖަމްޢިއްޔާތަކާއި ފުޓްބޯޅަ ކުލަބުތައް ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެއްކަމަށް ދިއްގަރު ކައުންސިލުން މަޢުލޫމާތު ދެއެވެ.

މިހަރަކާތާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ދިއްގަރު ކައުންސިލްގެ ރައީސް އަޙްމަދު ނިޝާން މުޙައްމަދު ވިދާޅުވީ މި ހަރަކާތުގައި ސާފުކުރުމުގެ އިތުރުން އިތުރު ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށާއި އެގޮތުން މޫދަށް އެރޭ ސަރަޙައްދު އިތުރަށް ތަރައްޤީކުރުމަށް މަސައްކަތްތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެިފައިވާކަމަށެވެ .

އެގޮތުން ބާބަކިއު ސްޓޭންޑްތައް ބެހެއްޓުމާއި އިށީދެވޭނެ ގޮތަށް ޖޯލިފައްޗާއި ގޮނޑިފަދަތަކެތި ބެހެއްޓުން އެދުވަހު ކުރިއަށްދާނެކަމަށާއި މަސައްކަތްތައް ކުރިއަށް ގެންދަނީ ކުލަބް ޖަމްޢިއްޔާތަކުންކަމަށެވެ. އަދި މި މަސައްކަތްތައް ނިންމައި އެދުވަހު ތަކެތި ކައުންސިލާ ހަވާލުކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ނިޝާން ވިދާޅުވިއެވެ.

ޝެއަރކުރައްވާ