އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން -- ފޮޓޯ: ދިއްގަރު ކައުންސިލް

މ. ދިއްގަރު ޢިއްޒުއްދީން މިސްކިތުގެ ވުޟޫކުރާ އިސްކުރުބަރި މަރާމާތުކުރުމަށް މަގުލަސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު ދިއްގަރު ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ދިއްގަރު ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަޙްމަދު ނިޝާން މުޙައްމަދުއެވެ. މަގުލަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މުޙައްމަދު އިސްމާޢީލްއެވެ.

ޢިއްޒުއްދީން މިސްކިތުގެ އިސްކުރުބަރީގެ ޑިޒައިން — ފޮޓޯ: ދިއްގަރު ކައުންސިލް

މި އެއްބަސްވުމުގެ ދަށުން މަސައްކަތްފަށާތާ 20 ދުވަސްތެރޭގައި މަސައްކަތް ނިންމުމަށް އެއްބަސްވެފައިވާއިރު، މިމަސައްކަތުގެ ދަށުން އިސްކުރުބަރި މަރާމާތުކޮށް އާބާތުރަފިލުވައި، ގުނަދަނަކާއި ހިޔާވާނެ ތަނެއް ހެދުމަށްވަނީ ހަމަޖެހިފައެވެ.

ޢިއްޒުއްދީން މިސްކިތުގެ އިސްކުރުބަރިއަކީ 1989 ވަނަ އަހަރުން ފެށިގެން މިސްކިތުގައި ބޭނުންކުރަމުންދާ ދުވަސްވީ އިސްކުރުބަރިއެކެވެ. މިއިސްކުރުބަރިއަކީ ދިއްގަރުގެ ތަރައްޤީއާއި ރައްޔިތުންގެ ފައިދާއަށްޓަކައި އެރަށުގެ “ވޮލީގްރޫޕުން” އިމާރާތްކޮށް ރައްޔިތުންނަށް ހަދިޔާކޮށްފައިވާ އިސްކުރުބަރިއަކާއި ފާޚާނާ އެކެވެ.

ޝެއަރކުރައްވާ