މުލީގައި ކުރިއަށްދާ ފޮޓޯގްރަފީ ކޯހުގެ ތެރެއިން --

މ. މުލީ ޖަމްއިއްޔާއެއްކަމަށްވާ ސޮސައިޓީ އޮފް ޔޫތު އެންހޭންސްމަންޓުން އިންތިޒާމްކޮށްގެން ޒުވާނުންނަށް އަމާޒުކޮށްގެން ފޮޓޯގްރަފީ ކޯހެއް ފަށައިގެން ކުރިއަށް އެބަދެއެވެ.

މިމަހުގެ 13 ވަނަ ދުވަހު ފެށިގެން ކުރިއަށްދާ މި ކޯސް މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

މުލީ ޔޫތު ސެންޓަރުގައި ކުރިއަށްދާ މި ކޯހުގައި ޖުމްލަ 17 ފަރާތަކުން ބައިވެރިވެފައިވާއިރު، މިބައިވެރިންގެ ތެރޭގައި ރަށުގެ ޒުވާނުންނާއި ސްކޫލު ދަރިވަރުންވެސް ހިމެނެއެވެ.

މުލީ ކައުންސިލްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ މި ކޯހުގައި ފޮޓޯގްރަފީގެ އަސާސީ ހުނަރުތައް ކިޔަވައިދީ،ޕްރެކްޓިކަލް ސެޝަންވެސް ކުރިއަށް ގެންދާގޮތަށްވަނީ ހަމަޖެހިފައެވެ.

މުލީ ކައުންސިލުން މަޢުލޫމަތު ދޭގޮތުގައި މި ކޯސް ނިމޭއިރު ކޯހުގެ ބައިވެރިންނަށް ފޮޓޯގްރަފީގެ ބޭސިކްގެ އިތުރުން ޕޯސްޓް ޕްރޮޑަކްޝަންއާ ހަމައަށް މަސައްކަތްކުރަން އިނގިގެންދާނެކަމަށެވެ.

މި ކޯހުގެ ތެރެއިން ބައިވެރިންނަށް އަމާޒުކޮށްގެން ފޮޓޯގްރަފީ މުބާރާތެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، މި މުބާރާތުގެ ތީމްއަކަށް ކަނޑައަޅާފައިވަނީ “ކޮރަޕްޝަންއާ ދެކޮޅު” މި ތީމެވެ.

މި މުބާރާތުގެ ޖަޖިންގ ޕެނަލްގައި ތިން މެމްބަރުން ހިމެނޭއިރު، އޭގެތެރޭގައި ފޮޓޯގްރަފީ ދާއިރާގެ ތަޖުރިބާ ލިބިފައިވާ އަދި މުއްޔަށް ނިސްބަތްވާ ސަމްޙާން ރަޝީދުގެ އިތުރުން މި ކޯހުގައި ކިޔަވައިދެއްވާ މުޙައްމަދު އައްފާން މުސާ ހިމެނެއެވެ.

 

 

ޝެއަރކުރައްވާ