ކުލަބް އަޕްރައިޒިންގގެ ފަރާތުން އިންތިޒާމްކޮށްގެން މ. މަޑުއްވަރީގައި ބޭއްވުމަށް ހަމަޖެހިފައިވާ “ސީ.ޔޫ ޗެމްޕިއަންޝިޕް” ގެ މީޑިއާ ޕާޓްނަރަކަށް މީމު.އެމްވީ ހަމަޖައްސައިފިއެވެ.

މީޑިއާ ޕާޓްނަރަކަށް މީމު.އެމްވީ ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މުބާރާތުގެ ގުރުނެގުމަށް ރޭ މަޑުއްވަރީ ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތުގައެވެ. ކުލަބް އަޕްރައިޒިންގގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ އެކުލަބުގެ އެތިކްސް އެންޑް ޑިސިޕްލިނަރީ އޮފިސަރު އަޙްމަދު ޒައިދާން މުޙައްމަދުއެވެ. މީމު.އެމްވީގެ ފަރާތުން ސޮއިކުރެއްވީ މަޑުއްވަރީ ކައުންސިލްގެ ނައިބު ރައީސް ޙަސަން މަހާސިންއެވެ.

ކުލަބް އަޕްރައިޒިންގ އާއި މަޑުއްވަރީ ކައުންސިލާ އިދާރާ ގުޅިގެން “ސީ.ޔޫ ޗެމްޕިއަންޝިޕް” ގެ ނަމުގައި ބާއްވަން ހަމަޖެހިފައިވާ މި މުބާރާތް ފަށާނީ މިމަހުގެ 25 ވަނަ ދުވަހުއެވެ. މުބާރާތުގައި ފަސް ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެއީ މަޑުއްވަރީ މުސްކުޅި ބޯއިޒް، ގްރީން ސްޓަރ، އެފްސީ ޗެމްޕިއަން، އެފްސީ ބާޒު، އަދި ބްރަދަރސް އޮފް ދަ ގޭންގް އެވެ.

މި މުބާރާތަކީ ރަށުން ބޭރުގައި ދިރިއުޅޭ މަޑުއްވަރީގެ ރައްޔިތުންނާއި ރަށުގައި ދިރިއުޅޭ ފަރާތްތަކުގައި މެދުގައި ހާއްސަކޮށް ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމްކުރުމުގެ ގޮތުންނާއި ފުޓްސަލް ކުރިއެރުވުމާއި ޒުވާނުންގެ މެދުގައި މަޤުބޫލު ކުޅިވަރަކަށް ފުޓްސަލް ހެދުމުގެ މަޤުޞަދުގައި ބާއްވާ މުބާރާތެއްކަމަށް ކުލަބް އަޕްރައިޒިންގއިން މަޢުލޫމާތު ދެއެވެ. އަދި ރަށު ފެންވަރުގައާއި އަތޮޅު ފެންވަރުގައި އަދި ޤައުމީ ފެންވަރުގައި ބާއްވާ މުބާރާތްތަކުގައި ވާދަކުރެވޭފަދަ ކުޅުންތެރިންތަކެއް އުފެއްދުމަކީވެސް މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނޭކަމެއްކަމަށް އެކުލަބުން މަޢުލޫމާތު ދެއެވެ.

ޝެއަރކުރައްވާ