ކުލަބް އަޕްރައިޒިންގގެ ފަރާތުން އިންތިޒާމްކޮށްގެން މ. މަޑުއްވަރީގައި ބޭއްވުމަށް ހަމަޖެހިފައިވާ “ސީ.ޔޫ ޗެމްޕިއަންޝިޕް” ގެ ގުރުނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ރޭ މަޑުއްވަރީ ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތުގައި ގުރު ނަންގަވައިދެއްވީ މަޑުއްވަރީގައި ކުޅިވަރު ކުރިއަރުވައި، ކުޅިވަރަށް ގިނަ ޚިދުމަތްތަކެއް ކޮށްދީފައިވާ އަދި މަޑުއްވަރީގެ ކުރީގެ އެއް ނަންބަރު ކީޕަރު ޢަލީ ރަޝާދުއެވެ.

މިރަސްމިއްޔާތުގައި ކުލަބް އަޕްރައިޒިންގ އާއި މަޑުއްވަރީ ކައުންސިލާއި މީމު.އެމްވީ އާއި ޒިމީނިއޯ ފޮޓޯގްރަފީއާއެކު އެއްބަސްވުމުގައި  ވަނީ ސޮއިކޮށްފައެވެ.

ކުލަބް އަޕްރައިޒިންގ އާއި މަޑުއްވަރީ ކައުންސިލާއެކު އެއްބަސްވުމުގައި ސޮއިކުރަނީ —

އެގޮތުން މަޑުއްވަރީ ކައުންސިލާއި ކުލަބް އަޕްރައިޒިންގ އާ ދެމެދު މުބާރާތް ކުރިއަށް ގެންދިއުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ފަހުމުނާމާއެއްގައި ސޮއިިކޮށްފައިވާއިރު، މަޑުއްވަރީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އިސްމާޢިލް ނާފިޢުއެވެ. ކުލަބް އަޕްރައިޒިންގ ފަރާތުން ސޮއިކުރެއްވީ އެކުލަބުގެ ޗެއަރޕާސަން އާދަމް ޝުބާންއެވެ.

ކުލަބް އަޕްރައިޒިންގ އާއި މީމު.އެމްވީ އާދެމެދު އެއްބަސްވުމުގައި ސޮއިކުރަނީ —

މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް މީމު.އެމްވީ ހަމަޖައްސާފައިވާއިރު، މީމު އެމްވީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މަޑުއްވަރީ ކައުންސިލްގެ ނައިބު ރައީސް ޙަސަން މަހާސިންއެވެ. ކުލަބު އަޕްރައިޒިންގގެ ފަރާތުން ސޮއިކުރެއްވީ އެކުލަބުގެ އެތިކްސް އެންޑް ޑިސިޕްލިނަރީ އޮފިސަރު އަޙްމަދު ޒައިދާން މުޙައްމަދުއެވެ.

މުބާރާތުގެ ފޮޓޯގްރަފީ ޕާޓްނަރަކަށް ޒިމީނިއޯ ފޮޓޯގްރަފީ ހަމަޖައްސާފައިވާއިރު، ކުލަބު އަޕްރައިޒިންގގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އަޙްމަދު ޒައިދާންއެވެ. ޒިމީނިއޯ ފޮޓޯގްރަފީގެ ފަރާތުން ސޮއިކުރެއްވީ މުޙައްމަދު އާޒިމްއެވެ.

މުބާރާތުގެ ފޮޓޯގްރަފީ ޕާޓްނަރު ޒިމީނިއޯ ފޮޓޯގްރަފީއާއި ކުލަބް އަޕްރައިޒިންގއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރަނީ —

ގުރުނެގުމަށް ބޭއްވި ރަސްމިއްޔާތުގައި މަޑުއްވަރީ ކައުންސިލްގެ ރައީސް އަޙްމަދު ނާފިއު ދެއްކެވި ވާހަކައިގައި މުބާރާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔުމަށް ޓީމުތަކުން އެއްބާރުލުން ދިނުމަށާއި ރެފްރީންގެ ނިންމުންތަކަށް އިހްތިރާމްކުރުމަށް އެދިލެއްވިއެވެ.

މުބާރާތުގެ ގުރު ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން —

ގުރުނެގުމުގެ ރަސްމިއްޔާތުގައި މަޑުއްވަރީ ކައުންސިލް މެމްބަރުންނާއި މުބާރާތުގެ ބައިވެރިވެފައިވާ ޓީމުތަކުގެ އޮފިޝަލުން ބައިވެރިވެފައިވެއެވެ.

ކުލަބް އަޕްރައިޒިންގ އާއި މަޑުއްވަރީ ކައުންސިލާ އިދާރާ ގުޅިގެން “ސީ.ޔޫ ޗެމްޕިއަންޝިޕް” ގެ ނަމުގައި ބާއްވަން ހަމަޖެހިފައިވާ މި މުބާރާތް ފަށާނީ މިމަހުގެ 25 ވަނަ ދުވަހުއެވެ. މުބާރާތުގައި ފަސް ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެއީ މަޑުއްވަރީ މުސްކުޅި ބޯއިޒް، ގްރީން ސްޓަރ، އެފްސީ ޗެމްޕިއަން، އެފްސީ ބާޒު، އަދި ބްރަދަރސް އޮފް ދަ ގޭންގް އެވެ.

ޝެއަރކުރައްވާ