އެފްސީ ބާޒާއި އެފްސީ ޗެމްޕިއަން ވާދަކުރި މެޗުގެ ތެރެއިން -- ފޮޓޯ: ޒިމީނިއޯ

މަޑުއްވަރީގައި މިހާރު ކުރިއަށްދާ ސީޔޫ ޗެމްޕިއަންޝިޕްގައި އިއްޔެ ކުޅުނު މެޗުތަކުން ބްރަދަރސް އޮފް ދަ ގޭންގާއި އެފްސީ ބާޒު މޮޅުވެއްޖެއެވެ.

ބްރަދަރސް އޮފް ދަ ގޭންގުން އެޓީމު ކުޅުނު މެޗު ކާމިޔާބުކުރީ އިއްޔެ ހަވީރު ގްރީން ސްޓަރ އާއި ވާދަކޮށް 1-0 ގެ ނަތީޖާއަކުންނެވެ. މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ޢަބްދުﷲ ރަޝީދުއެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށްވެސް ހޮވުނީ ޢަބްދުﷲ ރަޝީދެވެ.  މިމެޗުން ހޯދި މޮޅާއެކު ބްރަދަރސް އޮފް ދަ ގޭންގުން ވަނީ ކުޅުނު ދެމެޗުވެސް ކާމިޔާބުކޮށްފައެވެ.

އެފްސީ ބާޒުން ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ އެފްސީ ޗެމްޕިއަންއާ ވާދަކޮށް 6-1 ގެ ނަތީޖާއަކުންނެވެ. މިމެޗުގައި އެފްސީ ބާޒުން ޖެހި ހަ ލަނޑުގެ ތެރެއިން ނަޖާހު އަބްދުލް ހަންނާން އާއި އާދަމް ނަޝްވާން މިއިން ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ޖެހިއިރު، ދެން ލަނޑުތައް ޖަހައިދިނީ އަޖުފާން އިސްމާއިލްގެ އިތުރުން މެޗު މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި މުޙައްމަދު ވިލްފްއެވެ. މިމެޗުގައި އެފްސީ ޗެމްޕިއަން އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖަހައިދިނީ ޢަބްދުﷲ ފަހުމީއެވެ.

ބްރަދަރސް އޮފް ދަ ގޭންގް އާއި ގްރީން ސްޓަރ ވާދަކުރި މެޗުގެ ތެރެއިން — ފޮޓޯ: ޒިމީނިއޯ

އެފްސީ ބާޒުން މިމެޗުގައި ހޯދި މޮޅާއެކު މުބާރާތުގައި މިހާތަނަށް ކުޅުނު ތިން މެޗުން ދެ މެޗުވަނީ ކާމިޔާބުކޮށްފައެވެ. އެފްޒީ ބާޒަށް ތިން މެޗުން 6 ޕޮއިންޓް ލިބިފައިވާއިރު، ބްރަދަރސް އޮފް ދަ ގޭންގު ވަނީ ކުޅުނު ދެ މެޗުން 6 ޕޮއިންޓް ހޯދާފައެވެ. އަދި މަޑުއްވަރީ މުސްކުޅި ބޯއިސްވެސް ވަނީ ކުޅުނު ދެމެޗުން 6 ޕޮއިންޓް ހޯދާފައެވެ. މުބާރާތުގައި ދެން ހިމެނޭ އެފްސީ ޗެމްޕިއަން އާއި ގްރީން ސްޓަރ އަށް ޕޮއިންޓެއް ލިބިފައި ނުވެއެވެ.

ޖުމަލް ފަސް ޓީމު ވާދަކުރާ މި މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމު ސެމީ ފައިނަލަށް ދާގޮތަށެވެ. މިމުބާރާތް އަންނަ މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

ޝެއަރކުރައްވާ