ބްރަދަރސް އޮފް ދަ ގޭންގާއި އެފްސީ ބާޒު ވާދަކުރި މެޗުގެ ތެރެއިން -- ފޮޓޯ: ޒިމީނިއޯ

މަޑުއްވަރީގައި މިހާރު ކުރިއަށް ސީޔޫ ޗެމްޕިއަންޝިޕްގައި މަޑުއްވަރީ މުސްކުޅި ބޯއިސް އާއި ގްރީން ސްޓަރ ވާދަކުރި މެޗު އެއްވަރުއިރު، ބްރަދަރސް އޮފް ދަ ގޭންގުން ކުޅުނު މެޗު ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނަ އަށް ޖެހިލައިފިއެވެ.

މަޑުއްވަރީ މުސްކުޅީ ބޯއިސް އާއި ގްރީން ސްޓަރ އިއްޔެ ކުޅުނު މެޗު އެއްވަރުވެފައިވަނީ 1-1 ގެ ނަތީޖާއަކުންނެވެ. މިމެޗުގައި މުސްކުޅީ ބޯއިސްއަށް ލަނޑު ޖަހައިދިނީ ޙަސަން އަލީ (ނާނި) އެވެ. ގްރީން ސްޓަރއަށް ލަނޑު ޖަހައިދިނީ ޢަލީ ރަމީޒްއެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ މުސްކުޅި ބޯއިސްގެ އަޙްމަދު ވަސީމްއެވެ.

ބްރަދަރސް އޮފް ދަ ގޭންގުން ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ އެފްސީ ބާޒާއި ވާދަކޮށް 5-0 ގެ ނަތީޖާއަކުންނެވެ. އިއްޔެ މެޗުގައި ބްރަދަރސް އޮފް ދަ ގޭންގަށް ލަނޑުތައް ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ޢަބްދުﷲ ރަޝީދުގެ އިތުރުން ހުޝާމް އިބްރާހިމް ރަޝީދު އާއި އިރްފާން އާމިރު އާއި އަލީ އިރުޝާދު އަދި ހުސައިން ފަލާހުއެވެ.

މަޑުއްވަރީ މުސްކުޅި ބޯއިސް އާއި ގްރީން ސްޓަރ ވާދަކުރި މެޗުގެ ތެރެއިން — ފޮޓޯ: ޒިމީނިއޯ

މިމެޗުން ހޯދި މޮޅާއެކު ބްރަދަރސް އޮފް ދަ ގޭންގުން ވަނީ ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް 9 ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނައަށް ޖެހިލާފައެވެ. މަޑުއްވަރީ މުސްކުޅި ބޯއިސް ކުޅުނު ތިން މެޗުން 7 ޕޮއިންޓް ލިބިފައިވާއިރު، އެފްސީ ބާޒަށް ކުޅުނު ހަތަރު މެޗުން ލިބިފައިވަނީ 6 ޕޮއިންޓެވެ. މަޑުއްވަރީ މުސްކުޅި ބޯއިސް އާ އެއްވަރުކޮށް ގްރީން ސްޓަރއިން ލިބުނު އެއް ޕޮއިންޓާއެކު އެޓީމު ވަނީ ހަތަރު ވަނައަށް ޖެހިލާފައެވެ. ގްރޫޕުގައި ފުލުގައި އޮތީ ކުޅުނު ތިން މެޗުންވެސް ބަލިވި އެފްސީ ޗެމްޕިއަންއެވެ.

ލީގު އުސޫލުން ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމު ސެމީ ފައިނަލަށް ދާގޮތަށް ކުރިއަށްދާ މި މުބާރާތުގައި ސެމީ ފައިނަލުން ބްރަދަރސް އޮފް ދަ ގޭންގާއި މަޑުއްވަރީ މުސްކުޅި ބޯއިސް އާއި އެފްސީ ބާޒުން ޖާގަ ކަށަވަރުކޮށްފައިވާއިރު މިއަދު ހަވީރު އެފްސީ ޗެމްޕިއަން އާއި ގްރީން ސްޓަރ ވާދަކުރާ މެޗުން ސެމީ ފައިނަލަށްދާ ހަތަރުވަނަ ޓީމު ކަނޑައެޅިގެން ދާނެއެވެ.

މިއަދު ހަވީރު މެޗަށް ގްރީން ސްޓަރ ނުކުންނައިރު އެޓީމަށް ނަތީޖާ އެއްވަރުކޮށްލައިގެންވެސް ސެމީގެ ޖާގައެއް ކަށަވަރުވާނެއެވެ. އެފްސީ ޗެމްޕިއަންއަށް ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރާނަމަ އެޓީމު މިމެޗުން މޮޅުވުން މުހިންމެވެ. އެފްސީ ޗެމްޕިއަންއާއި ގްރީން ސްޓަރ ވާދަކުރާ މެޗު ފަށާނީ 16:00 ގައެވެ. މިއަދު ހަވީރު ކުޅޭ ދެވަނަ މެޗުގައި ވާދަކުރާނީ ބްރަދަރސް އޮފް ދަ ގޭންގާއި މަޑުއްވަރީ މުސްކުޅި ބޯއިސްއެވެ. މިމެޗު ފަށާނީ 17:00 ގައެވެ.

ޝެއަރކުރައްވާ