ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ޙަސަން -- ފޮޓޯ: މަޖިލިސް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ދިއްގަރު ދާއިރާގެ ރަށްތަކަށް އެކުގައި މަސައްކަތްކުރެވޭނެ ރަނގަޅު ކައުންސިލެއް ހޮވައިދިނުމަށް ރައްޔިތުންގެ ކިބައިގެން އެދޭކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ޙަސަން ވިދާޅުވެއްޖެއެވެ.

އެމްޕީ އިކްރާމް މިހެން ވިދާޅުވީ އެމަނިކުފާނުގެ ފޭސްބުކް ޕޭޖުގައި އައު އަހަރާ ގުޅިގެން އައު އަހަރުގެ ތަހުނިޔާއާއި ދާއިރާގެ ރަށްތަކަށް ގެންގުޅުއްވާ ތަސައްވުރު ހާމަކުރައްވަމުން ދެއްވި ވީޑިއޯ މެސެޖެއްގައެވެ.

އެމްޕީ އިކްރާހިމް ވިދާޅުވީ ރައްޔިތުންގެ އުއްމީދުތަކާއި ދާއިރާގެ ރަށްތަކަށް ދެކެމުންދާ ތަސައްވުރު ހާސިލްކުރެވޭނީ ރަނގަޅު ކައުންސިލެއް އެކުލަވާލެވިގެންކަމަށާއި އެކައުންސިލަކީ އެމަނިކުފާނާއެކު އެއް މޭޒެއްގައި އިށީނދެ، ދާއިރާގެ މުސްތަގުބަލަށް އެމަނިކުފާނު ދެކޭ ތަސައްވުރު ހަގީގަތަކަށް ހެދުމަށް އެކުގައި މަސައްކަތްކުރާ އިހުލާސްތެރި، ހިތްވަރު ގަދަ މެމްބަރުންތަކެއް ތިބި ކައުންސިލަކަށް ވެގެން ދިއުމަކީ ކޮންމެހެން މުހިންމުކަމެއްކަމަށެވެ.

” އެންމެހާ ރައްޔިތުން ކައިރިން އަޅުގަނޑު މިއެދެނީ 2020 ވަނަ އަހަރު އެކުލަވާލެވޭ ކައުންސިލަކީ މިގޮތުން ރަނގަޅު މެމްބަރުންތަކެއް އެކައުންސިލަރުން ތިބޭނެކައުންސިލަކަށް ހަދައިދިނުމަށް. އެކަން އެންމެހާ ރައްޔިތުންނަށް ކޮށްދިނުމަށް އަޅުގަނޑު މަސައްކަތްކުރާނަން. އެމަސައްކަތުގައި ރައްޔިތުން ބައިވެރިވެ ކައުންސިލް އެކުލަވާލުމަށް އަޅުގަނޑުގެ ވިސްނުން ބަލައިގަތުމަށް އެދެން.” އެމްޕީ އިކްރާމްގެ ވީޑިއޯ މެސެޖްގައި ވިދާޅުވިއެވެ.

މި މެސެޖްގައި އައު އަހަރުގެ ތަހުނިޔާއާއި ދާއިރާގެ ރަށްތަކަށް އެމަނިކުފާނެ ގެންގުޅުއްވާ ތަސައްވުރު ހާމަކުރައްވަމުން އެމްޕީ އިކްރާމް ވިދާޅުވީ ދާއިރާގެ ފަސް ރަށަށް ކާމިޔާބަށް އެދޭކަމަށާއި ކައުންސިލް އެކުލަވާލުމަށް އެއް މިސްރާބަކަށް މަސައްކަތްކުރާ ކައުންސިލެއް އެކުލަވާލުމަށް އެންމެހާ ރައްޔިތުން އެއްބާރުލުން ދެއްވައި، އަންނަ އަހަރަކީ އެ މިސްރާބަކަށް މަސައްކަތް ފެށިގެންދާނެ އަހަރަކަށް ހަދައިދިނުމަށް އެންމެހާ ރައްޔިތުންގެ ކިބައިން ނިހާޔަތަށް އެދޭކަމަށެވެ.

އަދި ދާއިރާގެ އެންމެހާ ރައްޔިތުންނަށް ކާމިޔާބު ފާގަތި މުސްތަގުބަލެއް ލިބގެން ދިއުން އެދޭކަމަށާއި ދާއިރާގެ ރަށްތަކަކީ މިސާލު ޖަހާލެވޭވަރަށް ތަރައްގީވެފައިވާ ރަށްތަކަކަށް ވެގެންދިއުމަޑް އެދޭކަމަށް ވިދާޅުވިއެވެ.

ޝެއަރކުރައްވާ