މުސްކުޅި ބޯއިސް އާއި ގްރީން ސްޓަރ ވާދަކުރި މެޗުގެ ތެރެއިން -- ފޮޓޯ: ޒިމީނިއޯ

މަޑުއްވަރީގައި ކުރިއަށްދާ ސީޔޫ ޗެމްޕިއަންޝިޕްގެ ފައިނަލުން ބްރަދަރސް އޮފް ދަ ގޭންގް އާއި މަޑުއްވަރީ މުސްކުޅި ބޯއިސް ޖާގަހޯދައިފިއެވެ.

ބްރަދަރސް އޮފް ދަ ގޭންގުން ފައިނަލުން ޖާގަހޯދީ މިއަދު ހަވީރު ކުުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗުގައި އެފްސީ ބާޒާ ވާދަކޮށް 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. މިމެޗުގައި ބްރަދަރސް އޮފް ދަ ގޭންގުން ޖެހި ހަ ލަނޑުގެ ތެރެއިން ދެ ލަނޑު އަލީ އިރުފާދު ޖެހިއިރު، ދެން ލަނޑު ޖަހައިދިނީ އިރުފާން އާމިރު އާއި އަޔާޒް އަޙްމަދު ފަސީހް މުޙައްމަދު އަދި ޙުސައިން ނައިމްއެވެ. އެފްސީ ބާޒުން މިމެޗުގައި ޖެހި ހަމައެކަނި ލަނޑު ޖަހައިދިނީ އާދަމް ނަޝްވާންއެވެ.  މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ބްރަދަރސް އޮފް ދަ ގޭންގެ އަޔާޒް މުޙައްމަދުއެވެ.

މަޑުއްވަރީ މުސްކުޅި ބޯއިސް ފައިނަލުން ޖާގަހޯދީ ގްރީން ސްޓަރ އާ ވާދަކޮށް 3-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. މިމެޗުގައި މުސްކުޅީ ބޯއިސް އިން ޖެހި ތިން ލަނޑުގެ ތެރެއިން އިސްމާއިލް ނާޝިދު ދެ ލަނޑު ޖެހިއިރު ދެން ލަނޑު ޖަހައިދިނީ މުޙައްމަދު ޒަޔާން މުލާޒްއެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ މަޑުއްވަރީ މުސްކުޅި ބޯއިސްގެ މުޙައްމަދު ޒަޔާން މުލާޒްއެވެ.

ޑިސެމްބަރު 26 ވަނަ ދުވަހު ފެށި މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރުއެވެ.

ސީ.ޔޫ ޗެމްޕިއަންޝިޕަކީ ރަށުން ބޭރުގައި ދިރިއުޅޭ މަޑުއްވަރީގެ ރައްޔިތުންނާއި ރަށުގައި ދިރިއުޅޭ ފަރާތްތަކުގައި މެދުގައި ހާއްސަކޮށް ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމްކުރުމުގެ ގޮތުންނާއި ފުޓްސަލް ކުރިއެރުވުމާއި ޒުވާނުންގެ މެދުގައި މަޤުބޫލު ކުޅިވަރަކަށް ފުޓްސަލް ހެދުމުގެ މަޤުޞަދުގައި ބާއްވާ މުބާރާތެކެވެ.

އަދި ރަށު ފެންވަރުގައާއި އަތޮޅު ފެންވަރުގައި އަދި ޤައުމީ ފެންވަރުގައި ބާއްވާ މުބާރާތްތަކުގައި ވާދަކުރެވޭފަދަ ކުޅުންތެރިންތަކެއް އުފެއްދުމަކީވެސް މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނޭކަމެއްކަމަށް ކުލަބު އަޕްރައިޒިންގއިން މަޢުލޫމާތު ދެއެވެ.

ސީޔޫ ޗެމްޕިއަންޝިޕްގެ މީޑިއާ ޕާޓްނަރަކީ މީމު.އެމްވީއެވެ. ފޮޓޯގްރަފީ ޕާޓްނަރަކީ ޒިމީނިއޯ ފޮޓޯގްރަފީއެވެ.

ޝެއަރކުރައްވާ